ads
ކޮރޯނާ ވައިރަސް ފެތުރޭތީ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލު އެބަ ބަލަން
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލޯނާއި ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ . ކޮރޮނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއިއެކު މިނިސްޓްރީގެ ލޯނާއި ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ މަޢުލޫމާތު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ހިއްސާކޮށްފައި ކަމަށެވެ. 

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ މި ވައިރަސް ފެނުނުއިރު އެ ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ، ދަރިވަރުންގެ ހާލަތު ކައިރިން ބަލަމުން އަންނަކަން ވެސް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ވުހާން ސިޓީގައި ތިބީ ދިވެހި ހަ ދަރިވަރުންނެވެ. ނަމަވެސް އެ ސިޓީގައި ތިބި ހަ ދަރިވަރުންނާއެކު އެގައުމުގައި ޖުމްލަ ދިވެހި 50 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނާއި، ދަރިވަރުންގެ އާއިލާތައް ވެސް ޗައިނާގެ އެމްބަސީއަށް ގުޅައި ރަޖިސްޓްރީވުމަށް އެދިފަ އެވެ. 

 ވޫހާން ސިޓީގައި ތިބި ބޭރުގައުމު ތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ. 

އޭގެ އިތުރުން މިނިސްޓްރީން ވަނީ  ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، އެ ގައުމެއްގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ހިއްސާކުރެއްވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެމްބަސީތަކުންދޭ އިރުޝާދުތަކަށް ހުރިހާ ދަރިވަރުންވެސް ސަމާލުވުމަށް ވެސް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން ވެސް ކޮރޯނާ ވައިރަސް ފެނިފައިވާއިރު ރާއްޖެއިން ވެސް ވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން އެއާޕޯޓުގައި ސްކްރީން ކުރަން ފަށާފަ އެވެ. އަދި މިއީ ނުރައްކާތެރި ބައްޔެއް ކަމުން އެބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެކަހެރިކުރާނީ ކ. ފުނަދޫގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް