ads
ފައި ބިންދާލާފައިވާ މީހެއް
ދޮންބެގެ އަތުން ބިންދާލި ފަޔާއެކު ދިވެހި އަންހެނަކު މުޅި އުމުރަށް ވޭނުގައި!
އަމާނީގެ ނުކުޅެދޭ ހާލަތުގެ ވާހަކަ އޭނާ "ސީއެންއެމް" އާއި ހިއްސާކުރީ މާލޭގެ ލޮނުޒިޔާރަތް ޕާކު ތެރޭގައި އިދެގެން ނެވެ. އަމާނީ ފުރަތަމަ ވެސް ފެއްޓީ އޭނާގެ ހަޔާތް ބަދަލުވެގެން އައިގޮތުގެ ވާހަކަތަކެވެ. އޭނާ ބުނެފައިވަނީ ނުކުޅެދޭ ހާލުގައި މިއަދު އުޅެން ޖެހިފައި ވަނީ ވިސްނުމެއް ނެތި ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ކަމަށެވެ.

އަމާނީއަކީ ރާއްޖެތެރޭގެ ރަށެއްގެ ކުއްޖެކެވެ. އުމުރުން 5 އަހަރުގައި އަމާނީގެ މަންމަ މަރުވެ އޭނާ ބަލައި ބޮޑު ކުރީ އޭނާގެ ދޮންބެ އާއި ދޮންބެ ދައްތައެވެ. ދޮންބެގެ ހެޔޮކަމާއި އޯގާތެރިކަން އިންތިހާއަށް ލިބެމުން ދިޔަކަމަށް އަމާނީ ބުންޏެވެ. ހޯދަން ބޭނުންވެގެން ނުލިބޭ އެއްވެސް އެއްޗެއް ނޯންނަކަމަށް އަމާނީ ބުންޏެވެ.

ނަމަވެސް ދޮންބެ ކިތަންމެ ހެޔޮކަމުގައި ވިޔަސް ދޮންބެދައްތަގެ ނުފޫޒާއި އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ. 

"ގިނައިން ކާން ވެސް ނުކެރޭ. ހުރިހާ މަސައްކަތެއް ގޭގެ ކުރުމަށްފަހު ކާން އިނަސް ރުޅި އައިސިއްޔާ ބަތްތަށިވެސް ބޮލަށް އަޅާނެ. އަލިފާން ދަނޑި ބުރިންވެސް ތަޅާ" ގައިގެ ލަކުނުތައް ދައްކާލަމުން އަމާނީ ބުންޏެވެ. "ދޮންބެ ދައްތަގެ ދަރިންނަށް ވުރެ ކުރިން ފެންވަރަން ވަދެގެން އެތައްދުވަހަކު ގިފިލި ދާނިންވެސް ބޮލުގައި ތެޅި"

އަމާނީގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އަހަރެން ހިތައް އެރީ ޅެން ބައިތެކެވެ.

"ވަޅުގިފިލި ދާނިންމަގޭ، ބޮލުގައި ތަފާލެއް އެޅިދުވަސް

            އަޅުގެ ފަހު ނޭވާގަވެސް، މިހަދާނަކުން ފޮހެވެން ނެތޭ"

މިއީ އަމާނީގެ ހިތި އެހެނަސް ހަގީގަތެވެ. މިހުރިހާ ވާހަކައެއް ދޮންބެއަށް ސިއްރުކުރީ، ދޮންބެ ކައިރީ ބުނެފިއްޔާ ދޮންބެ ލައްވާވެސް މިއަނިޔާ ކުރުވާނެ ކަމަށް ދޮންބެ ދައްތަ ބުނެފައި އޮތީމައެވެ. ބައެއް ދުވަސް ދުވަހު އެވޭނަށް ކެތް ނުވެގެން، ގެއިން ދުރަށްދާން ފެށީމެވެ. އެގޮތަށް ބޭރުތެރޭގައި އުޅެނިކޮށް ދިމާވި ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. 

ބަލާބެލުމަށް ރީތި މި ފިރިހެން ކުއްޖާ އަށް އަހަރެންގެ ހިތް ލެބުނީ އޭނާގެ އޯގާ ތެރިކަމާއި ކުލުނު ވެރިކަމުގެ ސަބަބުންނެވެ. ދެމީހުންގެ އުމުރުގެ ތަފާތު ކިތައްމެހާވެސް ބޮޑެވެ. ނަަމަވެސް ގޭތެރެއިން ނުލިބޭ އެތައް ހިތްހަމަ ޖެހުމެއް ބޭރު ތެރެއިން ލިބެންފެށުމުން އެއްގޮތަކަށް ވެސް ގެއަށް ދާން ބޭނުން ނުވީ ކަމަށް އަމާނީ ބުންޏެވެ. 

"ސަރާހު އާއި އެގޮތަށް ގުޅި، ގެއިން ބޭރުގައި އުޅެން ފެށުމުން ދޮންބެ ހިތްހަމަ ނުޖެހުނު. މީހުން ފޮނުވައިގެން ގެއަށް އަންނަން ބުނި. ނަމަވެސް އަހަރެން އެއަޑެއް ނޭހިން. އަހަރެން ބުނީ ނުދާނަމޭ. އެއީ ދޮންބެގެ ދިރިއުޅުން ހަލާކުވާނެތީ. އެއީ ދޮންބެ ދައްތަ ވެސް އެދޭ ގޮތަށްވާތީ. ދޮންބެގެ ދެދަރިންނާއެކު އެ އާއިލާގެ އުފާވެރިކަން އަހަރެން ބޭނުންވާތީ. ނަމަވެސް މިވާހަކައެއް ކުރިން އެއްވެސް މީހަކަށް ކިޔައިނުދެން."

ހަމައެކަނި ސަރާހުއަށް ކިޔައިދިނީމެވެ. ދެން ގޭގެ އަވަށުގެ މީހުންނަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށް އަމާނީ ބުންޏެވެ.

ސަރާހު އާއެކު ވަގުތު ހޭދަ ކުރަމުން ދިޔައީ، ކިތަންމެހާވެސް އުފަލުންނެވެ. ނަމަވެސް ދޮންބެއަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ސަބަބަކީ ދޮންބެ އަކީ ވަރަށް ބަސްމަދު ރުޅިގަދަ މީހަކަށް ވާތީއެވެ. 

އެހާ ހިސާބަށް ވާހަކަ ތައް ކިޔައި ދިނުމަށްފަހު، އަމާނީ އޭނަ ލައިގެން ހުރި ހަރުވާޅު ހިއްލާލާ ފައި ދައްކަމުން ބުނީ އަހަންނަށް މިއަނިޔާ ލިބުނީ ގަބޫލު ކުރަން ބޭނުންވި މީހެއްގެ ކިބައިންވެސް ނޫން ކަމަށެވެ.

"މިއަނިޔާ އަހަންނަށް ލިބުނު ދުވަހަކީ ސަރާހު ރަށުގައި ނެތްދުވަހެއް ކަމަށާއި، އޭނަ ހުންނަ އިރު، ބޭރުން ގެންނަން ޖެހޭ އެއްޗެހި ވެސް ހުންނާނީ ގެނެސްފަ. އެ ދުވަހު ބަތް ކައްކަން ބެލި އިރު ގޭގެ ލޮނު ޕެކެޓް ހުސްވެފައި އޮތުމުން އެދުވަހު އަހަރެން ދިޔައީ ޖެހިގެން ހުރިގޭ ފިހާރައަށް. ކުއްލިއަކަށް ފެނުނީ ދޮންބެ."

ދޮންބެ އަށް ފިލަންވެގެން އަހަރެން ދުއްވައިގަތް ތަނުން ފަހަތުން ދޮންބެ އައިސް ވަކަރު ބުރިއަކުން ފައިގައި ޖެހީ. އަދި ބުނީ ކަލެއަށް އަހުރުމެން ކޮށްދިން ކަންތައްތަކުގެ އަގު ވަރަށް ފުރިހަމައަށޭ އަދާތިކުރީ. އެގޮތަށް ދެ ފަހަރު ޖެހިކަން އެނގުނު. ދެންވީގޮތެއް ނޭނގެ. ހޭލެވުނު އިރު އޮތީ މާލޭގަ. މީހަކު އެތަނުން ބުނި އަޑު އެހިން އަމާނީގެ ދޮންބެވީ ފުލުހުންގެ ހައްޔަރުގައޭ."

މިއަދު އަހަންނަކީ ނުކުލެދޭ މީހަކީމެވެ. އެއްފައި ކުރު އެކަނި ހާލަށް ނޫޅެވޭ އަންހެނަކީމެވެ. އަޅާލާނެ މީހަކު ނެތެވެ. ސަރާހު ގެއްލިއްޖެއެވެ. މީހުން ކައިރިން ސަލާން ޖެހުން ނޫން ގޮތެއް ނެތް ކަމަށް އަމާނީ ބުންޏެވެ. ސަރުކާރުން ލިބޭ ދެހާސް ރުފިޔާ ލިބެއެވެ. މި އުޅެނީ މީހެއްގެ ގެއެއްގަ ނޯކަރަކަށެވެ.

ދޮންބެ އަހަންނަށް ކިތައްމެހާވެސް ރަނގަޅެވެ. ނަމަވެސް ދޮންބެގެ އެ އަނިޔާ އަހަންނަށް ލިބުނީ ދޮންބެ ދައްތަގެ ވިހަގަދަ ބަސްތަކުގެ ސަބަބުން، ދޮންބެގެ ސިކުޑިއަށް ވަދެފައި ހުރި ރުޅިވެރިކަމާއި އެކު އަހަންނަކީ ގޯސްމީހެއް ކަމަށް ދެކެވުނު ހިސާބުން ކަން އަހައްނަށް އެނގެއެވެ.

އަހަރެން ދޮންބެއަށް މާފް ކުރަމެވެ. ގެވެށި އަނިޔާގެ ކުއްވެރި އަކަށްވެ، ދޮންބެ ޖަލަށްދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ދޮންބެ މިނިވަނެއްގެ ގޮތުގައި ހިތްހަމަ ޖެހިގެން އުފަލުގައި އުޅޭށެވެ. އަހަރެން ދޮންބެއަށް މާފް ކޮށްފީމެވެ. އަހަރެން ދޮންބެ ދެކެ ވަރަށް ލޯބިވެއެވެ.

16%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް