ads
އަނިޔާކޮށް ގޯނާކުރުމަށް ހިއްވަރުދީ މީޑިއާތަކުން ހަބަރު ފަތުރާ: ފުލުހުން
ކުޑުކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކުގައި މީޑިއާތަކުން ހަބަރު ފެތުރުމުގައި އެފަދަ މައްސަލަތަކުގައި ތުހުމަތުކުރވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިއްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދު ކަންކަން ކުރަންޖެހޭ ގޮތްކަމަށް ދެއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުން، ހާއްސަކޮށް ޒުވާނުން ހިންގާ ހަރަކާތްތަކަށް މިސަރވިސްއިން މަރުހަބާކިޔައި ހިއްވަރުދޭކަމަށެވެ.  

"މިހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސް ޖެހުމެއް ނެތި އެފަދަ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމައުގެ ތެރޭގައި އުޅޭ މިފަދަ އަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދިނުމަށްމަގުފަހިވާނެކަމެއްކަމުގައި ދެކެން،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 


ނަމަވެސް ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ހާއްސަކޮށް ޒުވާނުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ހިލާފް އަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭފަދަ އަމަލުތައް ތަކުރާރު ކުރަމުންދާކަން ދަނީ ފާހަގަކުރެވޭކަމަށް ވެސް ފުލުހުން ބުންޏެވެ. 

"މިގޮތުން މީހުން ދިރުއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން މިސަރވިސްއިން ހިތާމައާއިއެކު ފާހާގަކުރަން،" ފުލުހުން ބުންޏެވެ.

މިފަދަ ޢަމަލުތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްސަދާއިވެސް ހިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް ފުލުހުން މިރޭ އިލްތިމާސްކުރިއެވެ. 


މިފަދަ މައްސަލަތައް ބަލާ ތަހްޤީޤްކޮށް ކުށް ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މިސަރވިސްއަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް