ads
މީރާގެ ހަރަކާތެއްގެ ތެރެއިން
ޖަނަވަރީ މަހު މީރާއިން 2.36 ބިލިއަން ރުފިޔާ ބަލައިގަނެފި
މިދިޔަ މަހު މީރާއަށް 2.36 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 31.2އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޖަނަވަރީ 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 38.6އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. 

މިގޮތުން، ޑިސެންބަރު 2020 އާއި އަޅައިބަލާއިރު، ޑިސެންބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވެއެވެ.

ޖަނަވަރީ 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 44.6 އިންސައްތަ ނުވަތަ 1.05 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 36.6އިންސައްތަ ނުވަތަ 864.41 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ (4.0އިންސައްތަ)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ (3.6އިންސައްތަ)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން ރުފިޔާ (3.2އިންސައްތަ)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ (8.0އިންސައްތަ) ލިބިފައިވެއެވެ.

ޖަނަވަރީ 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް