ads
ފޮޓޯ: ގޫގަލް
ޕާޓީ ކުރުމާއި ދުރުވެ އިސްލާމް ދީނަށް ވަދެވުނު ގޮތް!
ސިޑްރާ ނަމަކަށް ކިޔާ އަންހެނަކު އޭނާއަށް އިސްލާމްދީނަށް ވަދެވުނު ގޮތް ކިޔާ ދެމުން ފުރަތަމަ ބުނީ އޭނާއަކީ ކުރިން މޫނު ބުރުގާ އަޅާ، އަބާޔާ ލައި އުޅުނު މީހެއް ނޫންކަމަށެވެ.

މުސްލިމް އާއިލާއަކުން އައިސްފައިވާ ސިޑްރާ ކިޔާ ދިން ގޮތުގައި އޭނާގެ މައިންބަފައިންނަކީ ވެސް އެހާ ދީންވެރި ބަޔެއް ނޫނެވެ. އޭނާގެ މައިންބަފައިން ވެސް އިސްލާމް ދީނަށް ވުރެ ބޮޑަށް ސަގާފަތާއި އާދަކާދަ އަށް އިސްކަންދެއެވެ.

އޭނާ ސައުދީގައި 18 އަހަރު ވަންދެން އެކަނި ދިރިއުޅުނު އިރު ވެސް ދުވަހަކު ވެސް ބުރުގާ އަޅާކަށް، ނަމާދު ކުރާކަށް އާއިލާއިން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް އަބަދު ވެސް އިސްލާމް ދީނަށް އުޅެން ބޭނުން ނަމަ އެކަމަށް ހިތްވަރު ދެއެވެ. އަދި އުޅެން ބޭނުން ނޫން ނަމަ އެއީ ހަމަ އޭނާގެ ނިންމުމެއް ކަމުގައި ގަބޫލު ކުރެއެވެ. 

"އަހަރެން ސްކޫލުގައި އުޅެނިކޮށް އެންމެ ބޮޑަށް ހުންނަ ދައްތަ ބުރުގާ އެޅީ. ދައްތަ ކައިރިން އިންސްޕަޔަ ވެގެން އަހަރެންނާއި އަހަރެންގެ އެހެން ދައްތަމެން ބުރުގާ އެޅީ. ނަމަވެސް ހައި ސްކޫލާ ހަމައަށް އާދެވުނު އިރު އަހަރެން ބުރުގާ މަތިން ފޫހިވި. އަދި ބުރުގާ އެޅި މަގްސަދު ރަނގަޅު ނުވުމުން އަހަރެން ނިންމީ ބުރުގާ ބާލަން. ވަރަށް ބޮޑު ނިންމުމެއް އެއީ އެކަމަކު އަހަރެން ދައްތަ ބުރުގާ އެޅިއޭ ކިޔާފައި އެޅީމަ އެއީ ރަނގަޅު ގޮތަކަށް ނުވި އެހެންވެ ނިންމީ ބުރުގާ ބާލަން. އަހަރެންގެ އާއިލާ ހަމަ ވަރަށް އެއްބާރުލުން ދިން އަހަރެންގެ ނިންމުމަށް. ފުރަތަމަ އެމީހުން ތިބީ ދެރަވެފައި. އެކަމު ފަހުން އޯކޭވި. އަހަރެން ބުރުގާ އަޅަން ނިންމީމަ އެ މީހުން އުފާވި އަދި ބުރުގާ ބާލަން ނިންމުމުން ދެރަވި ނަމަވެސް މަޖުބޫރެއް ނުކުރޭ ބުރުގާ އަޅައިގެން ހުންނާކަށް." ބުރުގާ ފުރަތަމަ އެޅުނު ގޮތާއި ބާލަން މެދުވެރިވި ސަބަބު ކިޔާދެމުން ސިޑްރާ ބުންޏެވެ.

އެފަހުން އޭނާ އުޅުނީ އޭނާ ބޭނުންވި ގޮތަކަށެވެ. ބޭނުން ގޮތަކަށް ހެދުން އަޅައި ބޭނުން ކަމެއް ކުރަމުން ދިޔައީ އެވެ. އޭނާ ބުނާގޮތުން އޭރު އޭނާއަށް އިހުސާސްވީ ދުނިޔޭގެ އެންމެ މަތީގައި އުޅެވޭހެންނެވެ. އަދި އޭނާއަކީ ބައްޕަގެ ރަން ދަރިފުޅު ކަމުން އޭނާ ހުރީ އެއްކޮށް "ސްޕޮއިލް" ވެފައެވެ. 

"އޭރު ހީވީ އެއީ އެންމެ އުފާވެރި ވަގުތުތައް ހެން. އަހަންނަށް އެނގޭ އަހަންނަކީ މުސްލިމެއް ކަން. އިސްލާމްދީނަކީ ކޯއްޗެއް ކަން. އަހަރުމެން އީދު ނަމާދު އަހަރަކު ދެ ފަހަރު ކޮށް އުޅުނިން. އެއީ ހަމައެކަނި ކުރާ ނަމާދަކީ. ދެން އަހަރުމެން ރޯދަ ހިފަން އެއީ އެހެން މީހުން ވެސް ރޯދަ މަހު ރޯދަ ހިފާތީ. އޭރަކު ވެސް ނޭނގެ އަހަރެން އެކަންތައް ކުރަނީ ކީއްވެގެން ކަމެއް. އަހަރެން އެކަމެއް ކޮށް އުޅުނިން އެއީ އަހަރެންގެ ދީނާ ސަގާފަތުގައި އޮންނަ ގޮތްވީމަ. އެހެންވީމަ ބުނެވިދާނެ އަހަންނަކީ ނަމެއްގައި މުސްލިމެކޭ،" ސިޑްރާ ކިޔާދިނެވެ.

ސިޑްރާ އެހުރިހާ ކަމެއް ކުރީ އެއީ އޭނާގެ އާއިލާއިން ކޮށް އުޅޭކަމަކަށް ވާތީ އެވެ. އޭނާ ބުނާގޮތުން އާއިލާ މީހުން އެކަންތައްތައް ނުކުރި ނަމަ އޭނާ ވެސް އޭރު ނުކުރާނެ އެވެ. މިގޮތުން އޭނާއަށް އުޅެވުނީ އިހްސާސް ވެސް ނުކުރެވޭހާ އިސްލާމް ދީނާ ދުރުގަ އެވެ. 

ނަމަވެސް އެހުރިހާ ކަމެއް ބަދަލުވާން މެދުވެރިވީ 2013 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާގެ ބައްޕަ މަރުވުމުންނެވެ. ބައްޕަ ވަކިވެދިޔުމަށް ފަހު އަބަދު ވެސް ސިކުޑީގައި ގުގުމަމުން ދިޔައީ ބައްޕަ ބަލިއެނދުގައި އޮވެ ސިޑްރާއަށް ކުރި ވަސިއްޔަތެވެ. އިސްލާމްދީނަށް އެނބުރި އައުމަށް ބައްޕަ ކުރި އާދެހެވެ.

"އެއީ އަހަރެންނަށް ވަރަށް ހިތްދަތި ދުވަސްކޮޅެއް. ފުރަތަމަ އަހަރެން ނުވެސް ރޮން. އެކަމަކު ފަހުން އަހަރެންނަށް ވިސްނެތް ފެށުނު. ބައްޕަ މަރުވަމުން ބަލި އެނދުގައި އޮވެ އަހަންނަށް ބުނީ، ސިޑްރާ އަހަރެންގެ ދަރިފުޅު އިސްލާމްދީނަށް އެނބުރި އަންނާށެ. އަހަރެން ކޮނޑު އަރުވާލާފައި ބުނިން އެދުވަހު އާ ބައްޕާ އޯކޭއޭ، ހަމަޖެހޭށޭ، މިއީ އެ ވާހަކަ ދައްކަންވީ ވަގުތެއް ނޫނޭ. އޭރު އަހަރެންގެ ސިކުނޑިއަކު އެކަހަލަ އެއްވެސް ކަމެއް ނެތް. ނަމަވެސް ބައްޕަ ދިޔުމުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި ކަހަލަ،" ސިޑްރާ ކިޔާދިނެވެ.

ދެން އޭނާއަށް ވިސްނެން ފެށުނީ ބައްޕަ މަރުވެގެން ދިޔަ ތަނަކާ، ގެންދިޔަ ފަރާތަކާ މެދު އެވެ. ސިޑްރާ ބުނާގޮތުން އޭރު އޭނާގެ ސިކުނޑިގައި ބައިވަރު ސުވާލުތައް ދިޔައީ އެނބުރެމުންނެވެ. ނަމެއްގައި މުސްލިމެއްގެ ގޮތުގައި ހުރި ސިޑްރާއަށް މާތްﷲ އަކީ ކޮން ފަރާތެއްކަން އެނގެ އެވެ. ނަމަވެސް މާތް ﷲ އަކީ ކިހާ ބާރުގަދަ ފަރާތެއް ކަމެއް އޭރު ސިޑްރާއަކަށް ނޭނގެއެވެ. ބައްޕަ ދިޔަ ތަނަކާއި، ބައްޕަ ގެންދިޔަ ފަރާތެއް ބެލުމުގެ މަގަސަދުގައި އޭނާ ދެން ފެށީ ރީސާޗްކުރާށެވެެ. އެކަމާއި ގުޅިގެން ވަރަށް ގިނަ މީހުންނާއި އޭނާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެންގެ އުމުރުން އޭރު އެންމެ 21 އަހަރު. އަހަރެން ހުރީ އޭގެ އެއްވެސް ކަމަކާ ތައްޔާރު ވެގެންނެއް ނޫން. ދެން އަހަރެން ލެކްޗާސް އަޑު އަހަން ފެށިން އޭގެ ތެރެއިން ދެ މީހުންނަކީ ޑރ. ޒާކިރް ނައިކް އާއި ނޯމާން އަލީ ހާން. އެ މީހުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ. ދެން އަހަރެން އިސްލާމް ދީން ދަސްކުރާ ހިތް ވީ. ހުރިހާ ދީނެއް ވެސް ބުނާނެ އެދީނަކީ އެންމެ ރަނގަޅު ދީނޭ އަދި އެމީހުންނަކީ ސުވަރުގެ އަށް ދާނެ މަގޭ. އަހަރެން ކްރިސްޓިއަން ދީން، ޖުޑިޒަމް، ހިންދޫ، އަދި ބުދު ދީނާ ބެހޭ ގޮތުން މައުލޫމާތު ހޯދިން. ހަމަ އެހެންމެ އަހަރެން އިސްލާމް ދީނާ ބެހޭ ގޮތުން ވެސް ހޯދިން. އަހަރެން މީހުންނާ ވާހަކަ ދައްކާ ކަންތައްތައް ހޯދަން ފެށިން. އޭގެ އިތުރުން އަހަރެންނަށް ކީއްވެ ކުރާ ކަމެއް ކަން ނޭނގުނު ނަމަވެސް ގަވާއިދުން ފަސް ނަމާދު ކުރަން ފެށިން. އޭރު ވެސް އަހަރެން ބުރުގައެއް ނާޅަން ހެދުން ލައި އުޅުނީކީ ރަނގަޅަކަށް ނޫން. އަހަރެން ކުރަމުން އައި އެއްވެސް ނުބައި ކަމެއް ނުހުއްޓަން ހަމައެކަނި ނަމާދު ކުރަން ފެށީ." އިސްލާމްދީނުގެ ތެރެއަށް މަޑުމަޑުން ވަދެވިގެން ދާން ފެށިގޮތް ކިޔާދެމުން އޭނާ ބުންޏެވެ.

ނަމަވެސް މާތް ﷲ އެމީހަކަށް ހިދާޔަތުގެ އަލިކަން ދައްކަވަން އިރާދަކުރައްވާ މީހަކަށް ހިދާޔަތް ދެއްވާހެން، ސިޑްރާއަށް ވެސް ހިދާޔަތު ދެއްކެވިއެވެ. ދެން ވިސްނަން ފެށުނީ ބުރުގާ އެޅުމާ މެދުއެވެ. 

މިގޮތަށް ވިސްނަން ފެށުނީީ އެއް ދުވަހަކު ރެސްޓޯރަންޓަކަށް ގޮސް ނަމާދު ކުރާ ތަން ކޮބައިތޯ ސިޑްރާ އެހުމުން އެތާ ހުރި ކުއްޖާ އޭނާ އާ ދިމާލަށް ބަލާލާފައި "ކަލޭ ތީ ނަމާދު ކުރާ މީހެއް ހޭ؟" މަލާމާތުގެ ރާގަކަށް އެހުމުންނެވެ. އެދުވަހު އޭނާއަށް އިހްސާސް ކުރެވުނީ ކިތަންމެ ހެޔޮ އަމަލެއް ކުރި ނަމަވެސް އަންހެނާ އިސްލާމްދީނުގައި އޮންނަ ގޮތަށް ނިވާ ނުވާނަމަ މުޖުތަމައު އެމީހަކާ މެދު ދެކޭގޮތް ބަދަލު ނުވާނެ ކަމެވެ. 

އެދުވަހު ނަމާދަށް އަރާ ފުރަތަމަ ފަހަރަށް ބުރުގާ އެޅުމާމެދު ފަސޭހަ މަގެއް ދެއްކެވުން އެދި މާތްﷲ ގެ ހަޒްރަތަށް އޭނާ ދުއާ ކުރި އެވެ. ސިޑްރާއަށް އޭރު ހީވީ ބުރުގާ އެޅުމަކީ އަންހެނުންގެ ރީތިކަން ގެއްލޭނެ ކަމެއް ކަމަށެވެ. ބުރުގާ އެޅުމާ މެދު އޭނާއަށް ދެ ހިޔާލެއްގައި ހުރެވޭ ސަބަބަކީ އެއީ އެވެ. 

ދުއާ ކުރިތާ ހަފްތާއެއް ފަހުން އެއް ދުވަހަކު އޮފީހުގައި އިންދާ ބުރުގާ އަޅާ ހިތްވީ ކުއްލިއަކަށެވެ. އޭނާ ބުނިގޮތުން އެދުވަހު ވަގުތުން އޭނާ ގޮސް ބުރުގާ އެޅީ އެވެ. އަދި ބުރުގާ އެޅުމުން ހިތްހަމަޖެހުމާއި ސަލާމަތްކަން ލިބިގެން ދިޔަ ކަމުގެ އިހުސާސް ކުރެވިގެން ދިޔަ އެވެ. އޭރު އޭނާގެ އުމުރުން 22 ނުވަތަ 23 އަހަރު ވެދާނެއެވެ. ދެން އޭނާ ބުނިގޮތުގައި މަޑު މަޑުން ކުރުއަތް ހުންނަ ހެދުމުން ދިގު އަތް ހުންނަ ހެދުމަށް ބަދަލުކޮށް ޖީންސްގެ ބަދަލުގައި ސްކާޓް ލާން ފެށިއެވެ. 

ނަމަވެސް ކޮލެޖް ގްރެޖުއޭޓް ވުމާއެކު އޭނާއަށް އިތުރު ނިންމުމެއް ނިންމަން ޖެހުނެވެ. އެއީ ކޯޕަރޭޓް އިން ލިބުނު ވަޒީފާއަށް ދާނީތޯ ނުވަތަ މަދަރުސާއަށް ދާނީީތޯ އެވެ. އޭނާ ނިންމީ މަދުރަސާއަށް ދާށެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސާއި ދީން ދަސްކުރަން ފުރުސަތު ލިބުނު ގޮތުގެ ވާހަކަ ކިޔައިދެމުން އޭނާ އެކަން ސިފަކޮށްފައިވަނީ ވަރަށް އުނދަގޫ ނަމަވެސް އެހާމެ ރީތި ދަތުރެއްގެ ގޮތުގައެވެ.

"މަދަރުސާއަށް ދިޔުމުގެ ތެރޭގައި އަހަރެން މިސްކިތަށް ދާން ފެށީ އެތަނުން އަހަރެންނަށް ވަރަށް ބައިވަރު މޫނު ބުރުގާ އެޅި ރަހުމަތްތެރިން ލިބިގެންދިޔަ. އެތަނުން އެއް ރަހުމަތްތެރިއެއް އަހަރެންނަށް މުނު ބުރުގާއެއް އަޅަން ދިނުމުން އެ އަޅާފައި ވެސް މޫނު ބުރުގާ އެޅުމަކީ އަހަންނަށް ވާނެ ކަމެއް ނޫނޭ ބުނިން. ނަމަވެސް އެއް ދުވަހަކު އަހަރެން ކްލާހުގައި ހުއްޓާ އިވުނު އެއްޗަކުން އަހަރެންގެ މުޅި ވިސްނުން ބަދަލުވެގެން ދިޔަ. އޭގެ ފަހުން އަހަރެން ބައެއް ފަހަރު މިސްކިތައް އަދި މަދަރުސާއަށް ދާއިރު މޫނު ބުރުގާ އަޅަން،" ސިޑްރާ ބުންޏެވެ.

ސިޑްރާ ރަސްމީކޮށް މޫނު ބުރުގާ އެޅީ 7 ސެޕްޓެމްބަރު 2016 ގައެވެ. އަދި އެއީ މޫނު ބުރުގާ އެޅުމަށް އެންމެ ރަނގަޅު ވަގުތު ކަމުގެ އިހްސާސުވެސް ކުރެވުނެވެ. އޭނާގެ ހުރިހާ ރައްޓެހިން ކައިރީ އެދުވަހަށް ފަހު، އޭނާގެ މޫނު ނާޅާ ހުރި ހުރިހާ ފޮޓޯ އެއް ޑިލީޓު ކޮށްލުމަށް އޭނާ އެދުނެވެ. 

ސިޑްރާ އެދުވަސްތައް ސިފަކުރަނީ އޭނާގެ ހަޔާތުގައި އައި އެންމެ އުނދަގޫ ރާސްތާގެ ގޮތުގައެވެ. ސިޑްރާގެ ވާހަކަ ކިޔައިދީ ނިންމާލަމުން އޭނާ ބުނި ގޮތުގައި މޫނު ބުރުގާ އަޅާ މީހުންނަކީ މަޖުބޫރުކޮށްގެން މޫނު އަޅާފައި ތިބޭ ބައެއް ކަމަށް މުޖުތަމައުގައި ވާހަަކަ ދެކެވެއެވެ. ނަމަވެސް އޭނާ ބޭނުން ވަނީ އެ ވިސްނުން ބަދަލު ކުރުމަށެވެ. 

އެންމެންނަކީ މަޖުބޫރުވެގެން މޫނު އަޅައިގެން އުޅޭ ބައެއް ނޫނެވެ. މޫނު ބުރުގާ އަޅަން ބޭނުން ވެގެން އަޅައިގެން އުޅޭ މީހުން ވެސް އުޅެ އެވެ. ސިޑްރާ ބުނީ އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އޭނާ ބުނިގޮތުގައި އޭނާ އަދިވެސް ދަނީ ދަސްކުރަމުންނެވެ. އެ ރާސްތާގެ އެންމެ ފަހު މަންޒިލާއި ހަމަޔަށް ދެވެންދެން ވެސް އޭނާގެ އެދުުމަކީ މާތްﷲ އޭނާ އެގޮތުގައި ލެހެއްޓެވުމެވެ.  އަދި އެންމެންގެ ކިބައިން އޭނާ އެދިފައިވަނީ ތެދު މަގުގައި ދެމިހުރުމަށް އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

82%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް