ads
ހޯމް މިނިސްޓަރު އިމްރާން——ފޮޓޯ: ސީއެންްއެމް
ހޯމް މިނިސްޓަރަށް ޑްރަގް މައްސަލަ ހައްލު ނުވީތަ؟
މަސްތުވާތަކެތީގެ އަޑިނޭނގޭ ހަރަކާތްތަކަކީ ރާއްޖޭގައި އެންމެ ވަރުގަދައަށް ހިންގާ "ސިއްރު ޕްރޮޖެކްޓެވެ". އެ ޕްރޮޖެކްޓްުގެ އަގު ބިލިއަނުން ގުނަމުންދާއިރު މަސްތުގެ ބަލިމަޑުކަން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ގަދައަށް ފެތުރިފައެވެ.

މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން 80 ގެ އަހަރުތަކުން ފެށިގެން ރާއްޖެއަށް އަރައިގެން އައި މަސްތުގެ ރާޅުގެ އުސްމިން މިހާރު އެނގޭކަށް ނެތެވެ. އެރާޅުގައި ނުޖެހޭ މީހުން ވެސް ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުންނެވެ. ކޮންމެ ހަފްތާއަކުވެސް މަސްތުވާތަކެތީގެ އެތައް މައްސަލައެއް ދަނީ ފެންމަތި ވަމުންނެވެ. ފުލުހުން އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނެއެވެ. ގިނަ ފަހަރަށް އިޖުރާއަތްތައް ފުރިހަމަ ނުވެގެން މައްސަލަތައް ކޯޓުން ބޭރުވެ އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރަށް ގެންދެވޭ އެތައް ބަޔަކު ސަލާމަތް ވެއެވެ. 

ކަންބޮޑުވާ ވާހަކަ އެކެވެ. ރައީސް ވިދާޅުވި ވާހަކަ އެކެވެ. ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަންނާތީ އެއް ބަޔަކު ކަންބޮޑުވާ ވާހަކަ އެވެ. އެދި އެބަޔަކު ކަންބޮޑުވި ނަމަވެސް އެކަން ކުރެއްވުން ހުއްޓާ ނުލައްވާނެ ވާހަކައެވެ. 

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލަންދޫ ބަނދަރު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މުޖްތަމައުގެ ހުރިހާ ފަރުދުންނަށް އަމާން ކަމާ އެކު ހިތްހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭނީ، އިޖްތިމާއީ ގޮތުން ހަމަޖެހޭ މާހައުލެއް ގާއިމް ކުރެވިގެން ކަމަށެވެ. 

އަދި މިއަދު ރާއްޖޭގެ އިޖްތިމާއީ ހަމަނުޖެހުން ގެއްލިފައި ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި، މިވަބާ ރާއްޖޭގެ ގިނަ ރައްތަކުގައި ފެތުރިފައި ވާކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ވާކަމަށާއި އެކަމުގެ ނަތީޖާ މިއަހަރުގެ މެދު ތެރޭ ފެނިގެން ދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ހިފެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ ފަރާތުން ފެނިގެންދަނީ ޝުކުރު ހައްގުވާ މަސައްކަތެއް ކަމަށާއި، މަސްތުވާތަކެތި ހިފެހެއްޓުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށެވެ. 

ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުން އަންނަ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ނިމިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މަސްތުވާތަކެތި އަތުލައިގެންފައި ވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއަށް އެތެރު ކުރާ މަސްތުވާތަކެތި ހިފެހެއްޓުމުން އެކަމާ މެދު ކަންބޮޑުވާ ބަޔަކު ތިބޭ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި، އެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.  

ރިކޯޑް އަދަދަކަށް މަސްތުވާތަކެތި އަތުލައި ގަނެވުނު ކަމުގައިވިޔަސް ރާއްޖޭގެ ހާލަތަށް ކުޑަ ވެސް ބަދަލެއް އައިސްފައިވާކަމުގެ އިހުސާސްއެއް ނުވެ އެވެ. އޭގެ ވިހަ އަސަރު ދިވެހީންގެ ނާރުތަކުގައި ކޮންމެ ދުވަހަކު ހުރެއެވެ. އަދި އެ ވިހަ ފެތުރޭލެއް ވެސް މަދުކަމަކަށް ނުދައްކައެވެ. 

ހޯމް މިނިސްޓަރު ދާދި ފަހުން ދެއްވީ ނުރައްކާތެރި މެސެޖެކެވެ. މަސްތުވާތަކެތީގެ މަންފާ ލިބޭ ސިޔާސީ މީހުންގެ ނުރައްކާ ނަފްސަށް އެބަ އޮތްކަމަށް ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިވެ.

މަސްތުވާތަކެތި ނައްތާލުމަށްޓަކައި ފުލުހުން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އޭގެ ވިޔަފާރީން ނަފާ ހޯދަމުންދާ މީހުން އުޅުމާއި، އަދި އޭގެ ތެރޭގައި ބައެއް ސިޔާސީ މީހުން ވެސް އުޅުން ކަމަށެވެ. 

އިމްރާން ވިދާޅުވީ މި ވާހަކަތައް ހާމަ ކުރައްވަމުންދަނީ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހެޅި ހުރެގެން ކަމަށާއި ނަންތައް ހާމަނުކުރިޔަސް އެ މީހުން އެ މަސައްކަތް ތަކުން ދުރުވުމަށް ގޮވާލާ ކަމަށެވެ. މިނިސްޓަރު އިމްރާންވަނީ މިފަދަ މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުން އޮތެވެ. އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކާއެކު ހައްޔަރު ކުރެވުނު މީހުން، ޝަރީއަތަށް ދިއުމުގެ ކުރިން ދޫވުމުގެ ފަހަތުގައި ބަޔަކު ހަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އެމީހުންނާ ހަމައަށް ފޯރުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެމީހުން މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާއެކުގައި ނުވަތަ އެމީހުންގެ ފަހަތުގައި ކަމަށެވެ. 

މިނިސްޓަރު އިމްރާން ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިން ފުލުހުން ގެންދަންޖެހޭ ހިސާބަށް އެބޭފުޅުން ގެންދާނެ ކަމަށާއި، އެހެން ނަމަވެސް ބައެއް ވިޔަފާރި ވެރިންނާއި، ސިޔާސީ ބައެއް މީހުންގެ އެފަދަ މަސައްކަތްތައް ގައުމަށްޓަކައި ހުއްޓުވަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ހިމާޔަތުގައި ތިބޭ ސިޔާސީ މީހުންގެ ނަންތައް ހާމަ ކުރުމަށް އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ. މިނިސްޓަރު ވިދާޅުވީ އެއީ ފުލުހުންނަށް ވެސް އަދި ރައްޔިތުންނަށް ވެސް ފާހަގަވެފައިވާ ކަންކަން ކަމަށެވެ. 

ނޫސްވެރިންނަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާޅުވީ އެވާހަކަ ދައްކަންވީ ނޫސްވެރިންކަމަށާއި، އެންމެ ފަހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވުނު މީހުންނަށް ވިސްނާލުމުން އެއީ ކޮންބައެއްކަން އެނގޭނެ ކަމަށެވެ. 

އެހިސާބުން މިނިސްޓަރުގެ ޒިންމާ ނިމުނީ ބާވައެވެ؟ މިސަރުކާރުގެ ވެރިކަމުގެ ތިން އަހަރު މިހާރު މިވަނީ ފާއިތުވެފައެވެ. ތިން އަހަރު ދުވަހަށް ފަހު މިނިސްޓަރު، ސިޔާސީ މީހުން މިމަސައްކަތުގައި އުޅޭ ވާހަކަ ވިދާޅުވެ، އެއީ ކޮންބައެއްކަން ހާމަ ނުކުރެއްވުމަކީ މައްސަލައެކެވެ. އަދި މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުއްވަންޖެހޭ ފިޔަވަޅު ވެސް އަޅުއްވަން ޖެހެ އެވެ. އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވަނީ ނަފްސު ރިސްކު ކުރައްވާފައި އެމަސައްކަތް ކުރައްވާ ކަމަށެވެ. މިނިސްޓަރުގެ "ނަފްސު" ރިސްކުގައި އޮންނައިރު ދެންތިބި ރައްޔިތުންގެ ނަފްސަށް ވާނީ ކިހިނެއް ހެއްޔެވެ؟ 

ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެހެންކަމުން މި ވިޔަފާރި ފުޅާވެފައި އޮތް މިންވަރު ހާމަވެއެވެ. އެހެން ނަމަވެސް ގާނޫނު ތަންފީޒު ކޮށް މިކަން ހުއްޓުވަން ތިބި މީހުންގެ "ނަފްސަށް" ގެއްލުންވާ ހިސާބަށް ހިންގައްޖެ ނަމަ ދެން ހައްލު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ހަމައެހެންމެ އެކަން ހައްލު ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ނަމަ، މަގާމުގައި ހުރުމުގެ ބޭނުމެއް ވެސް ނެތެވެ. 

ބިލިއަނުން ކުރާ ވިޔަފާރީގައި ސިޔާސީ ބައެއް މީހުންނ ޖެހިގެން ކޮށި އަރާއިރު ގާނޫނުތައް ވެސް މަސްތުވާތަކެތީގެ ދުމުން ނުހިނގަނީތާ އެވެ. އެހެން ވާ ނަމަ މިނިސްޓަރު އިމްރާނަށް އެވަރުވުމަކުން އެއީ މައްސަލައެއްތޯ ނިންމާނީ ވެރިން ހޮވުމަށް ވޯޓް އަޅާ ރައްޔިތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް