ads
އޭސީސީގެ މެމްބަރުން ކޮމިޓީގައި ވާހަކަ ދައްކަވަނީ
އޭސީސީ ހުސްކޮށް އޮތުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް: އޭޑީއެމް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މެންބަރަކު ނެތި އެންމެ ދުވަހެއްވެސް ހޭދަވެގެން ނުވާނެ ކަމަށާއި އޭސީސީގެ ގާނޫނޫ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ދިވެހި ދައުލަތެއް އޮވެ، ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް(އޭޑީއެމް) ބުނެފިއެވެ.

އޭޑީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް ވަގުތީ މެމްބަރުން އައްޔަންކޮށްގެން ނަމަވެސް މެމްބަރުން އައްޔަންކުރާ އިޖްރާތު އިސްލާހުކޮށްގެން ނަމަވެސް އެ މުއައްސަސާގެ ވާޖިބުތައް މެދުކެނޑުމެއް ނެތި އަދާކުރެވެން ޖެހޭނެ ކަމަށެވެ.

އޭޑީއެމް އިން ބުނީ، ޑިމޮކްރެޓިކް ވެރިކަމެއް ހިންގާ ދައުލަތެއްގައި، ސަރުކާރަކުން ހޭދަކުރާ ފައިސާ އަކީ ރައްޔިތުން ސަރުކާރާ ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށާއި ސަރުކާރުން އެ ފައިސާގެ ބޭނުން ކުރަންޖެހޭނީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ރައްކާތެރިކަމާއެކުގައި ކަމަށެވެ. 

އެހެން ނަމަވެސް މިހާރު އޭސީސީ ނެތް ކަމަށާއި އެ ކޮމިޝަންގެ ގާނޫނީ ވާޖިބުތައް އަދާކުރާނެ ފަރާތެއް ނެތްކަމަށްވާނަމަ އެއީ އޭޑީއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޑީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭސީސީގައި މެންބަރުންގެ ގޮތުގައި އެއްވެސް މީހަކު ނެތިސް ހުޅުމާލެއިން 60 ބިން ވިއްކާލަން ނިންމި ނިންމުމަކީ މި ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން ފެތުރި ފުޅާވެފައިވާ ދަނޑިވަޅެއްގައި އޭސީސީގެ މަސައްކަތްތައް ހުއްޓޭފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް ހުޅުމާލޭގެ ބިން ވިއްކުމަކީ ރައްޔިތުންގެ އަގުބޮޑު މުދަލަކުން ކޮރަޕްޝަން ހިންގުމަށް ހުޅުވާލެވޭނެ ފުރުސަތެއްކަމުގައި ބެލެވޭނެ ޖާގަ އެބައޮތް ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހިނގާ ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެޑައިގަންނަވާ 1 ޖަނަވަރީ 2012 އިން ފެށިގެން އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި 17 ނޮވެމްބަރު 2018 އާ ހަމައަށް ހިންގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބެލުން އެއީ ރައީސްގެ އެންމެ އިސް އެއް ވައުދު ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދާ ރައްޔިތުންގެ ފައިސާއިން ކިތަންމެ ބޮޑު ހޭދައެއް ކުރި ކަމުގައިވީ ނަމަވެސް އެއްވެސް މަސައްކަތެއް ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިޔުމަކީ ވެސް އޭޑީއެމްގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް އޭސީސީ އާއި ހަވާލުކޮށް 2021 އޭޕްރިލްގައި އުވާލަން ނިންމި ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވިގެން 15 ޑިސެމްބަރު 2021 އަށް ފަސްކުރި ކަމަށާއި އެ ތާރީހު އަރާ ހަމަކުރިއިރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ނެތުމުން އަނެއްކާވެސް ރައްޔިތުންގެ އެތައް ފައިސާއެއް އިސްރާފުވެގެން ދިޔުމަކީ ވެސް އެ ޖަމިއްޔާގެ ކަންބޮޑުވުމެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭސީސީގެ ހަތަރު މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެބޭފުޅުން މަގާމުން ވަކިކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ފާސްކޮށް މަޖިލިހުގެ ތަޅުމުންވެސް ފާސްކުރާނެކަމަށް ގަބޫލުކުރެވިފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް