ads
ރައީސް ޔާމީން : ޖަލްސާގައި ވާހަކަ ދައްކަވަނީ
ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށް ރައީސް ޔާމީންގެ އަޑުއެހުމެއް މާދަމާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާގެ ކެމްޕެއިންނަށް މާދަމާ ފުރާވަޑައިގަންނަވަން ނިންމާފައި ވަނިކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ވ. އާރަށު މައްސަލައިގެ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެ މައްސަަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކުރީ މާދަމާ ހެނދުނު 09:00 އަށެވެ. މާދަމާ އަޑުއެހުން ބާއްވަން ނިންމި އިރު ރައީސް ޔާމީން އަންނަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ އެރަށަށް ދަތުރުކުރައްވަން ތައްޔާރުވަމުންނެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު "ސީއެންއެމް" އަށް ވިދާޅުވީ، އަޑުއެހުން މާދަމާއަށް ތާވަލުކުރި ނަމަވެސް އެމަނިކުފާނު ކޮމަންޑޫއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޯޓަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭންގައި ބައިވެރިވުމަށް ކުރައްވަން ނިންމެވި ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ، ށ. ކޮމަންޑޫއާއި އެ އަތޮޅު ފޯކައިދޫއާއި، މަރޮށްޓަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

މިހާރުވެސް ފަތުހީގެ ކެމްޕޭންގައި ޕީޕީއެމްގެ އިސްވެރިން ބައިވެރިވަޑައިގަންނަވަމުން އަންނަ އިރު މި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ށ.ފުނަދޫއަށް ވެސް ދަތުރުކުރެއްވުމަށް ހަމަ ޖެހިފައެވެ. ޕީޕީއެމް އިން ބުނީ އެއީ އެރަށުގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީލޯންޑާކުރި ކަމުގެ ތުހުމަތުގައި ބައްދުގައި ބެހެއްޓުމަށްފަހު ރައީސް ޔާމީންގެ މައްޗަށް އެ ކުށް ސާބިތު ނުވާކަމަށް އެންމެ މަތީ ކޯޓުން ނިންމުމާއެކު އެމަނިކުފާނު ބަންދުން ސަލާމަތްވީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް