ads
ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ހުކުމް މާދަމާ

:ފޯނެއް ނުދިން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށްކޮށްފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން މާދަމާ ހުކުމް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ. މި މައްސަލައިގާ ހައިކޯޓުގައި އެންމެ ފަހުން އޮތް އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާންކޮށްފައިވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި މާދަމާ އޮންނާނީ މިމައްސަލައިގައި ހުކުމް ކުރުމެވެ.  އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އިއްވި ޝަރީއަތް ހިންގުމުގައި އިޖުރާއީ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެފަދަ ހާލަތެއްގައި ޖެހޭނީ ހުކުމް ބާތިލްކުރަން ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި ބުނެފައިވެ އެވެ. 

އެކެއް ފެބުރުއަރީގެ އަމުރާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް އެ މަނިކުފާނުގެ މައްޗަށް އެކިއެކި ތުހުމަތުތަކުގައި ދައުވާ އުފުލި އެވެ. އޭރު އެ މަނިކުފާނާއި އެކު އެއް މައްސަލައެއްގައި ދައުވާ އުފުލި މީހުންގެ ތެރެއިން ބައެއް މީހުން މިނިވަންވިތާ އެތައް ދުވަހެއް ވީއިރުވެސް ޢަބްދުﷲ ސައީދުގެ މައްސަލަ އޮތީ މަޑު ޖެހިފަ އެވެ. ދަށު ކޯޓުން އެއް ގަޒިއްޔާއަކުން ބަލައި ހުކުމް ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްސަލައާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރިތާވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ޢަބްދުﷲ ސައީދުގެ މައްސަލައިގެ އަޑު އެހުންތައް ފެށުނީވެސް މި އަހަރު އެވެ.

ފޯނެއް ނުދީގެ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅީ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން އަބްދުﷲ ސައީދުއާ ދެކޮޅަށް ކުރި ހުކުމަކީ އެއް އަހަރާއި ހަތް މަސްދުވަހަށް ޖަލަށް ލުމެވެ. އޭގެ ފަހުން ވެރިކަން ބަދަލުވެ، ރައީސް ޔާމީން މިހާރު އަންނަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީންގެ މައްސަލަވެސް އޮތީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގަ އެވެ. މި މައްސަލައިގެ އަޑު އެހުންތައް މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް