ads
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދަނީ ކުރިއަށް
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ގޮވާލައިފި
ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ، ދެފުށް ފެންނަ ނަޒާހާތްތެރި އިންތިހާބެއް ކަމަށް ހެދުމަށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ސޯލިހު ވަނީ ކޮމަންޑޫ އާއި އެރަށް ކައިރީ އޮންނަ މަތި ކޮމަންޑޫ ގުޅާލާ މަތި ކޮމަންޑޫ ހިއްކުމަށް ނިންމާފައި ވާކަމަށް އިއުލާން ކޮށްފައެވެ. އަދި އެމަސައްކަތް ކުރުމަށް ސަރުކާރުން ވަނީ މިއަދު އެމްޓީސީސީއާއި ހަވާލު ކޮށްފައެވެ.

ޓްރާންސްޕޭރެންސީން ބުނެފައިވަނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށާ، އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރި ކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.

އަދި ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި އޮތް މަސައްކަތެއް ނޫންކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ވަނި މިކަމަށް ފައިސާ ހަމަޖައްސާ ގޮތެއް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. 

އަދި މިމަހުގެ 14 ވަނަ ދުވަހު ރަށުގެ ބިން ހިއްކުމުގެ މިމަސައްކަތް ފެށުމަށް ނިންމާފައިވާއިރު އެކަމާ ގުޅިގެން އީއައިއޭ އެއް ހަދާފައިނެތްކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އަވަސް މުއްދަތެއްގައި ފަށަން އިއުލާންކޮށްފައިވާއިރު، ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ކޮމަންޑޫގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނިފައި ނުވާކަމަށާއި، މިނިސްޓްރީ އޮފް ފައިނޭންސްގެ ވެބްސައިޓުގައި އެވޯޑު ކޮށްފައިވާ އަދި ޓެންޑައަށް ހުޅުވާލެވިފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި ވެސް ށ. ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މައުލޫމާތު ހިމެނިފައިނުވާކަމަށް ޓްރާންސްޕޭރަންސީން ބުނެ އެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ނުވާކަމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރެފައިވާ ބަޔާނުގައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން މަނާ ކުރާ ގާނޫނެއް އެކުލަވާލުމާ އެކު، އެގާނޫނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމައަށް ތަންފީޒުކުރަން ފެށުމަށްވެސް ޓްރާންސްޕޭރަންސީއިން ވަނީ ގޮވާލާފައިވެއެވެ.

މީގެއިތުރުން އިންތިހާބުތަކާއި ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ރައްޔިތުންގެ ވޯޓަށް ބާރުފޯރުވުން ހުއްޓާލުމަށްވެސް ޓްރާންސްޕޭރެންސީން ގޮވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް