ads
އަލީ ވަހީދު---
އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް އަނެއްކާ ފަށައިފި
ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްޕްރީމްކޯޓުން ދެފަހަރެއްގެ މަތިން އަޑުއެހުމުގައި ބައިވެރިވުމަށް ރާއްޖެއައުމަށް އަންގާ ޗިޓު ފޮނުވުމުންވެސް އަލީ ވަހީދު ކޯޓުގެ އަމުރު ބޮލާލާ ޖެހި މައްސަލާގައި އޭނާ ރާއްޖެ ގެނައުމަށް ކޯޓުން މިދިޔަ އަހަރު ކުރި އަމުރު ތަންފީޒު ކުރަން ފުލުހުން މިފަހަރު މަސައްކަތް ކުރަމުންދަނީ އެ އަމުރުގެ އިނގިރޭސި ތަރުޖަމާ ފުލުހުންނަށް ލިބުމުންނެވެ. 

ފުލުހުންގެ މީޑިއާ އޮފިސަރު މީގެ ކުރިން ސީއެންއެމް އަށް ވިދާޅުވެފައިވަނީ އެ އަމުރު ތަންފީޒު ކުރުން ނުފެށިވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބިގެން ކަމަށެވެ.

ނަމަވެސް މައުލޫމާތު ލިބޭގޮތުން އެއަމުރުގެ ތަރުޖަމާ މިހާރު ފުލުހުންނަށް ވަނީ ލިބިފައެވެ. އަދި އެއާ އެކު އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން މިހާރު ވަނީ ފަށާފައެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް"އިން ފުލުހަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ އެއިދާރާގެ ބަހެއް އަދި ނުލިބެއެވެ.

އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ އަމުރު ކޮށްފައެވެ. 

އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފައިވަނިކޮށް ފުލުހުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން އޭރުވެސް ބުނެފައިވެއެވެ. 

ނަމަވެސް އޭގެފަހުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކޯޓުން އަމުރު ކޮށްފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިހާތަނަށް އޭނާ ހޯދައިގެން ރާއްޖެ ގެނެސް ކަރެކްޝަނާއި ހަވާލުކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އަލީ ވަހީދު ހޯދުމަށް އެ އިދާރާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް އެއްބަސްވެފައެވެ. 

އޭގެފަހުން ދެން ބުނީ އެމަސައްކަތް ކުރަމުން ނުދަނީ ކޯޓު އަމުުރުގެ އިގިރޭސި ތަރުޖަމާއެއް ނުލިބިގެން ކަމަށެވެ. މިހާރު އެ ތަރުޖަމާ ލިބިގެން އަލީ ގެނައުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުނިއިރު، އަލީގެ ޝަރީއަތް އޮންލައިންކޮށް ބާއްވަމުންދާ މައްސަލައިގެ އަޑު އެހުމުގަައި ބައިވެރިވުމަށް އޮގަސްޓު ދެވަނަ ދުވަހު ރާއްޖެ އައުމަށް އަލީއަށް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15ވަނަަ ދުވަހު ސްޕްރީމް ކޯޓުން ޗިޓް ފޮނުވާފައެވެ. 

ނަމަވެސް އެ ދުވަހުގެ އަޑުއެހުމަށް އޭނާ ރާއްޖެ އައިސްފައެެއް ނުވެއެވެ. އެއަޑުއެހުން ފަހުން އޮގަސްޓު މަހުގެ 11 ވީ އަންގާރަ ދުވަހަށް އޮތީ ލަސްކޮށްފައެވެ. އެހެންނަމަވެސް ކޯޓުގެ އަމުރަށް ގޮންޖަހައި، އަމުރު ބޮލާލާ ޖެހުމަށްފަހު އަލީ އެދުވަހުގެ އަޑުއެހުމަށްވެސް ރާއްޖެ ވަޑައިގެންފައެއްނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޗިޓް ރައްދުވުމަށްފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބެ އެވެ. އަދި، ޗިޓް ރައްދުވީ ދައުވާލިބޭ މީހާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ވެސް ކޯޓަށް ހާޒިރުކުރުމުގެ ބާރު ކޯޓަށް އޮވެއެވެ.

އޭނާގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސުޕްރީމް ކޯޓުން އެދުވަހު ނިންމާފައިވަނީ ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށާއި، ޝަރީއަތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށެވެ. އަދި  އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.  

ޖިންސީ ފުރުއްސާރައިގެ އެތައް ތުހުމަތުތަކެއް ކޮށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ކަނޑައެޅިފައިވާ ހަތަރު މަސް ތެރޭގައިވެސް ރާއްޖެ އައިސްފައެެއް ނުވެއެވެ. 

އަލުން ސްޕްރީމްކޯޓުން ދެފަހަރެއްގެ މަތިން އަޑުއެހުމުގައި ބައިވެރިވުމަށް ރާއްޖެއައުމަށް އަންގާ ޗިޓު ފޮނުވުމުންވެސް އަލީ ވަހީދު ކޯޓުގެ އަމުރު ބޮލާލާ ޖެހިއިރު، މިހާތަނަށް އޭނާ ރާއްޖެ ގެނެވުނު އިދާރާއެއް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް