ads
ސްކޫލްތަކުގައި ހިންގި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި
ސްކޫލްތަކުގައި ހިންގި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަމަލުކުރަމުންދާ އިންކްލޫސިވް އެޑިޔުކޭޝަން ސިޔާސަތުގެ މައިގަނޑު އެއް ތަރަހައަކީ، ހުރިހާ ކުދިންނަށް ވެސް ބައިވެރިވެވޭ މަންހަޖެއް ސްކޫލްތަކުގައި ތަންފީޒުކުރުން ކަމަށެވެ. އަދި ތައުލީމީ ގޮތުން އިތުރު އެހީ ބޭނުންވާ ކުދީންނަށް އެ އެހީތެރިކަން ފޯރުކޮށްދީގެން، ސްކޫލް ހަޔާތުގެ ހުރިހާ ހަރަކާތްތަކުގައި ބައިވެރިކުރުން ކަމަށްވެސް ބަޔާނުގައިވެ އެވެ.


މިނިސްޓްރީން ބުނެފައިވާ ގޮތުން ސްކޫލްތަކުގައި ހިންގަމުންދިޔަ، ދަސްވާރު ޕްރޮގްރާމް އަމާޒު ކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމުގައި ވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުން ތަކަކަށް ކޮށްފައެއް ނުވެ އެވެ.

އެގޮތުން ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. 

"އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށްވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމު ލިބިފައިވުމެވެ. ދަސްވާރު ސްކްރީމަށް ބައެއް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

އެގޮތުން ސްކޫލްގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާ ކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމުގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

މީގެއިތުރުން ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ "ލުއި" ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.


"ނަތީޖާއަކަށް ވެފައިވަނީ ސްކޫލަށް ދިއުމުގެ މަގުސަދު ބައެއް ދަރިވަރުންނަށް ހާސިލްލްވެފައި ނުވުމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަންފީޒު ކުރަމުންދާ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތާ ގުޅިގެން، ސްކޫލްތަކުގައި ކުރިން ހިންގަމުން ދިޔަ "ދަސްވާރު ޕްރޮގްރާމް" ސްޓްރީމްއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފަ އެވެ." އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މިބަޔާނުގައި ވަނީ ބައެއް ސްކޫލްތަކުގައި ފާއިތުވެދިޔަ އަހަރު ތަކުގައި ދަސްވާރު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ކަންވެސް ފާހަގަކޮށްފަ އެވެ. ސްޓްރީމެއްގެ ގޮތުގައި ދަސްވާރު ސްޓްރީމް ނެތުނަސް ސްކޫލުގައި ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގިނަ ފަރާތްތަކުގެ ލަފަޔާ އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުން ހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމެވެ. އެގޮތުން މިކަމަށް ވާންޖެހޭ ތައްޔާރީތައްވުން މިހާރު ވަނީ ފެށިފަ އެވެ." ބަޔާނުގައިވެ އެވެ.


މަގުސަދަކީ، ހުނަރަކީ ހަމައެކަނި ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އުއްމީދަކީ ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ގާބިލު، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ އެނގޭ، އަދި ދިވެހި ބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް