ads
ވައިގެ މަގުން އެތެރެކުރި މަސްތުވާތަކެތި. ފޮޓޯ: ކަސްޓަމްސް
މަސްތުވާތަކެތީގެ ދުމުން މުޅި ދައުލަތް ކޮށި އަރުވާލަނީ!
މަސްތުވަތަކެތީގެ މައްސަލައަކީ މި ޖީލުގެ މީހުން ބަލަބަލާ ތިއްބާ ރާއްޖެއަށް ލަނގުވެ މުޅި ރާއްޖެ ހިސޯރުކުރި ވަބާއެކެވެ. އެ ބަވާއިން ގައުމު ސަލާމަތްކުރުމަށް ސަރުކާރުތަކުން ބައެއް ކަންކަން ކުރި އެވެ. ސުވާލަކީ އެ ކަންކަން ކުރީ އެ މައްސަލަ ހައްލުކުރެވޭނެ މިންވަރަށްތޯ އެވެ. ނުވަތަ ގަސްދުގައި އެ ވަބާގައި ދިވެހިން ޖެއްސީ ސިޔާސީ މަންފާއަށްތޯ އެވެ.

އިއްޔެއަކީ ބޮޑު ދުވަހެކެވެ. ތަފާތު މައްސަލަތަކުގައި އަތުލައިގެންފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލީ އިއްޔެ ކ. ދޫނިދޫގަ އެވެ. އެ މަސްތުވާތަކެތި ނައްތާލުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. ބޭނުމެއް ނުވިސްނުނެވެ. މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި ވެސް ނައްތާލި އެވެ. ބޮޑެތި ރަސްމިއްޔާތުތަކެއް ނުބާއްވަ އެވެ. ފަހުގެ ތާރީހަށް ބަލާ ނަމަ މަސްތުވާތަކެތި ނައްތާލުމަށް ރަސްމިއްޔާތެއް ބޭއްވި އިއްޔެކަމަށް ވެދާނެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނައްތާލި މަސްތުވާތަކެތީގެ އަގު މިލިއަނުން ގުނާލެވޭނެ އެވެ. މިލިއަނުން ގުނާލެވޭ މަސްތުވާތަކެތި ނައްތާލި ރަސްމިއްޔާތު ވެގެންދިޔައީ ވަރަށް ތަފާތު ރަސްމިއްޔާތަކަށެވެ. މަސްތުވާތަކެތި ނައްތާލުމަށްވުރެ އެ ރަސްމިއްޔާތުގައި ހިނގި ދެކަމެއް މާ މުހިންމުވި އެވެ. އެއީ ހޯމް މިނިސްޓަރު އިމްރާނު އަބުދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްކެވި ވާހަކަގެ ސަބަބުންނެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 500 އާ ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތީގެ ތެރެއަށް މީހުން ވަންނަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި އިތުރު 43 ތަނެއްގައި މަސަތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުންދާ ތަން ހުރި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ އެތައް ޒަމާނެއް ވީއިރުވެސް ހައްލު ނުކުރެވިފައިވާ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލިފައި ވާކަމަށެވެ. އަދި ރާއްޖޭގައި ހިނގާ ކުށްތަކުގެ 85 އިންސައްތަ އަކީ ކޮންމެ ވެސް ގޮތަކުން މަސްތުވާތަކެއްޗާ ގުޅިފައިވާ މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ޕޮލިސް ކޮމިޝަރު އެ ދެއްކެވި ވާހަކައަކީ ވަރަށް ބޮޑު ވާހަކަ އެކެވެ. ހާއްސަކޮށް އޭނާ އެ ދެއްކެވި ހިސާބު އަދަދުތަކުން ބިރުން ފިއްކަނޑައިގެން ނުދާވާރެއް ވެސް ނޫނެވެ. ސަބަބަކީ ރާއްޖޭގައި ހިނގާ ކުށްތަކުގެ 85 އިންސައްތަ މައްސަލައަކީ ކޮންމެ ވެސް ގޮތަކުން މަސްތުވާތަކެއްޗާ ގުޅިފައިވާ މައްސަލައެއްކަމަށް ވިދާޅުވުމުންނެވެ.

އެ އަދަދު ކިޔާލަން ކުޑަ ނަމަވެސް މިއިން މި ފެންނަނީ ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރެވެ. މިކަން ސިޔާސީ މީހުން ނުދަންނަ ކަމަށް ހަދައިގެން މަސްތުވާތަކެތިން ލިބޭ މާލީ މަންފާ ހޯދުމުގައި ސިޔާސީ މީހުން އުޅޭކަމުގެ ވާހަކަ އަކީ ތޯތޯ ވާހަކައެއް ވެސް ނޫންކަން އިއްޔެ އަނެއްކާ ޔަގީންވި އެވެ. އެއީ ރަސްމިއްޔާތުގައި ހޯމް މިިނިސްޓަރު އިމްރާނު ދެއްކެވި ވާހަކައިންނެވެ. ހޯމް މިނިސްޓަރު ވިދާޅުވީ ޑްރަގުގެ މާލީ މަންފާ ލިބޭ ސިޔާސީ މީހުންގެ ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާކަމަ ށެވެ. ނަމަވެސް އެ މީހުންގެ ނަންތައް ވިދާޅުވާކަން ކެރިވަޑައިނުގެންނެވި އެވެ. ޖެހިވަޑައިގެންނެވީ ފަހަތަށެވެ. ބުރަވީ ފަހަތު ފަޔަށެވެ.

މަސްތުވާތަކެތިން މާލީ މަންފާ ލިބޭ ސިޔާސީ މީހުން އެނގިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ އާދައިގެ ވާހަކައެއް ނޫންނެވެ. ހަމަ އެ ހަމައިން ބަލާ ނަމަ މަސްތުވާތަކެތިން މާލީ މަންފާ ލިބޭ ސިޔާސީ މީހުންގެ ނަންތައް ހާމަކުރައްވަން ފަސްޖެހިވަޑައިގެންނެވުމަކީ އަދި މާ ބޮޑު މައްސަލައެކެވެ. ގާނޫނު ތަންފީޒުކުރުމުގެ އިސް އާރުކާޓީއަކަށް ހުންނަވައިގެން އެ ފަދަ ވާހަކައެއް ވިދާޅުވުމަކީ ތަހުޒީބު ދުނިޔޭގައި ބަލައިގަންނަން ފަސޭހަ ވާހަކައަކަށް ނުވާނެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ނުބެލުމާއި އެ ތަކެތި ރާއްޖެއަށް އެތެރެވާ ދޮރުތައް ބަންދުނުވާ މައްސަލާގައި ޒަމާނުންސުރެ ސަރުކާރުގެ ބޮލުގައި އަޅުވަނީ ހަގީގަތެއް އޮވެގެންކަމަށް ބެލެވިދާނެ އެވެ. ސަރުކާރު ހިންގަން ބިލިއަނުން ރުފިޔާ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަ ކުރާއިރު ރާއްޖެއަށް އޮތް އެންމެ ބޮޑު މައްސަލައަށް ހައްލެއް ނުލިބިދާ ދިއުމަކީ ސިޔާސީ ވެރިންގެ އިހުމާލު ނޫން ދެން ކޮން ކަމެއްތޯ ސުވާލު ކުރަންޖެހެ އެވެ. 

ސިޔާސީ މީހުން ހާއްސަކޮށް ވެރިކަން ކުރަން އެ ވަގުތަކު ތިބި ބަޔަކު ބޭނުން ހުރިހާ ކަމެއް ގައުމަށް ކޮށްލަމުންދާ އިރު މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށާއި އެކަމުގައި ކޮށި އަރައިގެން ދުވާ ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ މަންޒަރު ރައްޔިތުންނަށް ދައްކަން އުޅުމަކީ ހުރިހާ ސަރުކާރުން ވެސް ކުރަމުންދާ ކަމެއްކަމަށް ފެނެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އިންތިހާއަށް ގޮސް ސިޔާސީ މިހުންނަށް އެ ނުބައި ވިޔަފާރިން ނަފާ ނަގާ ވާހަކަ ހޯމް މިނިސްޓަރު ވިދާޅުވާ ހިސާބަށް ދިއުމަކީ ސަރުކާރުގެ ތެރެއަށް ވެސް ޑްރަގުގެ ނުބައި ދުށް ފޯރާފައިވާކަމުގެ ނިޝާނެއްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ސަރުކާރުގެ ޒިންމާތައް ނަގަންޖެހޭ ސިޔާސީ މީހުން މަސްތުވާތަކެތީން ލިބޭ މާލީ ނަފާއިން ފައިދާ ހޯދާ ހިސާބަށް ގައުމު ވައްޓާލުމަކީ މިއަދަކު އަދި އިއްޔެ އަކު ކުރި ކަމެއް ކަމަށް ނުބެލެވެ އެވެ. ނަމަވެސް ދުވަހުން ދުވަހަށް ޑްރަގުގެ ވަބާގައި ދިވެހިންގެ ތެރެެއިން ކުޑަކުދިންނާއި ޒުވާނުން އަދި ސިޔާސީ މީހުން ޖެހެމުންދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އެ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވަނީ ޑްރަގު ވިއްކައިގެން ކޮންމެ ވެސް އެއް ގޮތަކަށް މާލީ މަންފާ ލިބޭތީ ކަމަށް ވެދާނެ އެވެ. ނަމަވެސް މައްސަލައަކީ މިއީ ގާނޫނީ ދައުލަތެކޭ ބުނާއިރު ދައުލަތް ހިންގުމަށް ހަވާލުވާން ތިބި ސިޔާސީ މީހުން ވެސް ޑްރަގުގެ ވަބާގައި ޖެހި ފަހަތު ފަޔަށް ބުރަވާތީ އެވެ. މަސްތުވާތަކެތި އަތުލައިގަންނަ އިރު އެ ތަކެތި އަތުލައިގަތުމަށް އަމަލުކުރަން ޖެހޭ އިޖުރާތްތަކަށް އަމަލުނުކޮށް އޮޕަރޭޝަންތައް ހިންގުމާއި ސީނަށް ދާ ފުލުސް މީހާ ހަނދާން ނެތިގެން ކަންކަން ނުކޮށް އަންނަ ވާހަކައަކީ މިއަދު ނުދައްކާ ދޫކޮށްލަން ޖެހޭވަރުގެ ވާހަކަތަކެއް ނޫނެވެ.

ޑްރަގު މައްސަލަތައް ކޯޓަށް ފޮނުވައިގެން ޑްރަގު ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރާ މީހުން ކޯޓުތަކުން ދޫވާ ވާހަކައަކީ އަބަދު ވެސް އިވޭ އަޑެެކެވެ. ނަމަވެސް ސުވާލަކީ އެ އަޑުތަކުން ރަށުތެރެ ގުޑުމާއިރު ފުލުހުންނަށް ހެދޭ ގޯސް ތަކުރާރުވާ ނަމަ އެކަމަށް އޮތް ފަރުވާ ސަރުކާރަށް ނުވަތަ ފުލުހުންނަށް ހަމަ ނޭނގެނީތޯ އެވެ.

ހަމަ ބުއްދިން ވިސްނާ ފިކުރުކުރާއިރު އެކަންކަން ސަރުކާރަށާއި ފުުލުހުންނަށް ނޭނގި ނުދާނެތާ އެވެ. ނަމަވެސް މައްސަލައަކީ އެކަން ކޮންމެ ވެސް ސަބަބަކާ ހެދި އަތްދަށުން ގޮސް ޑްރަގު ވިޔަފާރު ކުރާ ކަމަށް ތުހުމަތުކުރާ މީހާ ދޫވެގެން އޭނާގެ ވަޒީފާގައި ރެ އާއި ދުވާލު އުޅެމުން ދިއުމެވެ. އެވަރުވެގެންދާ އިރު ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވަމުންދަނީ ހަމަ ބުއްދީގައިތޯ ބަލާލަން ވެސް ޖެހޭނެ އެވެ. ނަމަވެސް އެކަން ކުރަން ކެރޭވަރުގެ ބަޔަކު ދައުލަތުގެ ތެރޭގައި ތިބިތޯ މިއީ އަނެއްކާ އަނެއް ސުވާލެވެ. ސިޔާސީ މީހުންގެ ތެރޭގައި މަސްތުވާތަކެތި ވިއްކައިގެން ލިބޭ މާލީ މަންފާ ލިބޭ މީހުންު އުޅޭކަމަށް ސަރުކާރުން ބުނާއިރު އަދި ވަކިން މި ސުވާލު އާ ކުރަންޖެހެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއަކީ ރާއްޖޭގައި ހައްދެއް ނެތް މިންވަރަށް ފުޅާވެ އެ ވިޔަފާރިން ލިބޭ މާލީ މަންފާއިން އެތައް ކަމެއް ކުރަމުންދާ ގައުމަކަށްވާ އިރު އެ ނުބައި ބަވާއިން ގައުމު ސަލާމަތް ކުރުމަށް ޒިންމާ އަދާކުރަން ތިބޭ މީހުން ފަސް ޖެހޭ ނަމަ ދުވަހަކު ވެސް ރާއްޖެއިން ޑްރަގުގެ މައްސަލަ ހައްލެއްނުވާނެ އެވެ. ނަން ބުނަން ޖެހެލުންވުމާއި މައްސަލަތައް ބަލަށް އުޅޭ މީހުންގެ ހަނދާނުން ކަންކަން ކައްސާލައިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ގަވާއިދުން ނުކޮށް ދޫކޮށްލާ ނަމަ ސަރުކާރުން ވެސް ޑްރަގުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެވެ.

މިހާރު ވެސް ރައްޔިތު މީހާ ގަބޫލު ކުރަނީ ދިވެހި މުޖުތަމައުގައި މަސްތުވަތަކެތީގެ ވިޔަފާރީ އާއި އޭގެ މުއާމަލާތް ކުރަނީ ސަރުކާރުގެ ފަރުވާކުޑަކަމުން ނުވަތަ ސަރުކާރުން ކުރުވާތީ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ވާހަކަ ދައްކާ މިންވަރަށް ނުވަތަ އެ ބާރު މިނުގައި ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާފައިނުވާކަން ދޭހަވާ ސަބަބު އެ ދައްކަވަނީ ޕޮލިސް ކޮމިޝަނަރު އެވެ. ތަފާސް ހިސާބުން އޭނާ އެކިޔައިދެއްވަނީ ސަރުކާރުން ޑްރަގު މައްސަލާގައި އަތް އުރާލައިގެން ތިބިކަމުގެ ވާހަކަ ބާވަ އެވެ. 

ރާއްޖޭގައި ހިނގާ ކުށްތަކުގެ 85 އިންސައްތަ މައްސަލައަކީ ކޮންމެ ވެސް ގޮތަކުން މަސްތުވާތަކެއްޗާ ގުޅިފައިވާ މައްސަލަކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވަމުންދާ އިރު ސަރުކާރު ދުވެލި ހުރީ ކިހާވަރެއްގަ ތޯ މިން ކުރާނީ ރައްޔިތުން މީހާ އެވެ. މަގުމަތީގައި އާވާރާވެފައި ތިބި މީހުންގެ އަދަދު މަދެއްނުވެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ބުނާ ބޮޑުންގެ ހަރަކާތްތައް ހުއްޓުވިފައިވާ ކަމަކަށް ނުބެލެވެ އެވެ. މިހެން ކިޔާނެ ކަމެއް ނެތެވެ.

ޑްރަގުގެ ދުމުން މުޅި ޖައްވު ނުސާފުކޮށްލި އިރު ވެސް ސަރުކާރުން އުޅެނީ އަދި ވެސް ޓާސްކްފޯސް ހަދައިގެން ޑްރަގު މައްސަލަ ހައްލުކުރުމުގަ އެވެ. ވެރިން އުޅެނީ ބޮޑުންގެ ނަންތައް ހާމަކުރަން ބިރުންނެވެ. ޓާސްކްފޯސް ހަދައިގެން ޑްރަގު މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ވާހަކަތައް ދައްކާތާ މިހާރު 30 އަހަރުވެދާނެ އެވެ. އަދި ވެސް ހަދަނީ ޓާސްކް ފޯސް އެވެ. ކުރަނީ މަޝްވަރާ އެވެ. ހަގީގީ މޫ ފުހެލަން ނުވަތަ މޫ ނަގާކަން އަމާޒެއް ނެތް ކަހަލަ އެވެ. ޑްރަގު މައްސަލަ ހައްލުކުރަން ކުރާ މަސައްކަތް މިހާރުވެފައިވަނީ އަމާބުނީތީ ފަރަށްދާ އުސޫލުުން ކުރާ ކަމަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް