ads
ހަމަލާ އަމާޒުވި ކުއްޖާ ހޭނެތިގެން މާލެ ފޮނުވާލަނީ——
ނިލަންދޫ މާރާމާރީ: ދަރިފުޅު ދިރިހުއްޓާ ފެންނާނެ ކަމަކަށް އުންމީދެއް ނުކުރަން: މަންމަ
ފ. ނިލަންދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ގަލުން ތަކުރާރުކޮށް ހަމަލާދީ ކުޑަކުއްޖެއްގެ ބޮލުގެ އެކި ތަންތަނުން ޒަހަމުކޮށްލައިގެން އެމަޖެންސީގައި މާލެ ގެނައީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

"ސީއެންއެމް" އާއި ވާހަކަ ދައްކަމުން ކުއްޖާގެ މަންމަ ސަމީރާ އިބްރާހިމް ބުނީ، ދަރިފުޅު ވަރަށް ބޮޑަށް ޒަހަމުވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމުގެ މައުލޫމާތު ލިބުނީ ގޭގައި ހުއްޓާ ކަމަށެވެ. އެ ހަބަރާއިއެކު ވަގުތުން ހޮސްޕިޓަލަށް ދިޔައިރު، ދަރިފުޅުގެ ބޮލުން ވަރަށް ބައިވަރު ލޭ ފައިބަމުންދިޔަކަމަށާއި، ބާލީހުގައިވެސް އޮތީ ހުސް ލޭ ކަމަށެވެ. ސަމީރާ ބުނީ އެގޮތަށް ދަރިފުޅު ފެނުމުން ދިރިހުއްޓާ ދަރިފުޅު ލިބޭނެ ކަމުގެ އުންމީދުވެސް އޭނާ ނުކުރާ ކަމަށެވެ. 

"ފުރަތަމަވެސް ފެނުނީމަ ވަރަށް ދެރަވި. ބިރުގަތް، އުންމީދެއް ނުކުރަން އޭރު އަޅުގަނޑުގެ ދަރިފުޅު ދިރިހުއްޓާ ލިބިދާނެ ކަމަކަށް. ދަރިފުޅު ގެނައި މީހާގެ ގައިގާވެސް އޮތީ ލޭ، ބާއްވާފައި އޮތް ބާލީހުގައިވެސް އޮތީ ހުސްލޭ ވަރަށް ގިނައިން ލޭ އަންނަމުން ދިޔަ. މާލެ ގެނައި އިރުވެސް ލޮލެއްވެސް ނުހުޅުވާ ވާހަކައެއްވެސް ނުދައްކާ." ސަމީރާ ކިޔައިދިނެވެ.

ސަމީރާ ބުނީ ދަރިފުޅު ދިރިހުއްޓާ ނުފެންނާނެ ކަމަށް ހީކުރެވުނީ ދަރިފުޅަކީ ކުރިންވެސް ބަލި ކުއްޖަކަށްވާތީ ކަމަށެވެ. ސަމީރާ ކިޔައިދިން ގޮތުން ދަރިފުޅަކީ އެންމެ ކުޑައިރުންސުރެވެސް ކަންކަމާއި ދެރަވެ، ނޫނީ ރުޅިއައުމުންވެސް ކުއްލިއަކަށް ވެއްޓޭ ކުއްޖެއް ކަމަށެވެ. 

މާލެ ގެނެސް ފަރުވާދީ މިހާރު ދަރިފުޅުގެ ހާލު ރަނގަޅުވެފައިވާކަން ފާހަގަކުރަމުން ސަމީރާ ބުނީ، އިތުރަށް ގެއްލުމެއް ލިބިފައިވާކަން އެގޭނީ ސީޓީ ސްކޭންގެ ނަތީޖާ ލިބުމުން ކަމަށެވެ. 

މިވަގުތުވެސް ދަރުފުޅު ކައިރީ ހޮސްޕިޓަލުގައި ހުރި ސަމީރާ ބުނީ، އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ލިބިފައިވަނީ ކުޑަގެއްލުމެއް ނޫންކަމުން އެމައްސަލަ ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށެވެ. 

"މައްސަލަ އަޅުގަނޑު ދުލެއް ނުކުރާނަން. ބޮލުގެ ހަތަރުވަރަކަށް ތަން ވަނީ ފެޅިފައި. ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާތީ ފަހާފައި އެބައިން އެއްތަން." ސަމީރާ ކިޔައިދިނެވެ.

ސަމީރާ ބުނީ ދަރިފުޅަށް ހަމަލާދިން ކުދިން އަދިވެސް ތިބީ މިނިވަންކޮށް ކަމަށެވެ. 

އެކަން ހިނގާފައިވަނީ ރޭ 21:00 އާއި 22:00 އާއި ދެމެދުގެ ވަގުތެއްގައެވެ. އެ މާރާމާރީ ހިނގާފައިވަނީ އެކީގައި އުޅޭ ކުދިންތަކެއްގެ މެދުގައެވެ. ހަމަލާ އަމާޒުވީ އޭގެތެރެއިން 17 އަހަރުގެ ކުއްޖަކަށެވެ. ހަތަރު ކުއްޖަކު ވެގެން އެކުއްޖާއަށް ހަމަލާދީފައިވަނީ ނިލަންދޫ ހިއްކި ސަރަހައްދުގައި ޖަހާފައިވާ އުސް ފަސްގަނޑަކަށް ކުއްޖާ ގެންގޮސްގެން ގަލުންނެވެ. އެއީ މީހުން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ. 

އިތުރު ތިން ކުއްޖަކު އެކުއްޖާ ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައިވާއިރު ހަމަލާ އަމާޒުވި17 އަހަރުގެ ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވަނީ ހަތަރު ކުއްޖަކުވެގެން އެ ކުއްޖާގެ ސީދާ ބޮލުގައި ގަލުން ތެޅުމުގެ ސަބަބުންނެވެ. އެކުއްޖާ އެމަޖެންސީގައި މާލެ ފޮނުވާލިއިރު އޮތީ ހޭނެތިފައެވެ. 

އެ މާރާމާރީއަކީ އަންހެން ކުއްޖެއްގެ މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށް ވާހަކަ ދެކެވުނުނަމަވެސް މިކަމުގައި މަންމަގެ ބަސް ތަފާތެވެ. 

ސަމީރާ ބުނީ، އެފަދަ ގޮތަކަށްވެސް ވާހަކަދެކެވެމުންދާ ކަމަށާއި، އޭނާއަށް ސީދާ އެކަން ހިނގީ ކީއްވެގެންކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ކުއްޖާ ބުނާގޮތުން އެ މާރާމާރީ ހިނގީ ފައިސާގެ ކަންތައްގަނޑެއްގައެވެ. 

އެކުދިންނަކީ އާއްމުކޮށް ވަރަށް އެކުވެރިކޮށް އެކީ އުޅުނު ކުދިންތަކެއްކަން ފާހަަގަކޮށް ސަމީރާ ބުނީ، ދަރިފުޅަށް ހަމަލާދިން ކަމަށް ދަރިފުޅު ބުނަނީ އެ ފައިސާގެ ކަންކަން އެ ކުއްޖާ ފަޅާ އަރުވާލުމުން ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ވީކަންކަން ކުއްޖާ ހިއްސާކޮށްފައި ނުވާތީ ސީދާ އެކަން ހިނގައިދިޔަ ގޮތްވެސް ނޭނގޭކަން ސަމީރާ ފާހަގަކުރިއެވެ. 

15%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް