ads
ހަގީގީ ހާދިސާ: ވިހާފައި އެއްލާލި ކުއްޖެއްގެ ވާހަކަ 40 އަހަރު ފަހުން އެކުއްޖާގެ ދުލުން!
ތެދެކެވެ. އަހަންނަކީ އަހަރެންގެ އަސްލު މައިންބަފައިންގެ ލޯބިން މަހްރޫމްވެފައިވާ މައިންބަފައިން ނެތް ކުއްޖެކެވެ. ހަގީގަތުގައި މިއަދު ކުއްޖެއް ވެސް ނޫނެވެ. އުމުރުން މިހުރީ 40 އަހަރު ފުރިފަ އެވެ. އެކަމަކު އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އަހަރެންވެސް މިދުނިޔެއަށް އުފަންވީ އެހެން މީހުންނެކޭ އެއްގޮތަށް ކޮންމެ ވެސް މީހެއްގެ ފުށުން ކަން އަހަންނަށް ޔަގީންވެ އެވެ. ނަމަވެސް އެމީހުން އަހަރެން ބޭނުންނުވެ އެއްލާލުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އެއީ މުޖުތަމައުގެ ނުރުހުމާއި ނަފްރަތު ހައްގުވާންވީ ކަމެއް ހެއްޔެވެ؟ މަންމަ ނެތް ބައްޕަ ނެތް ކުއްޖެކޭ ބުނެ ބާކީ ކޮށްލާ އަނިޔާވެރިވާންވީ އަހަންނަށް ހެއްޔެވެ؟

ޝަޒަން(އަސްލު ނަމެއްނޫން) އޭނާގެ ހިތުގެ އިހުސާސްތައް "ސީއެންއެމް" އަށް ކިޔައިދެން ފެށީ ފުރަތަމަ ވެސް މި ޝަކުވާތަކާ އެކުއެވެ. ވޭނުން ފުރިގެންވި ދިގު ހަޔާތުގައި އޭނާއަށް ނުލިބިފައިވި މަންމަގެ ލޯތްބާއި ކުލުނަށް އެދި ހުރި ހާލުގަ އެވެ. 

އެފަދަ ނިކަމެތި ހާލެއްގައި އޭނާ އުޅެމުންދާތާ 40 އަހަރު މިވަނީ އެވެ. މަންމަގެ ލޯތްބަށް އެދި ސަލާން ޖަހަމުން ނަފްސު ގުރުބާން ކުރިއަސް އެ މަންމަ އޭނާއަށް ލޯބި ދޭން ނާންނާނެ ކަން ޔަގީންވާ ހާލުގަ އެވެ.

ފެންކަޅިވެފައިވާ ހާލު ޝަޒަންގެ ހަޔާތުގެ ވާހަކަ ކިޔައިދެން ފެށީ ވިހާފައި އެއްލާލި އޭނާގެ ތުއްތު ހަށިގަނޑު ނަގައިގެން ގެންދިޔަ މާތް އަންހެނެއް(އޭނާ ބެލި މަންމަ)ގެ ވާހަކައިންނެވެ. 

"ސްކޫލް ދައުރުގައި އަބަދުވެސް އަހަންނަށް އަޑު އިވެނީ އަހަރެން ގެންގުޅެނީ އަހަރެންގެ މަންމަ ނޫންކަމަށް. އެކަމަކު އެއީ ކްލާސް ކުދިން ދިމާކުރަން ކިޔާ އެއްޗެއް ކަމަށް އޭރު އަހަރެން ގަބޫލު ކުރީ. އެއީ އަަހަރެންގެ އަސްލު މަންމަ ނޫންނަސް އަހަރެންނަށް އެކަމުގެ ކުޑަކުޑަ އިހްސާސެއް ވެސް ނުކުރެވޭ."

ނަމަވެސް ޝަޒަން ބޮޑުވަމުން އައީ ވަރަކަށް އެކުވެރި ކުދިންގެ ފަރާތުން އޭނާއަކީ އެއްލާލާފައި އޮއްވާ ނެނގި ކުއްޖެއް ކަމަށް ބުނާތީ އަޑު އިވެއެވެ. އެއީ ހަގީގަތެއް ކަމަށް އޭނާއަށް އޭރު ގަބޫލު ނުކުރެވުނަސް އެކަނިވާ ކަޮންމެ ވަގުތަކު އެކަމާ ވިސްނެއެވެ. އެންމެ ފަހުން ކެތްނުވެގެން (ގެންގުޅުނު މަންމަ) ކައިރީ އެއް ދުވަހު އެ ސުވާލު ކުރީއެވެ. 

އެމަންމަ ރޮމުން ރޮމުން ކިޔައިދިން ވާހަކަތަކުން ޝަޒަންގެ މުޅި އުމުުރު ހޭދަ މިކުރަނީ ނުވެސް ދަންނަ ބީރަށްޓެހި ބައެއްގެ ގާތުގައި ކަން އެދުވަހު އެނގުނެވެ. އެ ހަގީގަތް ނޭނގުނު ނަމައޭ އެ ސުވާލު ނުކުރެވުނު ނަމައޭ އެ ދުވަހު ވެސް މިއަދު ވެސް ޝަޒަންގެ ހިތަށް އަރަ އެވެ. އޭރުން ހަމަގައިމުވެސް މިއަދު ޝަޒަން އެއުފުލާ ވޭން ނުއުފުލާނެކަން ގައިމެވެ. 

ޝަޒަން އަށް އެދުވަހު އެނގުނީ އޭނާއަކީ ރާއްޖެތެރޭ ރަށެއްގައި އަންހެނަކު ވިހެމަށް ފަހު އެއްލާލާފައި އޮތް ކުއްޖެއް ކަމެވެ. އެއްލާލާފައި އޮއްވާ ފެނުމުން ޝަޒަން ބެލި މަންމަ އޭނާ ގެނެސް ބަލާ ބޮޑުކުރީ އެވެ. އެއްލާލީ ކީއްވެކަމެއް ކޮން ބައެއް ކަމެއް އެމަންމައަކަށް ވެސް ނޭނގެ އެވެ. އެއީ މާތް މީހެކެވެ. އެމަންމަގެ ހެޔޮކަމާއި މަސައްކަތައް ތައުރީފު ހައްގެވެ. 

ނަމަވެސް ކޮންމެ ކުއްޖަކު ވެސް އަމިއްލަ މައިންބަފައިން ދެކެލަން ބޭނުންވާނެ ފަދައިން ޝަޒަން ވެސް އެގޮތް ބޭނުންވި އެވެ. މަންމަ އެއް ފަހަރު ނަމަވެސް ދެކިލަން ބޭނުންވި އެވެ. އޭނާ އާ މެދު އެގޮތަށް ކަންތައް ކުރީ ކީއްވެތޯ އަހަން ބޭނުންވި އެވެ.

އެހެންކަމުން ޝަޒަން ދެން ގަސްތު ކުރީ އޭނާގެ އަސްލު މަންމަ ހޯދަށާވެ. އަސްލު މަންމަ ހުރީ މާލޭގައި ކަން ޝަޒަން ކުރި މަސައްކަތުން އެނގުނެވެ. އުޅޭ ގެއަކާއި ހުރިހާ މައުލޫމާތެއް ހޯދިއްޖެ އެވެ. ޝަޒަން ދެން ބަލަމުން އައީ ރަށުން ދޯއްޏެއް މާލެ ފުރާނެ ވަގުތަކަށެވެ. ތިން ދުވަހުގެ އިންތިޒާރަށް ފަހު މާލެއަށް ފުރަން އޮތް ދޯންޏެއްގެ މައުލޫމާތު ލިބުނެވެ. އެވަގުތަށް ބޯޓު ފުރުމުގެ ކުރިން އެރީ ވަގަށެވެ. ބޯޓު މާލޭ ބަނދަރުގައި ޖެހެންދެން ޝަޒަން ފިލާ އޮތީ ބޯޓުން މުދާ ގެންދާ ބައިގައެވެ.

ބޯޓް މާލޭ ބަނދަރުގައި ޖެހުމާއެކު ލިބިފައިވާ އެޑުރެހަށް އޭނާ ދިޔައީ އުއްމީދާއެކުގަ އެވެ. ނަމަވެސް، އެމަންމަގެ ފުރަތަމަ ލަފްޒަކަށްވީ، "ކަލޭ އެއްލާލީމަ ވެސް މަރެއް ނުވި ދޯ" އެވެ. އެވަރަކުން ނިންމައެއް ނުލި އެވެ. ދުވަހަކު ވެސް ވަސް ފޯރާ ފަަށަށް ވެސް ނައުމަށް އިންޒާރުކޮށް ބުރަކަށީގައި އަތް އަޅާ ކޮޕާ ކޫއްތަމުން، އެގެއިން ނެރެލީ އެވެ. 

ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އުމުރުން އެންމެ 12 އަހަރުގެ ޝަޒަން، ދާނެ ވަކި މަންޒިލެއް ނެތި ބޮޑު މާލޭގައި މަގުމަތިވީ އެވެ. ރަށަށް ދެވޭނެ ގޮތެއްވެސް ނެތި ސަލާން ޖަހައިގެން ކާން މަޖުބޫރުވި ހިސާބަކީ ޝަޒަން ބުނާގޮތުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ އެއް ސަބަބެވެ. 

ޅަ އުމުރުގައި ނުބައި މަގުން ގޯޅި އެޅުނީ މަންމައަށްޓަކައި ބޮޑު ކަނޑެއް ހުރަސްކޮށް ބިރުވެރި މާހައުލަކަށް އެކަނިމާ އެކަނި ކޮންމެ ގޮތެއް ވަރިހަމަ ވެގެން މަންމަގެ ލޯތްބަށް އެދި އާދެވުނު ކަމަށްޓަކައެެވެ. އެކަން އޭނާ މިއަދު "ރިގްރެޓް" ކުރެއެވެ.

"އެގޮތުގައި ދުވަސްތައް ވޭތުވެ އަހަންނާއި ބައްދަލުވި ފިރިހެނަކަށް ވަރަށް ބޮޑަށް އިތުބާރު ކުރެވުނު. އުމުރުގެ ޅަކަމުގެ ސަބަބުން މާބޮޑު ވިސްނުމެއް އޭރު ނުހުރޭ. ނުވެސް ދަންނަ ތަނެއްގައި އެކަނިވީމާ އަހަރެން އޭނާގެ ހިމާޔަތަށް ދިޔައިން. އެކަމަކު އެއީ ހެދުނު ގޯހެއް. އެކަން މިއަދު އަހަންނަށް އިނގޭ. އެ ނިންމުމުގެ ސަބަބުން އަހަރެން މުޅި ދުނިޔެއަށް ގިނަވެގެން ދިޔައީ. ވަރަށް ޅަ އުމުރުގައި އަހަރެންގެ އަސްލު މަންމަ އަހަންނަށް ހެދިގޮތް އަހަރެންގެ ބަނޑުން އުފަންވާ ކުއްޖާއަށް ހަދަން އަހަންނަށް މަޖުބޫރުވި." ޝަޒަން އިސްޖަހައިގެން އިނދެ ގިސްލަމުން ކިޔައިދިނެވެ.

ކުޑަކުޑަ ތުއްތު ދަރިފުޅު ހޮސްޕިޓަލަށް ވިހެއުމަށް ފަހު އެ ދަރި ބެލޭނެ އެއްވެސް ގޮތެއް ނެތިގެން އެ ހޮސްޕިޓަލަށް ކުއްޖާ ދޫކޮށްލުމަށް ފަހު ފިލަން ޝަޒަންއަށް ވެސް މަޖުބޫރުވިއެވެ. އެހާ ހިސާބުން މަސްތުވާތަކެއްޗަށް އޭނާ ލެނބުނެވެ. 

މަސްތީ ދުނިޔެއިން އަވަދިނެތި ޖަލުގެ ތޭރި ތަކުން، އޭނާގެ ދިރިއުޅުން ހޭދަ ކުރަމުން އައީ އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެންނެވެ. 

"ކޮންމެ ފިރިހެނަކާ ވެސް އަހަރެން ރައްޓެހިވަނީ އަހަންނާއި ކައިވެނި ކުރާނެ ކަމަށް. ނަމަވެސް ކޮންމެ މީހަކު ވެސް ބޭނުން ފުދުމުން އަހަރެން ދޫކޮށްލަނީ. އެގޮތަށް އަހަރެން ތިން ދަރިން ވިހެއިން. ކޮންމެ ދަރިއަކު ވެސް ދޫކޮށްލުން ނޫން ގޮތެއް އަހަންނަށް ނެތް. ކުރުކޮށް ބުނަންޏާ މަންމަ އަހަންނަށް ދިން އަނިޔާ އަހަރެން އަހަރެންގެ ދަރިންނަށް ދެމުންދިޔައީ. އެއީ ގޯހެއް އަހަރެން ތައުބާވަން. މިއަދު އަހަރެން އެކަމާއި ހިތާމަ ކުރަން އެކަމަކު އެއީ ނުވާ ކަމަކަށް ވެސް ނުހެދޭނެ. އަހަރެން ބޭނުން ވަނީ އަހަރެން ކަހަލަ އެހެން ކުދިންނަށް މިކަމުން އިބުރަތެއް ލިބިދެން،" އޭނާ ބުންޏެވެ.

ޝަޒަން މިވާހަކަތައް ހިއްސާކުރަމުން ތަކުރާރުކުރުކޮށް ބުނަމުންދިޔަ ވާހަކައަކީ މުުޖުތަމައުގައި އޭނާ ފަދަ އެތައް ކުދިންނެއް އުޅޭ ކަމަށާއި، ނަމަވެސް އޭނާ އެޅިފަދަ ޅައެއްޗެއް އަޅާ ދިރިއުޅުން ހަލާކު ނުކޮށްލުމަށް އާދޭސް ކުރާ ކަމަށެވެ. ތިމާއަށް ލިބޭ އަނިޔާއަކުން އެހެން މީހުންގެ ދިރިއުޅުން ހަލާކުކޮށްލުމަކީ އޮތް ހައްގެއް ނޫންކަން އެނގޭ ހާލު އޭނާ ގިސްލަމުން ބުނީ އޭނާގެ މަންމަ ކުރީ ކުށެއްކަން އަދި އޭގެ ސަބަބުން އޭނާއަށް ލިބުނު ވޭން އެނގި ހުރެ އޭނާއަށް ވެސް ހިނގުނީ ހަމަ އެމަގުން ކަމަށެވެ. 

މިއަދު އޭނާއަކީ ތިން ކުދިންގެ މަންމައެކެވެ. ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނީ ފިރިމީހާގެ ލޯބި ލިބިގެންނެވެ. މަސްތުވާތަކެއްޗާއި ވެސް މުޅިން ދުރުވެ، އަމިއްލަ ރަށުގައި އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނީ އޭނާއަށް 40 އަހަރުތެރޭ ނުލިބުނު މަންމަގެ ލޯބި އެކުދިންނަށް ދީގެންނެވެ. ކުރެވުނު ކުށަށް ތައުބާ ވެގެންނެވެ.

ޝަޒަން ބުނީ އޭނާ ބަދަލުވީ އަޅާލާނެ މީހަކު ނެތި، މަސްތީ އަނދިރި ދުނިޔައަކަށް ގޮސް ހުސްވަމުން ދަނިކޮށް އޭނާގެ އަތުގައި ހިފި ފިރިމީހާއަށްޓަކައި ކަމަށެވެ. އޭނާގެ ފަތިފުށް ކިތަންމެ ހަޑިޔަސް އެ ފަތިފުށުގައި ހުރި ހަޑިކަން ފިލުވުމުގެ ފުރުސަތުދީ އޭނާގެ އަތުގައި ހިފި ފިރިމީހާގެ އާއިލާއަށް ޓަކައި ކަމަށެވެ. 

މިއަދު އެއީ ކުރީގެ ޝަޒަންއެއް ނޫނެވެ. ނަމަވެސް މަންމަގެ ސާފު ލޯތްބަށް އޭނާގެ ހިތް އަދިވެސް އޮތީ އެދިއެދިއެވެ. ހަމަ އެމަގުން އޭނާގެ އަބަދުގެ ދުއާ އަކީ އޭނާގެ ތައުބާ ގަބޫލު ކުރެއްވުމެވެ.

ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. ދަރިންނަކީ މާތްﷲ ތިމާ އާ ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އެއަމާނާތް ފުރިހަމައަށް އަދާކޮށްފިނަމަ އެމީހަކަށް މާތް ﷲގެ ހަޒުރަތުން އެތައް ރަހްމަތެއް ލިބިގެންވެއެވެ. 

އެޑިޓަރުގެ ނޯޓް:

ވިހާފައި ދަރިން އެއްލާލުމަކީ މަދުން ނަމަވެސް ރާއްޖޭގައި ހިނގާފައިވާ، ހިނގަމުންދާ ކަންކަމެވެ. މި އާޓިކަލްގައި މިވަނީ އޭގެތެރެއިން ރާއްޖެތެރޭ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.

13%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް