ads
ފޮޓޯ:ދިރާގު
ޖެންގޯ ގާލްސް މާލެ ވޯކްޝޮޕް ނިންމާލައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާލްސް މާލެ' ނަމުގައި 17 އަދި 18 ޖަނަވަރީ ގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.

ޖުމްލަ 28 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުވުމެވެ.

"ޖެންގޯ ގާލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ބައިވެރިންނަށްވަނީ ވެބްސައިޓް ހަދަން ދަސްކޮށްދީފައެވެ. އެވޯކްޝޮޕްގައި މެންޓާސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވިމެން އިންޓެކް މޯލްޑިވްސް އިން 2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންނެވެ. 

އެ ވޯކްޝޮޕް ހާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.  

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ވަނީ އެހާ ކުޑަ ދުވަސް ކޮޅެއްތެރޭގައި އެ ޕްރޮގްރާމުގައި ބައިވެރވާން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު އިތުރު ވުމުން އެކަމާ ވަރަށް އުފާފާޅުކޮށްފައިއެވެ. 

"ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދައުރު އަދިވެސް ފެންނަނީ ވަރަށް މަދުން. އެހެން ނަމަވެސް މި ޕްރޮގުރާމުގައި ބައިވެރިވި އަންހެނުންގެ އަދަދު އެންމެ 4 ދުވަހުގެ ތެރޭގައި ޑަބަލް ވެގެން ދިޔުމުން ވަރަށް އުފާވި. މީގެން އަންގައިދެނީ އަންހެނުން މި ދާއިރާއަށް ޝައުގުވެރިވާކަން އަދި އަންހެނުންނަށް ފުރުސަތުތަށް ހޯދައިދިނުމުގެ މުހިންމުކަން. ސަބަބަކީ މި ދާއިރާއަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށްވެސް ކުރެވޭނެ މުހިންމު މަސައްކަތަކަށް ވުމުން" ވިމެން އިން ޓެކް މޯލްޑިވްސް ގެ ކޯ ފައުންޑާ، އައިޝަތު އަދުނާނު ވިދާޅުވިއެވެ.

ނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރި އޮފް ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ދައުރު ޑިޒިޝަން މޭކިން ލެވެލްގައި އިތުރު ކޮށް ޓެކް ދާއިރާގައި ބާރުވެރި ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެ ކަމުގެ ޔަގީންކަން މި ޕްރޮގުރާމުގެ ސަބަބުން ލިބިގެންދިޔަ ކަމަށެވެ.

ދިރާގުގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއްކަމަށެވެ. 

ޖެންގޯ ގާލްސް އަދި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން އެ ދާއިރާގައި ކުރިއެރުވުމުގެ މަގުސަދުގައިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް