މި މަޝްރޫޢުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާރ ނިޒާމް ތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތުމީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެއް ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ހޯމް ސޯލާ ޕްރޮގްރާމު ހިންގުން ފެނަކަ ކޯޕަރޭޝަނާ އި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ސަރުކާރުން މި މަޝްރޫޢު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން 2ކވ ގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ.
އަދި، މިއީ ރިވޯލްވިން ފަންޑެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއަކަށް ވާތީ، މި އަދަދު މުސްތަގްބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށާއި، މިގޮތުން، 2ކވ ގެ 1000 ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން 9 ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ ކަމަށެވެ.
މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު، އަހަރަކަށް 10 މިލިއަން ރުފިޔާ ކަމަށާއި، މި ސަލާމަތް ކުރެވޭ ތެލުގެ ސަބަބުން، އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަނު ކާރބަން ޑައިއޮކްސައިޑް މަދު ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މިސާލަކަށް، 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން 2ކ ވ ގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ، ބިލުގެ 90 އިންސައްތަ ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ. ވީމާ، މާލީ ބޮޑުތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށް ބައްލަވައިގަނެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް، އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒު ކޮށްފައިވާތީ، އެ ޓާގެޓް ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން، އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.