ads
ކެލާގައި ކުރިއަށް ގެންދިޔަ ބައްދަލުވުން
ބޮޑުތިލަދުންމަތީގެ ބައެއް ސަރަހައްދުތައް ހިމާޔަތްކުރަން ރައްޔިތުންގެ މަޝްވަރާ ހޯދަނީ
ބޮޑުތިލަދުންމަތީގެ ބައެެއް ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި އެވެ.

ހއ. ކެލާގައި އިއްޔެ ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޭފުޅުންވެސް ބައިވެރިވެފައިވެ އެވެ. 

އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މިބައްދަލުވުމުގައި މަޝްވަރާ ކުރީ ހިމާޔަތްކޮށްފައިވާ ދެ ސަރަހައްދެއް ކަމަށްވާ ހއ. ބާރަށު ކުޅި ހިމެނޭ ސަރަހައްދާއި ހއ. ކެލާ ޗަސްބިން ހިމެނޭ ސަރަހައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމާ ގުޅޭގޮތުންނެވެ. އެގޮތުން ކެލާއާއި ބާރަށުގެ އިތުރުން ތަކަންދޫ، ފިއްލަދޫ، ވަށަފަރު، ދިއްދޫ، އުތީމު އަދި ފިނޭގެ ރައްޔިތުންގެ ހިޔާލު ހޯދާފައިވެ އެވެ. 

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ އެއްވެސް ތަނެއް ހިމާޔަތް ކުރުމުގެ ބޭނުމަކީ އެތަނަށް ރައްޔިތުންނަށް ނުވަދެވޭނެހެން ބަންދުކުރުން ނޫން ކަމަށެވެ. ތަނެއް ހިމާޔަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ އެތަނެއް ރަނގަޅަށް ބެލެހެއްޓި އަންނަން އޮތް ޖީލުތަކަށް އެތަނެއް ފޯރުކޮށްދީ، ލާބައާއި މަންފާ ހޯދައިދިނުން ކަމަށްވެސް ވިދާޅުވި އެވެ. 

އެންވަޔަރަންމަންޓް މިނިސްޓަރު ހއ. އަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު ވަނީ ކެލާގެ އިތުރުން ދިއްދޫ، ވަށަފަރު އަދި އުތީމަށް ޒިޔާރަތްކުރައްވާ، އެ ރަށްތަކުގެ ކުނި ކޮށްޓާއި، އެ ރަށްތަކުގެ ގިރާ ސަރަހައްދުތައް ބައްލަވާލައްވާފަ އެވެ. އަދި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. 

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ބޮޑުތިލަދުންމަތީގެ ބައެެއް ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް ގެންދާ ހދ. އަތޮޅުގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ މިމަހުގެ 24 އިން މިމަހުގެ 30 އަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް