ads
ޗައިނާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: އެމްއޭސީއެލް
ޗައިނާ ފަތުރުވެރިން ރާއްޖެ އަންނާތީ އާއްމުންގެ ކަންބޮޑުވުން!
ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރަށް، ޗައިނާ ފަތުރުވެރިންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިންގެ މާކެޓަށް ވުމާއެކު، އެގައުމުން ގިނަ އަދަދެއްގެ މީހުން ރާއްޖެ އަންނާނެތީ އެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބަށް ބަލާއިރު ވެސް، މިހާތަނަށް ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން ހުރިހާ އެންމެންނަކީ ވެސް ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންނެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި 2700 މީހެއްގެ ގައިން ވަނީ ވައިރަސް ފެނިފަ އެވެ. ޗައިނާ ނޫން ގައުމުތަކުން 37 މީހެއްގެ ގައިން ވައިރަސް ފެނުނުއިރު، އޭގެ ތެރެއިން 36 މީހަކު ޗައިނާއަށް ދަތުރުކުރި އެވެ. 

ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ޗައިނާއަށް ދަތުރު ކުރުމާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީ ނެރިފަ އެވެ. އެގޮތުން ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ ޗައިނާއަށް ނުދިޔުމަށް ވަނީ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އަންގާފަ އެވެ. 

އެކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ސީއެންއެމަށް ވިދާޅުވީ ޓްރެވަލް އެޑްވައިޒަރީއެއް އަދި ނެރިފައި ނުވާ ކަމަށެވެ. 

ބައެއް ގައުމުތަކުން ދަނީ ޗައިނާ މީހުންނަށް ވިސާ ދިނުމުގެ ކަންކަން ވެސް ހަރުކަށި ކުރަމުންނެވެ. އެގޮތުން ސްރީލަންކާގައި ވެސް ކޮރޯނާ ވައިރަސް ޖެހިފައި ހުރި މީހަކު ފެނުމުން ވަނީ ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ނުދިނުމަށް ނިންމާފަ އެވެ. 

ގައުމުތަކުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ މީހުން ރާއްޖެ އައުން ހުއްޓުވުމަށް ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. 

އޭގެ އިތުރުން ޗައިނާގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމުގެ ކަންކަން ވެސް ގައުމުތަކުން ދަނީ ކުރަމުންނެވެ. 

އެގޮތުން ލަންކާގެ 200 އަށް ވުރެ ގިނަ ދަރިވަރުން އަނބުރާ ގައުމަށް ގެނެސްފައި ވާއިރު، އެމީހުން ކެރެންޓީން ކުރުމަށް ވަނީ ދިޔަތަލަވަ ސަރަހައްދުގެ އަސްކަރީ މަރުކަޒެއް ހަމަޖައްސާފަ އެވެ. 

ޖަޕާނުން ވެސް ދަނީ ޗާޓަރު ފްލައިޓުތަކުގައި ރައްޔިތުން ގައުމަށް ގެންދިޔުމުގެ ކަންކަން ކުރަމުންނެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެގައުމުގެ ރައްޔިތުން ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ. 

ކޮރޯނާ ވައިރަސް ފެނުނު ވޫހާން ސިޓީގައި ހަތް ދިވެހިން އެބަ ތިއްބެވެ. އެމީހުން ރާއްޖެ އައުމަށް ބޭނުންވާތީ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ އެހީއަށް އެދިފަ އެވެ. 

އެކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ އެ ހަތް މީހުންނަށް މާލީ އެހީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

43%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް