އަންނަ އަހަރު ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން މުބާރާތްވެސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ ހޯމަ ދުވަހު ޑާކާގައި އޮތް އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބައްދަލުވުމުގައި ރާއްޖެއަށް އަންނަ އަހަރުގެ މުބާރާތުގެ ފުރުސަތު ދިނުމުންނެވެ. މި މުބާރާތް ދެހާސް ސަތާރަވަނަ އަހަރުވެސް ރާއްޖޭގައި ބޭއްވިއެވެ. އޭގެ ފަހުން، މި ދިޔަ އަހަރުވެސް އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ނުބޭއްވުނެވެ.
ސެންޓްރަލް ޒޯން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު އިރު، މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމުން ކުޅުނު ހުރިހާ މެޗަކުންވަނީ ބަލިވެފައެވެ. ފިރިހެން ޓީމު ހަތަރު މެޗުން ބަލިވިއިރު އަންހެން ޓީމުވަނީ ފަސް މެޗުން ބަލިވެފައެވެ.