ads
ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާ އައުޓް ޖަހާފަ
ސުކޫލް ފާރުގައި "އިންޑިޔާ އައުޓް" ޖެހިކަމުގެ ތުހުމަތު ސަރުކާރަށް
ރަށު ސުކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ރަށުން ބަޔަކު ލިޔެފާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި، އެކަން ކުރީ ސަރުކާރުން އަޑީގައި ތިބެގެން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ފުނަދޫ ސުކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓަކާއި އެކުއެވެ. އަދި އެކަމަކީ ސިޔާސީ ބޭނުމަށް ކޮށްގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

މި ކަމާއި ގުޅުގެން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ މިނިސްޓްރީން ވަނީ، މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރު ތަކުގައި، އެއިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުންދާ ކަމަށެވެ.

އިންޑިއާ އައުޓް ކެމޕެއިން ފެށި ފަހުން އިންޑިއާ ޓީޗަރުންނަށް ބޭރު ތެރެއިން ފުރައްސާރަ ކުރުން އިތުރު ވެފައިވާ ކަމަށާއި. އަދި މިކަމުގެ ސަބަބުން އެ ޓީޗަރުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބިކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. 

މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި ވާއިރު، ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ރަށު ސުކޫލް ފާރުގައި "އިންޑިއާ އައުޓް" ޖަހާފައި ވަނީ، ސަރުކާރުން ވަކި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށް ބެލެވޭ ކަމަށާއި، އެރަށު ރައްޔިތުން މިފަދަ ނާތަހުޒީބީ ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ. 

އަދި އެކަން ކުރި ބަޔަކު އެކަން ކޮށްފައިވަނީ، ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އެރަށަށް ވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތް ހިންގެވުމުން އެކަން އެ ބަޔަކަށް ބަލައި ނުގަނެވުމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރަށުގެ ބޮޑު ބަޔަކީ، ޕީޕީއެމް އަށް ސަޕޯޓު ކުރާ ބަޔަކަށް ވިޔަސް އެފަރާތްތަކުން މިފަދަ ކަމެއް ނުކުރާނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. 

ފުނަދޫ ސުކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ، އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ހުށައެޅުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް