ads
ކިންގް ސަލްމާން މިސްކިތް
އިސްލާމް ދީނަށް ހަޖޫޖެހުން! ނުހުއްޓުވުނު އަމަލެއް!
ފަހަކަށް އައިސް ދިވެހި މި މުޖަތަމައުގެ ތެރެއިން ފެނިގެން މިދަނީ، ގަބޫލް ކުރަން ދަތި، ހިތްދަތި މަންޒަރު ތަކެކެވެ. ގަބޫލްކުރަން ދައްޗަސް މިއީ އަދު މި ދިވެހި މުޖްތަމައު ތެރޭގައި ހިނގަމުން އަންނަ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަދި އެހާމެ ބޮޑު ފާފައެއްވެސް މެއެވެ.

ދައްކަން މިއުޅެނީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހިޔަލުގެ ދަށުގައި އޮތް މި ދިވެހި ރާއްޖޭގެ ބައެއް ފަރުދުންގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކައެވެ. ދައްކަން މިއުޅެނީ، މުސްލިމުގެ ނަމުން ނަންދީފައިވާ ބަޔަކު ކުރާ ހަޑިހުތުރު އަމަލުތަކުގެ ވާހަކައެވެ. ދައްކަން މިއުޅެނީ، އެކަންކަން ހުއްޓުވަންތިބޭ ފަރާތްތަކުގެ ޒިންމާ ތަކުގެ ވާހަކައެވެ.

އެއްބަޔަކު މާތްވެގެންވާ މިސްކިތްތައް އެބައިމީހުންގެ ފާހާނާއަށް ހަދަމުން ދާއިރު، އަނެއްބަޔަކު ދަނީ، ދެއިރު ދެދަޅައަށް ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ.  

މިކަންކަމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އަޑުއިވިގެންދަނީ، މިފަދަ އަމަލުތައް ކުރަމުންދަނީ، ވިސްނުމުގައި އުނިކަން ހުރި ކޮންމެވެސް މީހެއް ކުރި ކަމެއްގެ ގޮތުގައެވެ. ސުވާލަކީ، ވިސްނުމުގައި އުނިކަން ހުންނަ މީހާ އަށް ހަމައެކަނި ކުރަން އެނގޭ ކަމަކީ، މިސްކިތްތަކަށް ހިތުހުރު ގޮތެއް ހެދުންތޯއެވެ؟ 

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާނަމެވެ. ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ހުރެގެން ތިމާ މިއީ ރަސޫލެއް ކަމަށް ދައުވާކޮށް އުޅުނު އަޑާ މަންޒަރު ހަނދާން ހުންނާނެ ކަމަށް ހީކުރަމެވެ. އެމީހާއަކީ، މުރުތައްދު ވެފައި ހުރި މީހެއް ކަމަށް ކަމާއި ބެހޭ އިދާރާތަކުން އޭރު ނިންމިއެވެ. އަދި އޭނާ ރާއްޖެއައުމުން ފުލުހުން ހައްޔަރުވެސް ކުރިއެވެ. އެހެން ނަމަވެސް ދެން އަޑުއިވިގެން ދިޔައީ، އެމީހާ އަކީ ވިސްނުމުގައި މައްސަލަތަކެއް ހުރި މީހެއްގެ ގޮތުގައި ޑޮކްޓަރުން ނިންމު ނިންމުމެވެ. އެއާއި އެކު އެމީހާ މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔައީ، ބޯކިރު ކޮޅެއްހާ ސާފު ހުދު ފޮތިކޮޅެއް ހެނެވެ. 

ގދ އަތޮޅު ތިނަދޫއިންވެސް އިސްލާމް ދީނަށް ހަޖޫޖަހާ ފުރައްސާރަ ކުރި މީހަކު ފުލުހުން ހިފާ ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް އެމީހާވެސް މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔައީ އެމީހާ ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރަން ޝަރުތު ކޮށްފައި ކަމަށް ބުނާ އަޑު އަހަމެވެ. 

ދެން މިއޮތީ ދާތި އިހާކައް ދުވަހު މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ އިތުރުން، ހުކުރު މިސްކިތް ތެރެއަށް ކުޑަކަމުދިޔަ މީހާގެ ވާހަކައެވެ. އެމީހާ ކުރި ހަޑިހުތުރު އަމަލުގެ ސަބަބުން އެމީހާ ހައްޔަރު ކުރިތޯ ނޫސްވެރިން ފުލުހުންގެ ގުރޫޕްގައި ސުވާލު ކުރުމުން ފުލުހުން ދިން ޖަވާބުން ދެން ވާނެ ގޮތާއި މެދު ވިސްނާލީމެވެ. ފުލުހުން އެދުވަހު ބުނީ، "އެމީހާގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އެމީހާ އަކީ ސިކުނޑީގެ އައިބުކަމެއް ހުރި މީހެއް ކަމަށެވެ. ނުކުޅެދޭ މީހެއް ކަމަށެވެ. އެހެން ކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާނޫނުން ލިބިދޭ ހާއްސަ ހިމާޔަތް އޭނާއަށް ލިބިފައި ވާކަމަށެވެ." 

އެމީހާ ބަންދުން ދޫކޮށްލުމާއި އެކު، ދެން އަޑު އިވުނީ ހަތިމަށް ކުޅުޖެހި މީހެއްގެ ވާހަކައެވެ. މިއީ ކާކުތޯ ބަލާލިއިރު މިއީ މިސްކިތަށް ކުޑަކަމުދިޔަ "ނުކުޅެދޭ" މީހާއެވެ. ހަތިމަށް ކުޅުޖެހީ، ދިމާވި "ޓެކްނިކަލް އެރާ" އެއްގެ ސަބަބުން ކަމަށް އެމީހާ ބުނިކަމަށްވެސް ވެއެވެ. 

 ދެން މިއޮތީ މީގެ ހަފްތާއެއްގެ ކުރިން އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް މީހަކު ބޮޑުކަމުދިޔަ ވާހަކައެވެ. އެމީހާ ބޮޑުކަމު ދިޔައީ، އިމާމުމީހާ ނަމާދު ކުރަން ހުންނަ ތަނަށެވެ. އަދި އެކަން ފޮރުވަން އެމީހާ ވަނީ އެތަނުގައި މުސައްލައެއް އަޅާ ފޮރުވާފައެވެ. މީގެ އިތުރުން ރަށުގައި ހުރި އެހެން މިސްކިތެއްގައި ހުރި ހަތިމުތަކަކަށްވެސް އެމީހާ ގެއްލުން ދިނެވެ. 

ފުލުހުން އެފަރާތުުގެ ވާޖިބު އަދާ ކުރުމުގެ ގޮތުން އެމީހާ ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ހަމަ އެދުވަހު އޭނާ ދޫކޮށްލީ، އެމީހާ އެންމެ ސިކުންތަކުވެސް ބަންދުގައި ބަހައްޓައިފިނަމަ އެމީހާގެ ހާލަތު ގޯސް ވެދާނެ ކަމަށް ބުނެއެވެ. މިސްކިތުގެ ހުރުމަތް ކެނޑުން މައްސަލައަކަށް ނުވިއެވެ. 

މި ހިއްސާ ކުރީ ފަހުގެ ތާރީހެއްގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ދީނަށް ހަޖޫޖެހުމުގެ ބައެއް ހާދިސާތަކެވެ. ދެން ހިތުގައި އުފެދޭ ސުވާލަކީ، މިކަންކަން ހުއްޓުވަންޖެހޭ ކަމާއި ބެހޭ އިދާރާތައް ކޮބައިތޯއެވެ. ނޫނީ ދީނާއި ހިލާފު ކަންކަން ކުރާ ފަރާތްތަކަށް ގާނޫނުގެ ދިގު އަތް ނުފޯރަނީ ތޯއެވެ. ނޫނީ ހަމަ ރަނގަޅަށްވެސް "ގާނޫނު އަންދާ" ވީތޯއެވެ. 

ސިކުނޑީގެ މައްސަލަ ހުރި ކަމަށްބުނެ މީހާ އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ބަދަލުގައި، ދައުލަތުގެ ބެލުމުގެ ދަށަށް އެމީހާ ގެންދިއުމީ، އެމީހާއަށް އަދި މުޅި މުޖްތަމައުއަށްވެސް ފައިދާ ހުރި ގޮތް ނޫންބާވައެވެ. ހަމަ ޔަގީނުންވެސް ދައުލަތުން ހަރަދުކޮށްގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބެލެހެއްޓުމަށް ތަނެއް އެބަހުއްޓެވެ. އެހެން ކަމުން އެމީހުންގެ ހިމާޔަތުގެ ދަށަށް މިބުނާ މީހުން ނުގެންދެވެންވީ ފަހެ ކޮން ސަބަބެއް އޮވެގެންތޯއެވެ؟ ނޫނީ މިއީ ކުރިން ބުނިހެން ގާނޫނުން މާމަތީގައި ތިބި މީހުން ތޯއެވެ. 

ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު މިއަދު އާދޭސް ކުރަމުންދަނީ، އިސްލާމް ދީނަށް ހަޖޫޖަހާ ކަންކަން ކުރާ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ދިނުމަށެވެ. ނުވަތަ އެމީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމުގައި ވާނަމަ އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ. މިއީ މުޅި މުޖްތަމައުގެ އާއްމު މަސްލަހަތު ހިމާޔަތް ކުރެވިގެންދާނެ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް