ads
ސިހުރު ހާހޫރައިގެ ބަލިމަޑުކަން!
ސިހުރު ހާހޫރައިގެ މައްސަލަ ރާއްޖޭގެ ބޮޑެވެ. އެއީ އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތް ބޮޑު މައްސަލަ އެކެވެ. އިހުގައި ސިހުރު ޖެހި އެތައް ބަޔަކު މަރުވެފައި ވެއެވެ. ހިތާމައަކީ މިއަދުގެ މި ޒަމާނުގައި ވެސް ސިހުރުގެ ސަބަބުން މީހުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމެވެ.

ސިހުރު ހަދަނީ ކީއްވެ؟

ސިހުރުގެ ސަބަބުން ކުދިންގެ ކިޔެވުން ހަލާކުވެ، އާއިލާތައް ރޫލި، ގިނަ ދެރަ މައްސަލަތަކެއް ދިމާވެ އެވެ. މީހުން ސިހުރު ހަދަނީ ދުނިޔަވީ އެކި އެކި މަންފާތައް ހޯދުމަށާއި، ހަސަދައިގެ ސަބަބުން މީހުންނަށް ދެރަ ދިނުމަށެވެ. އިންތިހާބުތަކާއި ދިމާކޮށް ވެސް ސިހުރުގެ ވާހަކަ ރާއްޖޭގައި ދެކެވެ އެވެ. 

އެގޮތުން ސްކޫލުތަކުގެ ކުދިންނަށް ސިހުރު ދިމާވަނީ ވޯޓު ފޮށި ސްކޫލުތަކުގައި ބަހައްޓާތީ، އެތަނަށް ހަދާ ސިހުރުގެ ސަބަބުން ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް، ރައީސް އަބްދުﷲ ޔާމީނަށް ސިހުރު ހަދަން އުޅޭ ކަމަށް ބުނެ ހދ. ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.



އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސްރީ ކަންކާގެ އަސޭލާ ނަމަކަށް ކިޔާ މީހެއްގެ އެހީ ރައީސް ޔާމީން ހޯއްދެވި ކަމަށް ވެސް ތުހުމަތު ކުރެވުނެވެ. ތާރީހުގެ ތެރެއިން ބަލާއިރު ކުރީގެ ރައީސް އަމީން ދީދީ އަވާހަރަކޮށްލުމަށް ބަޔަކު ސިހުރު ހެދި ކަމަށް ވެސް ފޮތްތަކުގައި ބުނެ އެވެ. ރައީސް މައުމޫނު އަވަހާރަ ކޮށްލުމަށް ވެސް ބަޔަކު ސިހުރު ހެދިއެވެ. މިހެން ގޮސް، ސިޔާސީ ކަންކަމުގައި ވެސް ސިހުރު ހާހޫރައިގެ ބޭނުން ދިވެހިން ކުރާތާ އެތައް ސަތޭކަ އަހަރެއް ވެދާނެ ކަން ނޭނގެ އެވެ.

ބޮޑުވެގެންވާ ފާފައެއް:

އިސްލާމިކް މިނިސްޓްރީންް ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މީގެ ކުރިން އިއްވާފައިވާ ހުތުބާގައި ބުނެފައިވަނީ ސިހުރު ހެދުމަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެއް ކަމަށާއި، އެއީ އިސްލާމީ މުޖުތަމައެއްގައި ފެތުރިގެންވާނެ ކަމެއް ނޫން ކަމަށެވެ.



ސިހުރު ހަދަނީ މާތްﷲއަށް އުރެދި ޝައިތާނާއަށް ތަބާވެ ޝައިތާނާގެ ފަރާތުން ބާރުލިބިގެން ކަމަށާއި، އެކަމުގެ ސަބަބުން ދީނުން ބޭރުވާ ފަދަ ކަންކަމަށް މަގުފަހިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ؛ "ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ! ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟" ހަދީޘްކުރެއްވި އެވެ؛ "މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ހައްގަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ހައްގަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި ޢިއްފަތްތެރި މުއުމިނު އަންހެނުންނަށް ގަޛްފު ކުރުމެވެ."

ރައްކާތެރިވުމަށް ކުރެވޭނީ ކޮން ކަމެއް؟


ސިހުރަކީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ގަބޫލު ކުރި ނަމަވެސް އެއީ ސާބިތުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަމުން ރައްކާތެރިވެ ތިބެން ޖެހެއެވެ. ސިހުރު ހާހޫރައިގައި ނުޖެހި ތިބުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތަކުގައި ހިފަންޖެހެއެވެ.

އެގޮތުން ސިހުރުން ސަލާމަތްވުމަށް ފުރަތަމަ ކަމަކަށް މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް އިހުލާސް ފަލަގި ނާސި ތިން ސޫރަތާއި އާޔަތުލް ކުރިސި ކިޔެވުމަށާއި، މާތްﷲއަށް ވަކީލު ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.



އޭގެ އިތުރުން ހާރުދަމުގެ ވަގުތަކުގައި މާތްﷲ އަށް ދުއާ ދެންނެވުމަށާއި، ފަސް ނަމާދަށް ރައްކާތެރިވުމަށާއި، ގުރުއާން ކިޔެވުމަށާއި، ހެނދުނައި ހަވީރުގެ ޒިކުރުތައް ކިއުމަށާއި، ފާފަތަކުން ތައުބާވުމަށާއި، މީސްތަކުންނަށް ހެޔޮފޯރުވައި އިހުސާންތެރިވުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިޔާޒް އަބްދުލް ލަތީފް ސީއެންއެމް އަށް ވިދާޅުވީ ސިހުރު ހާހޫރައިގެ ކަންކަން ރާއްޖޭގައި ފެތުރިފައި އޮތް މައްސަލަ ހައްލު ކުރެވޭނީ މީހުން ހޭލުންތެރި ކޮށްގެން ކަމަށެވެ. އެގޮތުން ދީނުގައި އެކަން އޮންނަ ގޮތް މީހުންނަށް ސާފުވާން ޖެހޭ ކަމަށާއި ސަލާމަތްވާން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.



"އެފަދަ ކަމެއް ދިމާވެއްޖެނަމަ ހެނދުނާ ހަވީރުގެ ޒިކުރުތައް ވަރަށް ބަރާބަރަށް ރައްކާތެރިވެ، އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ރުގްޔާތައް ކުރުންޖެހޭނެ،" އިޔާޒު ވިދާޅުވި އެވެ. އިޔާޒުގެ ނަސޭހަތަކީ އެފަދަ ކަންކަމުން އެންމެވެސް ދުރުވެ ތިބުމެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް