ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކޮންމެ ފަރުދަކުވެސް ގައުމުގެ ތަރައްގީގައި ބައިވެރިވުން މުހިއްމު: ރައީސް
ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަމަށާއި، މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިހްލާސްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

އާ އަހަރަކަށް މަރުހަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެ ވެސް އުންމީދަކަށް ވާނީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައި ވިދާޅުވަމުން ރައީސް ވަނީ ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމައު އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައި ފާހަގަކުރައްވާފައެވެ.

ހަމަ އެފަދައިން ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ވެސް، ދިވެހިރާއްޖެ މިއަދު މިވަނީ، އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިފައިކަމަށާއި، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ރުޖޫއަވެވިފައި ވިޔަސް، ކޮވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫންކަން ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ހަގީގީ ތަރައްގީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މިފެށުނު އާ އަހަރަކީ، ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވާފައެވެ. އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހްރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށާއި، އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ތަރައްގީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާސިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ މަންފާ ގައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް