ads
ފޮޓޯ: ބީއެމްއެލް
އަލަށް ފަށާ ހަތަރު ވިޔަފާރިއަކަަށް ބީއެމްއެލް އިން 2 މިލިއަން ރުފިޔާ ހިލޭ ދެނީ
އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން "ސްޓާޓަޕް ގްރާންޓް" ފަންޑު އިފްތިތާހްކޮށްފި އެވެ.

"ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޭ ހިލޭ އެހީ އެކެވެ. 

ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހަތަރު ވިޔަފާރީއެއް ބީއެމްއެލުން ހޮވާނެއެވެ. އެއިން ކޮންމެ ވިޔަފާރީއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި ޖުމްލަ 2 މިލިއަން ރުފިޔާ މި ހިލޭ އެހީގެ ދަށުން އަބުރާ ދައްކަން ނުޖެހޭ ގޮތަށް ބީއެމްއެލުން ފޯރުކޮށްދޭނެއެވެ. އަދި ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭން އާ އެއްގޮތަށް އެވިޔަފާރިއެއް ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓީވެސް ބޭންކުން ފޯރުކޮށްދޭނެެއެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ، ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާއި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓައް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

" ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗަ އަށް އެހީވެދިނުން." ސޯޔަ ވިދާޅުވިއެވެ. 

ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ސުންގަޑިއަކީ 16 މާރިޗް 2022 ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ. 

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބޭންކުން ވަނީ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދެ ހަރަކާތެއްގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު" އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީވުމަށް ނިންމާފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް