ads
ތައިލެންޑުގައި ބަޔަކު މާސްކް އަޅައިގެން-- ފޮޓޯ: އީޕީއޭ
ކޮރޯނާ ވައިރަހުގެ އަޕްޑޭޓް: 4500 މީހުންނަށް ޖެހިއްޖެ، 106 މީހުން މަރުވެއްޖެ!
އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާ އާއި ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަމުން ދާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 106 އަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާތަނަށް ޖުމްލަ 4500 މީހަކަށް ވަނީ އެ ވައިރަހުގެ އަސަރުކޮށްފަ އެވެ. އެގޮތުން ޖަރުމަނުގައި ވެސް އެ ބަލި ޖެހިފައިވާ މީހަކު މިހާރު ވަނީ ފެނިފަ އެވެ. 

އެމެރިކާ އާއި ކެނެޑާއިން ވަނީ ޗައިނާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފަ އެވެ. އެގޮތުން ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ ޗައިނާއަށް ނުދިޔުމަށް ވަނީ އެގައުމުތަކުގެ ރައްޔިތުންނަށް އަންގާފަ އެވެ. 

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ހުބެއި ޕްރޮވިންސުގެ ވޫހާން ސިޓީއާއެކު، ޗައިނާގެ 20 ސިޓީއެއްގެ 56 މިލިއަން މީހުންނަށް ދަތުރު ނުކުރެވޭނެހެން ވަނީ ބަންދުކޮށްފަ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް މި ވަގުތު ހުންނެވީ ޗައިނާގަ އެވެ. ނޭވާލުމުގެ ނިޒާމަށް ޖެހޭ މި ބަލީގެ ނުރައްކާ ޗައިނާގައި ވަރަށް ބޮޑު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

ނަމަވެސް މިއީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އިއުލާން ކުރުމަށް އަދި މާ އަވަސް ކަމަށް މިދިޔަ ހަފްތާގައި ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

އިތުރު އަޕްޑޭޓުތައް:

  • ތައިލެންޑުގައި އިތުރު ހަ މީހަކަށް ކޮރޯނާ ވައިރަސް ވަނީ ޖެހިފަ އެވެ. އެ އެންމެންނަކީ ވެސް ޗައިނާއަށް ދަތުރުކޮށްފައި ތިބި މީހުންނެވެ. މިހާތަނަށް އޭޝިއާގެ 14 ގައުމަކުން މި ވައިރަސް ފެނިފައި ވެއެވެ. ތައިލެންޑުން ނިންމާފައި ވަނީ ޗައިނާއިން އެގައުމަށް އެތެރެވާ ހުރިހާ އެންމެން ސްކްރީން ކުރުމަށެވެ.
  • ޗައިނާއިން ވަނީ އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ. އެގައުމުގެ ނޭޝަނަލް އިމިގްރޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އެފަދަ ޓްރެވަލް އެޑްވައިޒަރީއެއް ނެރުނީ ޗައިނާ ރައްޔިތުންނާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ވައިރަހުން ރައްކާތެރި ކުރުމަށް ކަމަށެވެ.
  • ވޫހާންގައި ތިބި ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ޗާޓަރު ފްލައިޓެއް ފޮނުވަން ޖަޕާނުން ވަނީ ނިންމާފަ އެވެ. އެގައުމުން ބުނީ އެ ފްލައިޓުގައި 200 މީހުން އުފުލުމުގެ ޖާގަ އެބަ ހުރި ކަމަށެވެ. ނަމަވެސް ވޫހާންގައި ތިބި 650 ޖަޕާނު މީހުން އެނބުރި ގައުމަށް ދާން ބޭނުންވެ އެވެ. އެހެންކަމުން އިތުރު ފްލައިޓުތައް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް