ads
ރާއްޖޭގެ ދިހަ ސެން ކްލާހަކަށް ބޭނުންވާ ތަކެތި ބީއެމްއެލުން ހަދިޔާކުރުން--
10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ބީއެމްއެލް ހަދިޔާކޮށްފި
ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާކޮށްފި އެވެ.

ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހއ. ކެލާ ސްކޫލް،ހއ. އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ. އަތޮޅު ސްކޫލް، ކ. މާފުށި ސްކޫލް، އއ. ތޮއްޑޫ ސްކޫލް، ތ. އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް އަދި ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގެ އިތުރުން ސ. ހިތަދޫ ޝަރަފުއްދީން ސްކޫލް އަށެވެ.

ބީއެމްއެލުން ބުނީ ސްކޫލުތަކުގައި ހިންގާ ސެން ކްލާސްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް މަދުވުން ކަމަށެވެ. އެހެންކަމުން މި އެހީއާ އެކު ޖުމްލަ 300 އެއްހާ ކުދިން ކިޔަވަމުންދާ އެ ކްލާސްތަކަށް ތައުލީމީ އާއަހަރާއެކު ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަށްވެސް ބުނެ އެވެ. އަދި މި ތަކެއްޗާއެކު ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ބޭނުންވާ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގުފަހިވެގެންވެސްދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.

"ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަން ފާހަގަކޮށްލަން. މިކަމުގައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ފާއިތުވެ ދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މުޖުތަމައަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ތަފާތު ހަރަކާތްތަކުގައި ބީއެމްއެލް އިން އެހީތެރިވެފަ އެވެ. މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއާ ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނެ އެވެ. އަދި މީގެ އިތުރުން "ކޮމިއުނިޓީ ފަންޑު"ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް