ads
މީރާގެ ހަރަކާތެއްގެ ތެރެއިން
ޑިސެމްބަރުމަހު މީރާއަށް 2 ބިލިޔަން ރުފިޔާ ބަލައިގެންފި
ޑިސެންބަރު މަހު މީރާއިން 2.03 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

ޑިސެންބަރު 2021 ގައި މީރާއަށް 2.03 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. 

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައި ބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރު ވުމެވެ. 

މިގޮތުން، ނޮވެމްބަރު 2020 އާއި އަޅައިބަލާއިރު، ނޮވެމްބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 4 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ މިންވަރު މަދުވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ބުނެއެވެ. މި ފީ ޑިސެންބަރު 2020 ގައި މީރާއަށް ލިބިފައެއް ނުވެއެވެ.

ޑިސެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 47 އިންސައްތަ ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 24 އިންސައްތަ ނުވަތަ 485.44 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ (7.6 އިންސައްތަ)، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ (4.7އިންސައްތަ)، ގްރީން ޓެކުހުގެ ގޮތުގައި 94.41 މިލިއަން ރުފިޔާ (4.7އިންސައްތަ)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ (12އިންސައްތަ) ލިބިފައިވެއެވެ.

ޑިސެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް