ads
ފަސްޓް ލޭޑީ ފުލް މެރަތަން ފުރިހަމަ ކުރެއްވުން--
މެޑަމް ފަޒްނާ ފުލް މެރަތަންއަށް ތައްޔާރުވުމަށް ކުރެއްވި ބުރަ މަސައްކަތް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު 42 ކިލޯމީޓަރުގެ ފުލް މެރަތަންއެއް ނިންމަވާ ހާއްސަ ޝަރަފެއް ހޯއްދަވާފައިވާއިރު އެ ކާމިޔާބަށް ވާސިލުވެވަޑައިގަނެވުނީ އެތައް ގޮންޖެހުންތަކެއް ކަނޑައްތު ކުރުމަށްފަހު ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

މެރަތަންއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންނެވި ގޮތާއި ކުރިމަތިވެވަޑައިގެންނެވި ހުރަސްތަކުގެ އިތުރުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ފަސްޓް ލޭޑީ ވަނީ ފޭސްބުކް މެދުވެރިކޮށް ޕޯސްޓެއް ކުރައްވާފަ އެވެ. 

އެގޮތުން ވިދާޅުވީ މި މެރަތަން ކާމިޔާބުވުމުގެ ފަހަތުގައި އެކަމަނާގެ ގާބިލުކަން ގަބޫލުކޮށް އެކަން ކުރެއްވޭނެ ކަމަށް ގަބޫލުކުރެއްވި ބޭފުޅުންތަކެއް ހިމެނޭ ކަމަށެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މެރަތަންއެއްގައި ބައިވެރިވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހާފް މެރަތަންއަށް ތަމްރީންތައް ފެއްޓެވިއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހާފް މެރަތަންއެއް ފުރިހަމަ ކުރައްވާފަ އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކުރައްވަން ޖެހިވަޑައިގެންނެވި ދަތުރުފުޅުތަކުގެ ސަބަބުން ތަމްރީންތަކަށް އަސަރު ކުރިޔަ ނުދެއްވުމަށްޓަކައި ރަސްމީ، ރަސްމިއްޔާތުތައް ފެށުމުގެ ކުރިން ހެނދުނު ތެދުވެވަޑައިގެން ތަމްރީންތައް ފުރިހަމަ ކުރައްވާފައިވާނެ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި މޮރީޝަސްގައި ތަމްރީންތަކެއް ހެއްދެވިކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ވިދާޅުވީ އެ ތަމްރީންތަކަށް ފަހު އެނބުރި މާލެ ވަޑައިގެންނެވި ފަހުން ކަކުލަށް ތަދުތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އަދި ހަފްތާއެއް ވަންދެން އަރާމުކުރެއްވި ނަމަވެސް ރަނގަޅު ނުވުމުން ޑޮކްޓަރަށް ދައްކަވާ ފަރުވާ ހޯއްދެވި ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ގާތްގަނޑަކަށް ހަތަރު ހަފުތާ އަރާމުކުރަން ޖެހިވަޑައިގެންނެވި ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.

މީގެއިތުރުން ފަސްޓްލޭޑީ ވިދާޅުވީ ޓްރައިނަރުން އަންގައިގެން ބަރުދަން ވެސް ލުއިކުރުމަށް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެގޮތުން ތިން މަހުގެ ތެރޭގައި ހަ ކިލޯ ލުއިވި ކަމަށެވެ.

އެކަމަނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތައިލެންޑްގެ ޗިއަންމައިގައި އޮތް ހާފް މެރަތަންއެއް ވެސް ކާމިޔާބު ކުރައްވާފަ އެވެ. 

އޭގެ ފަހުން މިމަހުގެ 25 ވަނަ ދުވަހު ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި ބޭއްވި 42 ކިލޯމީޓަރުގެ ފުލް މެރަތަން 5 ގަޑިއިރާއި 39 މިނެޓުން ނިންމެވުމުގެ ކުރިން ވެސް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަތެވެ. އެގޮތުން ރޯގާ ޖެހި، ނޭވާލާން އުނދަގޫވުމުގެ މައްސަލަތަކާއި ހުރެ ތަމްރީންތަކުގެ މެދުތެރެއިން ޑޮކްޓަރަށް ދައްކަވަން ވަޑައިގަތުމުގެ ހާލަތްތައް މެދުވެރިވެ ވަޑައިގަތެވެ. ޑޮކްޓަރު ލަފާދެއްވީ އިންހޭލާއެއް ބޭނުންކުރެއްވުމަށް ކަމަށްވާތީ ފުލް މެރަތަންއަށް ވަޑައިގަތީ އިންހޭލާއާ އެކު ކަމަށްވެސް ފަސްޓްލޭޑީ ފާހަގަކުރައްވަ އެވެ. 

ލާމުގައި އޮތް ފުލް މެރަތަންގެ ތެރެއިން ވެސް ނޭވާލާން އުނދަގޫވެ ދުވުން ހުއްޓާލި އެވެ. ނަމަވެސް ކައިރީގައި ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އިންހޭލާ ގެނެސްދެ އެވެ. އަދި ނޭވާލުން ރަނގަޅު ވަންދެން ހިންގަވާފައި ވެސް މެރަތަން ފުރިހަމަ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. 

މިހުރިހާ އުދަގޫތަކަކާ އެކު އެކަމަނާގެ ނަން ތާރީހުގައި ލިޔެވިގެން ގޮސްފައި މިވަނީ ގަދައަޅާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ.

މެޑަމް ފަޒްނާ ފުލް މެރަތަން ނިންމެވުމާ ގުޅިގެން އެކަމަނާ ވެގެން ގޮސްފައިވަނީ ފުލް މެރަތަންއެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަށެވެ. 

މީގެކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ފުލް މެރަތަން އެއް ނިންމަވާފައިވާ ފަސްޓް ލޭޑީއަކީ ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާ އެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ދުވެވަޑައިގެން އެކަމަނާ މެރަތަން ނިންމެވީ ހަތް ގަޑިއިރާއި ހަތަރު މިނިޓުންނެވެ.

މެޑަމް ފަޒްނާ ފުލް މެރަތަންއެއް ނިންމަވާ ހޯއްދެވި ޝަރަފާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަވަނީ އެކަމަނާ އަށް މަރުހަބާ ކިޔަމުންނެވެ.

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް