ads
ކޮމަންޑޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ވަފުދު----
ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ހިމެނޭހެން ބޮޑު ވަފުދެއް ކޮމަންޑޫއަށް
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނޭހެން އެމްޑީޕީގެ ބޮޑު ވަފުދެއް ކޮމަންޑޫއަށް ވަަޑައިގެންފި އެވެ.

މި ދަތުރުގައި އެމްޑީޕީގެ ވަޒީރުންގެ ބޭފުޅުންގެ އިތުރުން ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ. 

މި ދަތުރުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގަންނަަވާ ގޮތަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ މިއަދު ވަޑައިގަތީ ކޮމަންޑޫއަށެވެ.

މިނިސްޓަރު މާރިޔާ އާއި ޝާހިދުގެ އިތުރުން މިދަތުރުގައި ބައިވެރިވަނީ

  1. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
  2. ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް
  3. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު 
  4. ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން 

ރާޝިދުގެ ކެމްޕެއިނަށް ލޯންޗު ކޮށްދެއްވުމަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެރަށަށް ވަޑަައިގެންފައެވެ. އެދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހިމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަޑައިގެންނެވި އެވެ. މީގެ އިތުރުން އެރޭ ބޭއްވި ހާއްސަ ޖަލްސާގައި އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ވަޒީރުންގެ ބޭފުޅުންނާއިއެކު އެމްޑީޕީގެ ބޮޑު ވަފުދެއް އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ކެމްޕެއިންނަށް އެދާއިރާގެ ތިން ރަށަށް ވަޑައިގެންއިރު، މިދުވަސްވަރަކީ ކޮވިޑާއި ގުޅިގެން އެޗްޕީއޭގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެކެވެ. އެގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކޮވިޑް ސާމްޕަލް ނެގަޓިވް ޕީސީއާރް ޓެސްޓެއް ބޭނުންވާއިރު، 50 އަށްވުރެ ގިނަ މީހުން އެއްވާ ހަފްލާތަކާއި އެއްވުންތައްވެސް ވަނީ ބޭއްވުން މަނާކޮށްފައެވެ.

އިންތިހާބުގައި ވާދަ ކުރުމަށް ރާޝިދު ކުރިމަތިލުމުގެ ކުރިން ހުރީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. ރާޝިދު ވަނީ މީގެ ކުރިން ފޯކައިދޫ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައެވެ. 

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ، މެމްބަރު ކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި ނިޔާވުމާއި ގުޅިގެންނެވެ. 

މި ދާއިރާގެ ބައި އިލެކްޝަން އަށް އެމްޑީޕީގެ ފަރާތުން ރާޝިދު ކުރިމަތި ލައްވާފައި ވާއިރު، ޕީޕީއެމްގެ ފަރާތުން ކުރިމަތި ލައްވާފައި ވަނީ، މޫސާ ފަތުހީ އެވެ. އަދި އެމްއެންޕީގެ ފަރާތުން މި ގޮނޑިއަށް ވާދަ ކުރައްވަނީ، އަބްދުލް ހަންނާނު އިދުރީސްއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބްރުއައީ މަހުގެ ފަސް ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް