ads
ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 132 މީހުން މަރުވެއްޖެ
ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 132 މީހުން މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ޗައިނާއިން ކޮރޯނާ ވައިރަހުގެ 5,974 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ބަލިޖެހިގެން 1,239 މީހުން ބޮޑުވަރުވެފައިވާ ކަމަށާއި 132 މީހުން މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ ތައިލެންޑުން 14 ކޭސް، ހޮންކޮންގް އާއި މަކާއޯ އިން 8 ކޭސް، ޓައިވާން އިން 7 ކޭސް، ޖަޕާން އަދި ސިންގަޕޫރުން 7 ކޭސް، އޮސްޓްރޭލިޔާ އަދި އެމެރިކާއިން 5 ކޭސް އަދި ދެކުނު ކޮރެއާ އާއި މެލޭޝިޔާއިން 4 ކޭސް، ފްރާންސުން 3 ކޭސް، ވިއެޓްނާމުންނާއި ކެނެޑާއިން 2 ކޭސް އަދި ކެމްބޯޑިއާ، ނޭޕާލް، ސްރީލަންކާ އަދި ޖަރުމަނުން އެއް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ބަލި ފެތުރުމުގެ ފުރުސަތު މުޅި ދުނިޔޭގެ ނިސްބަތުގައި ވެސް މަތިކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް މިހާރު ވަނީ ބުނެފަ އެވެ. 

މިހާތަނަށް މިބަލީގެ ހުރިހާ ކްރައިޓީރިޔާ އަކަށް ފެތޭ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާރު ވަނީ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ ބޭނުންކުރެ އެވެ. 

އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރި ކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

މީގެއިތުރުން މިބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެ އެވެ. އެގޮތުން އެއާޕޯޓުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި، ގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމުއިއްޔާ ޖަމާއަތްތަކަށް ގައިޑްލައިން ފޯރުކޮށްދީފައިވެ އެވެ. 

ހަމައެހެންމެ ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރެއިން އެބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް