ads
އައްޑޫ ސިޓީ
ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީހުގެ އިމާރާތުގެ ބިންގާ އަޅައިފި
ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ، އައްޑޫ ސިޓީ މަރަދޫގައި އަޅައިފިއެވެ.

22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. 3 ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އަޅާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު  މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި، މާލެފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަދު މި ބިންގާ އެޅޭ، ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަފުޅުގައި މިއަދު މި ބިންގާ އެޅޭ އިމާރާތަކީ، އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. 

އަދި މި ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަގްބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. 

މަރަދޫ ޕާރކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރު މާރިޔާގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދު ޝަމާލް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނާޒިމްގެ އިތުރުން އައްޑޫސިޓީގެ ކައުންސިލް މެމްބަރުންނާއި، މަރަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަރަދޫގެ ރައްޔިތުންގެ އިތުރުން އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް