ads
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު
ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދަންނަވަން ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ
އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އިންތިހާބަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ޝާހިދު ނިއު ޔޯކަށް ވަޑައިގެންނެވިފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަތީ، އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޮކްޓޯބަރު ހަވަނަ ދުވަހު އެވެ. 

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެފަހަރު ރާއްޖެއަށް ވަޑައިގެން އެނބުރި ނިއު ޔޯކަށް ވަޑައިގެން ހުންނަވަނީ އެތަނުގައެވެ. 

އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބަތެވެ. އެ މުނާސަބާ އިފްތިތާހުކޮށްދެއްވުމަށް މިފެށޭ ޖެނުއަރީ މަހު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ރާއްޖެ ވަޑައިގެންނަވާނެކަން ހާމަަކޮށްފައިވަނިކޮށް ފޮރިން  މިނިސްޓްރީން މިއަދު ބުނީ ވަންގް އަށް ރާއްޖެއިން މަރުހަބާ ދަންނަވާނީ މިނިސްޓަރު ޝާހިދު ކަމަށެވެ. 

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ރާއްޖެ ވަޑައިގަންނަވާނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެއީ މިފެށޭ ޖެނުއަރީ މަހުގެ ހަތަކުން ފެށިގެން އަށަކާއި ހަމަޔަށެވެ. 

ހަ އަހަރު ފަހުން ޗައިނާގެ ސަރުކާރުގެ ފަރާތުން އިސް ބޭފުޅަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ މިވަޑައި  ގަންނަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކަމަށް އެ ގަައުމުގެ އެމްބަސީން ބުނެއެވެ. 

ޗައިނާގެ ސަރުކާރުގެ ފަރާތުން އެންމެ ފަހުން ރާއްޖެ ވަޑައިގަންފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ދަތުރުފުޅެއްގައެެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ގާތްގުޅުމެއް ޗައިނާއާއިއެކު ގާއިމު ކުރަމުން ދިޔަނަމަވެސް 2018 ވަނަ އަހަރު ވެރިކަން އެމްޑީޕީގެ ސަރުކާރަކަށް ބަދަލުވިފަހުން ގާތްގުޅުމެއް ބާއްވަމުންދަނީ އިންޑިއާއެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި، ރާއްޖޭގެ ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް