ads
މާލޭގެ މަގުތައް ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކުރުން-- ފޮޓޯ މާލޭ ސިޓީ ކައުންސިލް
މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއު އާރްޑީސީއަށް!
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ހިންގަން ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު މިއަދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެގޮތުން 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު ޝިފާ މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

މި އެއްބަސްވުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ޕާކިންގެ މައްސަލަ އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރާނެ އެވެ. އެގޮތުން މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. 

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ މި މަޝްރޫއު ފަށަން ހަމަޖެހިފައިވަނީ މާލޭގެ އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް އޮތް ސަރަހައްދުން ކަމަށެވެ. އެގޮތުން މިމަޝްރޫއު ފަށާނީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުން ކަމަށްވެސް ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ އެ ސަރަހައްދަކީ މުޅި މާލޭގެ އެންމެންނަށް ވެސް ވަރަށް އުނދަގޫވާ ސަރަހައްދެއް ކަމަށާއި އެހެންކަމުން އެ ސަރަހައްދުން މަސައްކަތް ފަށަން ނިންމިއިރު މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޝިފާ ލަފާ ކުރައްވަ އެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން މި ފަށާ މަސައްކަތްތަށް ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާނެކަން ޝިފާ ފާހާގަކުރައްވަ އެވެ. 

މީގެއިތުރުން މިރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ މާލޭގެ މަގުތަކަކީ މިތަނުގައި ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެއް ކަމުން މިއަދު މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކުރެވިގެން ދިއުމާއެކު ރައްޔިތުންނަށް ހިތްހަމަޖެހުމުގެ ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުއަކީ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނުވާނެ މަޝްރޫއުއެއްކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ މި މަޝްރޫއާ އެކު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފަށައި ސްކޫލުތަކުގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ދިނުމުގެ ޕްލޭން ވެސް އެބައޮތް ކަމަށެވެ. އެއާއެކު މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ޝިފާ ފާހަގަކުރައްވަ އެވެ. 

ޝިފާ އިތުރަށް ވިދާޅުވީ މަގުތައް ތަރައްގީކުރާއިރު އުޅަނދުތައް ޕާކު ކުރުމަށް 21 ތަނެއް ކަނޑައަޅާނެ ކަމަށެވެ.

އާރްޑީސީން ބުނި ގޮތުގައި މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ. އަދި އެމަސައްކަތް ކުރަން މިހާރު ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ރުހުން ލިބިފަ އެވެ.

މާލޭގެ މަގުތައް ހަދާނީ ހަތަރު ގޮތަކަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑް އެވެ. އެގޮތުން މި މަގުތައް ހަދާނީ ފެނާއި ނަރުދަމާއި އަދި ކަރަންޓާއި ޑީވޯޓަރިން ފަދަ ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅުވާލެވޭނެ ގޮތަށް ކަމަށެވެ.

މާލޭގެ މަގުތަކުގައި އަޑިގުޑުންތައް ގިނަކަމުން ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް ވެސް އިންތިހާއަށް ދަތިވާތީ އެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ފާއިތުވެއްޖެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް