ads
ހައިކޯޓު
ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ލައިވް ނުކުރާނެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށި ނަމަވެސް މިމައްސަލައިގެ އަޑުއެހުންތައް ލައިވްކުރަން ނިންމާފައި ނުވާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުރިހާ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ޓީވީތަކުން ލައިވްކޮށްގެންނެވެ. ނަމަވެސް ހައިކޯޓުން މިއަދު ބުނީ މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފަށާއިރު އަޑުއެހުންތައް ލައިވް ނުކުރަން ނިންމާފައިވާ ކަމަށެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 11:15 ގައެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.



ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު ވަނީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން އެމަނިކުފާނު މިނިވަންކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހައިކޯޓުން މިކަމުގައި އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާތީ ރައީސް ޔާމީންގެ ގާނޫނީ ޓީމުންނާއި ޕީޕީއެމްއާއި ޕީއެންސީން ވަނީ ޝަކުވާ ކޮށްފަ އެވެ.


ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާނަމަ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން އެ މީހަކު މިނިވަންކުރެވިދާނެ އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާއާ ހަވާލާދީ ބައެއް ބޭފުޅުން ގެންދަވަނީ ކަފާލާތުގެ ޝަރުތު ރައީސް ޔާމީން ހަމަނުވާ ކަމަށް ވިދާޅުވަމުންނެވެ.



އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.



އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބުނާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ހުކުމެކެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ، ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިހާރު ގެންދަނީ ޕެޓިޝަނެއްގައި ސޮއި ކުރުވަމުންނެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް