ads
ފޮޓޯ އީސީ:-
ބައި އިލެކްޝަންގެ ކެމްޕޭން ހަރަކާތް މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދަން ގޮވާލައިފި
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަން ގޮވާލައިފިއެވެ.

އީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެމްޕޭން ހަރަކާތް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ކެނޑިޑޭޓެއް ތަމްސީލްކުރާ ފަރާތަކުން އަނެއް ކެނޑިޑޭޓުގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މި ފަހަކަށް އައިސް ކެމްޕޭން ތަކުގައި އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރަފާނެ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ އީސީ އަށް އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެހެން ކަމުން ކެމްޕޭން ކުރާ އިރު އެއްވެސް ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ހަރަކާތެއް ރާވާ ހިންގުމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދީ ސުލޫކީ މިންގަނޑުން ބޭރު ނުވެ ކަންކަން ހިންގުމަށް ހުރިހާ ޕާޓީ އަކަށް ވެސް އީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ރަށްރަށުގެ ކައުންސިލްގެ ބައި އިލެކްޝަންތައް ވެސް ބާއްވަން ނިންމާ އިދާރީ ކަންކަން ބާރު ސްޕީޑުގައި އީސީ އިން ކުރަމުން އަންނަ އިރު އެންމެ ފޯރި ނަގަނީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައެވެ.

އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާއި ގުޅިގެން ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީ އިން ވަނީ ބައިވެރި ވެފައެވެ.

އެގޮތުން ތިން ޕާޓީން ވެސް ކެނޑިޑޭޓަކު ނެރެ ހުރިހާ ޕާޓީ އަކުން ވެސް އަންނަނީ ކެނޑިޑޭޓުންގެ ކެމްޕެއިން ފޯރި ގަދަކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް