ads
ދަރުމަވަންތަ ހޮސްޕިޓަލް
ކޮރޯނާ ވައިރަސްގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލް ތައްޔާރީ ހާލަތުގައި
ނޮވެލް ކޮރޯނާ ވައިރަސް ރާއްޖޭގެ ފެތުރި ހާލުވާ ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ހާއްސަ އައިސީޔޫއެއް ގާއިމުކޮށްފި އެވެެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވަނީ ހަތަރު އެނދުގެ އައިސީޔޫ އެކެވެ. 

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ތިން އެމްބިއުލާންސް ވެސް މިހާރު ވަނީ ހާއްސަކޮށްފަ އެވެ. މި އެމްބިއުލާންސްތައް މިވަގުތު ބަހައްޓާފައި ހުރީ އައިޖީއެމްއެޗާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލޭގަ އެވެ. 

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ވަނީ އައިސޮލޭޝަން ފެސިލިޓީ ގާއިމުކޮށްފަ އެވެ. ހުޅުމާލޭގެ ފެސިލިޓީގައި 12 އެނދު ހުރިއިރު ކޮރޯނާ ވައިރަސްގެ ހާލަތު ރާއްޖޭގައި އިތުރަށް ގޮސްވެއްޖެނަމަ އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގައި ވެސް އައިސޮލޭޝަން ފެސިލިޓީ ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ކޮރޯނާ ވައިރަސްގެ މީހުން ދެނެގަތުމަށްޓަކައި ސްކްރީން ޕްރޮގްރާމު ވަރުގަދަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ވަނީ ތާމަލް ކެމަރާ ހަރުކޮށް ސްކްރީން ކުރަން ފަށާފަ އެވެ. އަދި ރާއްޖެއަށް މީހުން އެތެރެވާ އެހެން ދޮރޯށި ތަކުގައިވެސް ސްކްރީން ކުރުމުގެ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިދާނެ ކަމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ހެދި ރިސްކް އެސެސްމަންޓްގައި ވަނީ ރާއްޖެއަށް މިވައިރަސްގެ ނުރައްކާ ބޮޑު ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންދަނީ މި ވައިރަސް އަށް ޝައްކު ކުރެވޭ މީހުންނާއި ޕޮޒިޓިވްވާ މީހުން ފާހަގަވުމުން އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންތައް އެކުލަވާލާ ކަމާ ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ މުވައްޒަފުންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް މިހާތަނަށް ހަތަރު ޕްރޮގްރާމެއް ވަނީ ބާއްވާފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އާންމުން ސާފުކުރަން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން މިހާރު ވަނީ 24 ގަޑިއިރު ހިދުމަތް ލިބޭ ހާއްސަ ހޮޓްލައިން އެއްވެސް ގާއިމުކޮށްފަ އެވެ. ހޮޓްލައިން ނަންބަރަކީ 7377004 އެވެ. 

ޗައިނާގެ އިތުރުން މިހާތަނަށް ކޮރޯނާ ވައިރަސް ފެނިފައިވާ ކަމަށް އިއުލާންކޮށްފައިވަނީ އެމެރިކާ، ދެކުނު ކޮރެއާ، މެލޭޝިއާ، އޮސްޓްރޭލިއާ، ކެމްބޯޑިއާ، ފްރާންސް، ވިއެޓްނާމް، ކެނެޑާ، ސައުދީއަރަބިއްޔާ، ނޭޕާލް، ސްރީލަންކާ، ޖަރުމަނު، ތައިލެންޑް އަދި ޔޫއޭއީ އެވެ. 

ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ރާއްޖެއަށް އޮތް ނަމަވެސް މިވައިރަހުގެ ހުރިހާ ކްރައިޓީރިއާ އަކަށް ފެތޭ މީހަކު ރާއްޖެއިން އަދި ފެނިފައި ނުވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް