ads
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫނާއި ނަޝީދު
އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް ކުރީގެ ދެ ރައީސުން ތެދުވެވަޑައިގެންފި
އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމު ތެދުވެވަޑައިގެންފި އެވެ.

އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް މި ދެ ބޭފުޅުން ވާހަކަދައްކަވާފައި މިވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާ ކަން އިއްޔެ މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނުކުރަން ނުޖެހޭ ކަމަށާ އެއީ ދީނުގައިވާ ކުރަން އޮތް ކަމެއް ނޫން ކަމަށެވެ. 

ރައީސް މައުމޫން އިތުރަށް ވިދާޅުވީ އިސްލާމްދީނަކީ ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ގޮތުންވެސް އިންސާނުންގެ ރައްކާތެރިކަމަށް ބާރު އަޅާ ދީނެއް ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. މިހާރު ވާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށް ތަސްދީގުކުރައްވާފައި ކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. 

"އެކުދިން ހިތާނުކުރުމޭ ކިޔާ ތިޔަކުރަނީ ހަމަ ޖިންސީ އަނިޔާ. މިފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ. 

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިވަޑައިގެންފަ އެވެ.

އިސްލާމިކް މިނިސްޓަރު މިމަހުގެ ފަސްވަނަ ދުވަހު ފޮނުއްވި އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މިމައްސަލައިގައި ފަތުވާއަކަށް އެދުނީ އިސްލާމިކް މިނިސްޓްރީން އެކަން ކުރަން ބޭނުންވާތީ ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ. 

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ އަދި އެއީ ހިތްވަރުދޭ ކަމަކަށް ނުވާތީވެސް އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ މިނިސްޓަރު އަމީން ވަނީ ބާތިލްކުރައްވާފަ އެވެ.  

ރާއްޖޭގައި ބައެއް އަންހެން ކުދިން ހިތާނުކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަދެކެވެ އެވެ. އަންހެން ކުދިން ހިތާނުކުރުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވާތީ ސިއްހީ މާހިރުން ގެންދަވަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް