ads
ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސިއްރު ނުކުރާނަން: ސަރުކާރު
ގައުމުތަކަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރިކަން އެނގޭތީ މިކަމާ ގުޅޭ އެއްވެސް ކަމެއް ސިއްރުނުކޮށް ގަވައިދުން ހާމަކުރަމުންދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ކޮރޯނާ ވައިރަސް ގައުމުތަކަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ސަރުކާރުން އެކުލަވާލާފައިވާ ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުން އޮތް މިފަދަ ދުވަސްވަރެއްގައި ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަން އަލީ ވަހީދު ވަނީ ދެއްވާފަ އެވެ.

މިފަދަ ވަގުތެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް ހާސްކަމާއި ކަންބޮޑުވުން އިހްސާސް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ.


"މިކަމާ [ކޮރޯނާ ވައިރަސްއާ] ގުޅިގެން ހިނގައިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނަން. ރާއްޖެއިން ފެނިއްޖެ ނަމަ ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ހަމަޖެހިފައި، އެންމެ ގޯސް ހާލަތަށް ވެސް ސަރުކާރު އޮތީ ތައްޔާރަށް." އަލީ ވަހީދު ވިދާޅުވި އެވެ. 

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހި ސަރުކާރަށް އެންމެ މުހިއްމީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާމުންދާ ކަމަށާއި އެކަންކަން ކުރަމުންދަނީ ޑަބްލިއުއެޗްއޯގެ ލަފަ އާއި އިރުޝާދު ވެސް ހޯދައިގެން ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭހާއި ވަސީލަތްތަކާއި ކާޑުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގެ އިންތިޒާމުތައް އެސްޓީއޯއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅޭ ޓެސްޓްތައް ރާއްޖޭގައި އަދި ހެދެން ނެތް ކަމަށާއި އެންމެ ގާތުން ވެސް މި ޓެސްޓްތައް ހެދެނީ އިންޑިއާ އިން ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޓެސްޓް ކުރާ މީހުންގެ ނަތީޖާ 48 ގަޑިއިރު ތެރޭ ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ގޮތުން އެއާޕޯޓާ ހަމައިން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ކެމަރާތައް ހަރުކޮށް ސްކްރީން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮރޯނާ އަށް ޓެސްޓް ކުރާ މީހަކު ޕޮޒިޓިވް ކަމަށް ދައްކައިފިނަމަ އެމީހަކަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އެއާޕޯޓް ތަކުގައިވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޮރޯނާ އަށް ޕޮޒިޓިވްވާ މީހަކު އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭނަމަ އެކަމަށް ބޭނުންވާ ފެސިލިޓީ ވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް