ads
މަރާލި ދޫނިތަކުގެ ފޮޓޯ
"ދޫނިތައް މަރާލެވުމުން ހިތާމަ ކުރަން، އެކަން ހިނގަނީ ގަވައިދާއި ހިލާފުވުމުން"
ރާއްޖެއަށް ގަވައިދާއި ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުން، އެކަމާއި ހިތާމަ ކުރާ ކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ގިނަ އަދަދެއްގެ ދޫނިތަކެއް ރަހުމް ކުޑަގޮތަކަށް މަރާލި މައްސަލައިގައި ގިނަ ބައެއް ނުރުހުން ފާޅުކުރަމުންދަނިކޮށް މިނިސްޓްރީން ވަނީ މިއަދު ދޫނިތަށް މަރާލަން ޖެހުނު ސަބަބު ބަޔާންކޮށް ބަޔާނެއް ނެރެފައެވެ. އަދި ބަޔާނުގައި ދޫނިތައް މަރާ ލުމުން ހިތާމަ ފާޅު ކުރާކަމަށް ބުނި ނަމަވެސް މިނިސްޓްރީގެ އަމަލު ދިފާއު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. 

މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ގަވައިދާއި ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ފަސް ދޫނި ޝިޕްމަންޓެއް އެ މިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާވިސްއިން އަށެއް ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން ރައްޔިތުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާއި، އިހްސާސްތައް އިހްލާސްތެރި ކަމާއި އެކު ބަލައިގަނެ އެކަމާއި މެދު ހިތާމަ ކުރާ ކަމަށެވެ. 

ގާނޫނާއި ގަވައިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ނައްތާލަންޖެހޭ ހާލަތްތަކުގައި ގާނޫނާއި ގަވައިދާއި އެއްގޮތަށް މީގެ ކުރިން ވެސް ތަކެތި ނައްތާލަމުން އަންނަ ކަމަށާއި، އެކަމަކީ އެ މިނިސްޓްރީން ފޯރުކޮށްދޭން ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި މި ދޫނިތައް ނައްތާލުމުގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓް އެއް އެކުލަވާލުމަށް ރައީސް އަންގަވާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށާއި، މި ރިޕޯޓުން އެކަން ހިނގި ގޮތް އެނގިގެން ދާނެ ކަމަށް ބުނެފައިވެއެވެ. އަދި ރިޕޯޓް ނިމުމުން އެކަމާއި ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅު އެޅުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ސިއްހަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާ އެކު، ޕްލާންޓް އެންޑް އެނިމަލް ކުރަންޓިން ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރާނެކަމަށެވެ.

"އެކަން ކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަހަތު ވެރިންގެ ލަފަޔާއި އިރުޝާދާ އެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. އަދި މިކަމާއި ގުޅިގެން ގާނޫނާއި ގަވައިދާއި ހިލާފަށް ކަމެއް ހިނގާފައި ވާނަމަ އެކަމެއް ކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެ ބަޔާނުގައި ބުނެއެވެ.

ދޫނިތައް މަރާލި މައްސަލާގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، މީގެ ކުރިންވެސް ގަވައިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދޫނިތަށް މަރާލާކަން ފާހަގަ ކޮށްލެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް