ads
ޓީއެފްޖީން ބޭއްވި މެރަތަންއެއް މެޑަމް ފަޒްނާ ނިންމަވަނީ -- ފޮޓޯ: ރައީސް އޮފީސް
ފުލް މެރަތަންއެއް ނިންމެވި ދެވަނަ ފަސްޓް ލޭޑީ އަކަށް މެޑަމް ފަޒްނާ!
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު 42 ކިލޯމީޓަރުގެ ފުލް މެރަތަންއެއް ނިންމަވާ ހާއްސަ ޝަރަފެއް ހޯއްދަވައިފި އެވެ.

މެޑަމް ފަޒްނާ މި ޝަރަފް ހޯއްދެވީ ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި މިއަދު ބޭއްވި 42 ކިލޯމީޓަރުގެ ފުލް މެރަތަން 5 ގަޑިއިރާއި 39 މިނެޓުން ނިންމައިގެންނެވެ. 

މެޑަމް ފަޒްނާ ފުލް މެރަތަން ނިންމެވުމާ ގުޅިގެން އެކަމާ ވެގެން ގޮސްފައިވަނީ ފުލް މެރަތަންއެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަށެވެ. 

މީގެކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ފުލް މެރަތަން އެއް ނިންމަވާފައިވާ ފަސްޓް ލޭޑީއަކީ ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާ އެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ދުވެވަޑައިގެން އެކަމަނާ މެރަތަން ނިންމެވީ ހަތް ގަޑިއިރާއި ހަތަރު މިނިޓުންނެވެ.

މެޑަމް ފަޒްނާ ފުލް މެރަތަންއެއް ނިންމަވާ ހޯއްދެވި ޝަރަފާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަވަނީ އެކަމަނާ އަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މެރަތަންއެއް ފުރިހަމަކުރުމަކީ ގަދަ ހިތްވަރެއް ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަނދާންވޭ މޮރިޝަސްގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ކުރިއަށް ދިޔަ ދުވަސްވަރު މި އިވެންޓަށް ތައްޔާރުވުމުގެ ގޮތުން އެކަމަނާ ޕްރެކްޓިސް ކުރެއްވި ހަނދާން، މިއީ ވަރަށް ގިނަ ވަގުުތުތަކަކާއި ބުރަ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގު (މަރޭ) ވިދާޅުވީ މެޑަމް ފަޒުނާ އަކީ މެރެތަންއެއް ނިންމި ދެވަނަ ފަސްޓްލޭޑީކަމަށް ބެލެވޭ ކަމަށެވެ. ދުވުމުގެ އެއްވެސް ގިންތިއަކުން ކެންޔާއަށްވުރެ ކުރި ހޯދުމަކީ ބޮޑޫ މޮޅެއް ކަމަށްވެސް މަރޭ ވިދާޅުވި އެވެ. 

މެޑަމް ފަޒްނާ މިއަދު މެރަތަން ނިންމެވިއިރު އެކަމަނާ އަށް މަރުހަބާ ވިދާޅުވީ ފިރިކަލުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދަރިކަނބަލުން ސާރާ އައިޝާ އިބްރާހީމް އެވެ.

ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި މިދިޔަ އަހަރު ބޭއްވި މެރަތަންގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް