ads
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ )ގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު
ކޮވިޑް-19 މެނޭޖު ކުރުން އެޗްޕީއޭއަށް ވާނެ ކަމެއް ބާ!
ކޮވިޑް-19 ގެ ތެރޭގައި އުޅެމުންދާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރުވެސް ރާއްޖޭގެ އިދާރާތަކުން އެކަމަށް ހޭލުންތެރިވެފައި ހުރި މިންވަރު ކުޑަ ކަމަށް އެތައް ބަޔަކު ބުނަމުން ދަނީ އެކަމުގެ ފަހަތުގައި ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް އުޅޭތީ އެވެ.

މިއަދު ހެނދުނު އަޅާ ފިޔަވަޅު ހަވީރު އަތައް އަޅާއިރު ބަދަލުވެ، ކީހާ ޅެމެއް ފަރިއްސަށް ބަދަލުވަމުން އަންނަ މަންޒަރު މި ރާއްޖެއިން ވެސް މިހާރު ފެންނަމުން ދަނީ މަދުންނެއް ނޫނެވެ. މި ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސް ކުރުމުގެ ބަދަލުގައި މި ވާހަކަ ދައްކަން ޖެހޭ ސަބަބުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ކޮވިޑްގެ މުސީބާތުން ސަލާމަތް ނުވެ އުޅެނިކޮށް އޭގެ މާ ނުރައްކާތެރި ވޭރިއަންޓެއް ރާއްޖެއިން ފެނި އަދަދުތައް މިވަނީ އިންތިހާ ދަރަޖައަށް އުފުލިފައެވެ. ކުރިން އެޅި ފިޔަވަޅުތަކުން ކުރި ފައިދާއެއް އޮތް ހެނެއް ހިއެއް ނުވެއެވެ. 

މި ބަލިމަޑުކަމުން ސަލާމަތްވުމަށް ދިވެހިން އަޑުއަހަމުން ދިޔައީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ދައްކަމުން ދިޔަ ވާހަކަ ތަކެވެ. އަތް ދޮންނާށޭ، މާސްކު އަޅާށޭ، ސެނިޓައިޒަރު އުނގުޅަން ބުނެ ދެއްކި ހުރިހާ ވާހަކައެއް ދިވެހިން ބަރާބަރަށް ކިޔަމަންތެރި ކަމާއި އެކު އަމަލު ކުރަމުން ދިޔައެވެ. އެހެން ނަމަވެސް މިއަދު މި ވަބާގެ އުނދަގޫ އިންތިހާއަށް އިތުރުވެގެން ދިޔައިރު އެޗްޕީއޭއަށް އެކަން މެނޭޖް ނުކުރެވިގެން އުޅޭހެން ހީވާން ފަށައިފިއެވެ. 

މިކަން މެނޭޖް ނުކުރެވިގެން އުޅޭހެން ހީވާ އެތައް ސަބަބެއް އެބައޮތެވެ. މީގެ ކުރިން ބައްޔަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެމީހާ އާ ބައްދަލުވެފައިވާ މީހުން ހޯދުމަށް އެޗްޕީއޭއިން ފުލުފުލު ގައި ޕޮޒިޓިވް ވެފައިވާ މީހާއަށް ގުޅާ ހެދިއެވެ. އެހެން ނަމަވެސް މިއަދު އަޑުއިވިގެން ދިޔައީ، ބައްޔަށް ޕޮޒިޓިވްވާ މީހާ އާއި ބައްދަލުވި މީހުން އަމިއްލައަށް އެޗްޕީއޭއަށް އެކަން އެންގުމަށް އިއުލާން ކުރި އަޑެވެ. 

ކުރިން ބަލީގެ ނުރައްކަލުން ބަލި ޖެހޭ މީހާ 14 ދުވަހުން ރަނގަޅުވާއިރު، މިހާރު ބަލިން ރަނގަޅުވާން ނަގަނީ 10 ދުވަސް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހެން މިބުނީ، މީގެ ކުރިން ބަލި ޖެހޭ މީހާ 14 ދުވަހުގެ ކަރަންޓީނަކަށް ލާއިރު، މިހާރު ބަލި ޖެހޭ މީހާ 10 ދުވަސް ވުމުން ޓެސްޓެއް ވެސް ނުކޮށް ދޫކޮށްލުމަށް ނިންމުމުންނެވެ.

އެހެން ނަމަވެސް އަދިވެސް އެޗްޕީއޭއިން ގޮވަމުން ދަނީ، ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. ބަލީގެ ނުރައްކާ މިހާ ބޮޑުނަމަ 14 ދުވަހުން 10 ދުވަހަށް ކުރު ކުރީ ކޮން ސަބަބަކާއި ހުރެ ތޯ އެވެ. ކުރިން ބައްދަލުވި މީހުން ވެސް 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެ ޓެސްޓު ހެދުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުން މިނިވަން ވިޔަސް މިހާރު 10 ދުވަސް ވުމުން ޓެސްޓެއް ހެދުމެއް ނެތި ދޫކޮށްލަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ބަލި ޖެހުނު މީހަކާއި ބައްދަލުވި މީހަކު ފަސް ދުވަހު ކަރަންޓީނުގައި ހުރުމަށް ފަހު ޓެސްޓު ހެދުމަށްފަހު ނެގެޓިވް ވެއްޖެނަމަ ދޫކޮށްލަންވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. 

ބަލީގެ ނުރައްކާތެރި ކަމުގެ ވާހަކަ އަކީ ހަގީގަތެއް ނަމަ އެކަމާއި ގުޅިގެން އެތައް ފިޔަވަޅުތަކެއް އަޅަން މިހާރު މިވަނީ ރަނގަބީލު ޖަހާފައެވެ. 

މާލޭގައި ނައިޓް މާކެޓު ބޭއްވުމުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާކަމަށް ބުނެ އެތަން ބަންދު ކުރި އިރު، މިއަދު ވެސް ފެނިގެން މިދަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މާލެ އިން ޓީމުތައް ފުރަފުރައިގެން އެ ދާއިރާއަށް ދާ މަންޒަރެވެ. މާލެއިން ދާ ޓީމު ތަކަށް މަރުހަބާ ކިޔަން ގޮސް ތިބޭ ފަރާތްތައް ތިބެނީ އެޗްޕީއޭއިން އަންގާފައިވާ ގައިދުރުގެ ނިޒާމައް ކިޔަމަންވެގެން ކަމަށް ފަހަރުގައި ބަޔަކު މީހުން ގަބޫލު ކުރިއަސް އެއީ އެކަން ވާގޮތެއް ނޫނެވެ. 

މާލޭގައި ޕީސީއާރު ޓެސްޓު ހެދުމުގައި ހުރި ދަތި ތަކުގެ ވާހަކައަކީ އަދި މާ މުހިއްމު ވާހަކައެކެވެ. އެޗްޕީއޭއިން މާލޭއިން ޕީސީއާރު ޓެސްޓު ހެދޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސާފައި ވާކަމަށް ބުނި ނަމަވެސް މިއަދުވެސް ފެނިގެން ދިޔައީ މާލޭގައި މި ޓެސްޓު ހަދާ ތަންތަނުގައި މީހުން ދިގު ކިއުތަކުގައި މަޑު ކޮށްގެން ތިބި މަންޒަރެވެ.

މަންޒަރު ރީތި ކުރަން ފޮޓޯ ގަނޑެއް އާއްމު ކުރިއަސް އެތެރެއަށް ވަދެ ބަލާލުމުން ފެނިގެން ދަނީ ތަނުގެ ތެރޭ އިޖްތިމާއީ ގޮތުން ބާއްވަން އެޗްޕީއޭއިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލު ބޮލާލާ ޖަހާފައިވާ ތަނެވެ. އެތަނުގައި އެތައް ބަޔަކު މަސްހުނިވެ އުޅޭ އިރު އެކަން ހައްލުކޮށްލާނެ މީހަކު ވެސް ނެތް ފަދަ އެވެ.

ދިވެހިންނަކީ އަބަދުވެސް އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދޭ ބައެކެވެ. އެހެން ނަމަވެސް އެޗްޕީއޭއިން މިކުރަމުންގެންދާ ކަންކަމުގެ ސަބަބުން އިތުރަށް މިހާލަތު ގޯސް ވެދާނެ ހެން އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރެއެވެ. ރައްޔިތުންގެ ރައްކާތެރި ކަމަށް ވިސްނުމަކީ ކޮންމެ އިދާރާ އަކުން ވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ސިއްހީ އިދާރާތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ލާޒިމް ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް