ads
ފަޟީލާ މަނިކެ ހޮސަޕިޓަލުގައި
15 އަަހަރުވީ ޓިއުމަރެއް ބޮލުތެރޭ ބޮޑުވީ "މިސް" ކޮށްލެވުނު އެންމެ އެމްއާރްއައި އަކުން!
ބޮލުގައި ރިއްސުމަކީ "އާއްމު" ކަމެއް ކަމަކަށްވިޔަސް "ކުޑަކަމަކަށް" ހަދާފައި ދޫކޮށްލާ ވަރަށް ގިނަ މީހުން އުޅެއެވެ. ޑޮކްޓަރަކަށް ދައްކާލަން އާއިލާ މީހުން ބުންޏަސް "މާބޮޑު ކަމެއް ނޫން. އެހެން ހުރެފައި ރަނގަޅުވެދާނެ" ބުނެ ލުމަށްފަހު ޕެނެޑޯލް ގުޅައަކުން ފުއްދާލެވެނީއެވެ. ހ.ދ ހަނިމާދޫގައި ދިރިއުޅެމުންދިޔަ އުމުރުން 45 އަހަރުގެ ފާޟީލާ މަނިކައަށް ވެސް ވީ އެހެންނެވެ.

ފަޒީލާގެ މުޅި ދިރިއުޅުން ބަދަލުވިގޮތް "ސީއެންއެމް" އާއި ހިއްސާކުރަމުން ފަޟީލާގެ ދަރިފުޅު ލަހުފާ ބުނީ، މަންމަ ފަޟީލާގެ އާއްމު ހާލަތު ބަދަލު ވެގެން އައީ ކުއްލި އަކަށް ކަމަށެވެ. 

ލަހުފާ ކިޔާދިން ގޮތުގައި ފަޟީލާ އަކީ އާއްމުކޮށްވެސް ބޮލުގައި ރިއްސާތީ އުޅޭ މީހެކެވެ. ބޮލުގައި ވަރަށް ބޮޑަށް ރިއްސާތާ އެތައް ދުވަހެކެވެ. ނަމަވެސް އަޅާ ނުލާ ދޫކުރެވުނީ އާއްމު ބޮލު ތަދެއް ކަމަށް ހީކުރެވިގެންނެވެ. އެއީ އާއްމު ބޮލުގައި ރިހުމެއް ނޫންކަން އެގުނީ އެއްދުވަހު ކުއްލިއަކަށް ވެއްޓުމުންނެވެ.  މިހާރު ފަޒީލާ އެދަނީ ބޮލުގައި އުފެދިފައިވާ ޓިއުމަރުގެ ސަބަބުން މަރާ ހަގުރާމަ ކުރަމުންނެވެ.

ފަޒީލާގެ ފަސްދަރިން އެބަ ތިއްބެވެ. އެކުދިން ތިބީ މިއަދު ފަޒީލާގެ ވަސިއްޔަތަކަށް މާލެ އައިހެވެ. އޭގެ ތެރެއިން ދެކުދިންނަކީ ތެލެސީމިއާ ދެކުދިންނެވެ. އެއީ ކޮންމެ މަހަކު ލޭއަޅަން ޖެހޭ ކުދިންނެވެ. މިއަދު އެކުދިން މަންމަގެ އެހީއަށް ބޭނުންވި ނަމަވެސް އެ މަންމަ އޮތީ ވޭނުގައި އޭޑީކޭ ހޮސްޕިޓަލު ގައެވެ. 

ގިނަދުވަހަށް ބޮލުގެ ވޭނެއްގައި އުޅެން ޖެހުނު ސަބަބަކީ ބޮލުގައި އުފެދިފައިވާ ޓިއުމަރެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން އެޓިއުމަރެއް ބޮލުގައި އުފެދިފައިވާތާ 15 އަހަރު ވަނީ ވެފައެވެ. އެ ޓިއުމަރު ޓެނިސް ބޯޅައަކާއި އެއްވަރުވެފައި ވާކަމަށް ޑޮކްޓަރުން ބުނެއެވެ. އޭގައި ގާތްގަޑަކަށް ހަ ސެންޓް މީޓަރު ހުންނާނެ ކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައިކަމަށް ފަޒީލާގެ ދަރިފުޅު ލަހުފާ ބުންޏެވެ.  

"މަންމަ އަބަދުވެސް ވަރަށް ބޮޑަށް ބޮލަށް ތަދުވެގެން އުޅޭނީ. އެހެންވެ ވަރަށް ގިނައިން ޑޮކްޓަރަށް ދެއްކޭ. އޭރުވެސް ޑޮކްޓަރު ބުނި އެމްއާރުއައި އެއް ހެދުމަށް. އެކަމަކުވެސް އާއްމު ބައްޔަކަށް އޭރު ހެދީ. މާލޭގަ މަޑު ކޮށްގެން ތިބުމަށާއި ހުރެވޭނެ ގޮތެއް ނެތުމުން އެމްއާރުއައި އެއް ނެހެދީ. ކޮންމެ ފަހަރަކުވެސް ބޭސްދިނީމަ ކައިގެން ރަނގަޅުވޭ. ހީކުރީ އާއްމު ބޮލުތަދެއް ކަމަށް." ލަހުފާ ބުންޏެވެ.

އާއިލާއަކީ މާލީހާލަތު ވަރަށް ދަށް އާއިލާ އެއްކަމުން މާލެއައިސް ޑޮކްޓަރަށް ދެއްކުނަސް ދެއްކެނީ އައިޖީއެމްއެޗްއަށް ކަމަށް ލަހުފާ ބުންޏެވެ. ނަމަވެސް "އެމްއާރުއައި" އެއް ހެދުމަށް ޑޮކްޓަރު ބުނުމުން އޭރުވެސް މަޑު ނުކުރެވެނީ އާއްމު ބޮލުތަދެއް ކަމަށް ހީކޮށްގެން ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް ނަމްބަރު ލިބޭގޮތް ލަަސްވުމާއި މާލޭގައި ކުއްޔަށް ތިބެން އެހާ ނުފޯރާތީ ކަމަށްވެސް ލަހުފާ ބުންޏެވެ.

"އެހެން ހުއްޓާ މިދިޔަ ހަފްތާގައި މަންމަ ކުއްލިއަކަށް ވެއްޓުނީ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ފުރަތަމަ ވެސް ގެންދިޔައީ. އެމަޖެންސީކޮށް މާލެ ގެނައީ އައިޖިއެމްއެޗްއަށް. މިހާރު މިއޮތީ އޭޑީކޭގައި. ގެނައިރު ކޮވިޑަށް ޕޮޒިިވްވެފައި ވާތީ އޮޕްރޭޝަން ލަސްވީ." ލަހުފާ ބުންޏެވެ.

މާލެ ގެނައި ފަހުން ސިކުނޑި ދުޅަވެ ނޭފަތުން ލޭ އައިސް މާބޮޑަށް ބަލިހާލަތު ގޯސްވެ އައިޖީއެމްއެޗުން އޭޑީކޭއަށް ބަދަލުކުރިތާ މިހާރު ވަނީ ފަސް ދުވަސް ވެފައެވެ. މަންމައަށް އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކޭ ކަމަށާއި، އަދި ހޮސްޕިޓަލުން ދޫކުރާނެ ދުވަހެއްނޭގޭ ކަމަށްވެސް ލަހުފާ ބުންޏެވެ. 

ފަޟީލާގެ ފަސް ދަރިންނަކީ ވެސް އެހާ ފޯރާބައެއް ނޫނެވެ. މިވަގުތުވެސް މާލޭގައި އެކުދިން އެތިބީ މަންމަގެ ވަސިއްޔަތަކަށް އޮޕްރޭޝަނުގެ ކުރިން މަންމަ ދަރިން ދެކެލުމަށް ބޭނުންވާތީވެ، މާލެ އައިހެވެ. ނަމަވެސް އެކި ކުދިން ދިރިއުޅެމުން އެދަނީ އެކިމީހުންގެ އެހީގައި ވަކި ވަކި ގޭގޭގައެވެ.

އެ ކުދިންނަށް އެލިބުނު ކުއްލި ޝޮކާއެކު މަންމަ މާލެ ގެނެސް ހޮސްޕިޓަލުގައި ބާއްވައިގެން ތިބީއެވެ. އޭޑީކޭއަކީގައި ހޭދަވާ ކޮންމެ ދުވަހަކަށް އެތަނަށް ފައިސާ ދައްކަންް ޖެހެއެވެ. ފަޒީލާގެ ފަސްދަރިން މިއަދު ކަންބޮޑުވަނީ މަންމަގެ ބަލިހާލަތާއި އެއްކޮށް އެކުދިން އެހޮސްޕިޓަލަށް ދަރަނިވެރިވެ މަންމަ ސަލާމަތް ކުރެވުނަސް އެތަނުން ނެރޭނެ ގޮތެއް ވެސް ނެތިދާނެތީއެވެ. މިހާރުވެސް ހޮސްޕިޓްލުގައި ފަސްދުވަސް ވެގެން ގޮސްފި ކަމަށާއި، އަދި ވާނީ ކިތައްދުވަސް ކަމެއް ނޭގޭ ކަމަށްވެސް ލަހުފާ ބުންޏެވެ.

އަދި މިވަގުތު ޑޮކްޓަރު ނިޔާފް ވިދާޅުވިކަމަށް ލަހުފާ ބުނީ މަންމަ އޮޕްރޭޝަނަށް ފަހުވެސް އަބަދު ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އޮޕްރޭޝަން ކާމިޔާބު ވިކަމުގައި ވިޔަސް ލޮލުގެ ފެނުމާއި، ވާހަކަ ދެއްކުމާއި، އައްސިވުން ފަދަ ތަކުލީފް އުފުލަން ޖެހިދާނެ ކަމަށް ލަހުފާ ބުންޏެވެ. 

ލަހުފާގެ އިތުރުން ފަޒީލާގެ ދެންތިބި ހަތަރު ދަރިން އެދެނީ އެކުދިންގެ މަންމަ ބަލިން ފަސޭހަވެ އާއްމު ދިރިއުޅުމައިގެން ދިރިއުޅެވޭނެ ދުވަހަކަށެވެ. އެހެން ނަމަވެސް ޑޮކްޓަރުވަނީ އޮޕްރޭޝަން ކާމިޔާބުވި ނަމަވެސް އެފަދައިން އާއްމު ދިރިއުޅުމުގައި ފަޒީލާއަށް ދިރިއުޅެވެނެ ކަމުގެ އުއްމީދު ކަޑާލާފައެވެ.

ފަޟީލާ މިވަގުތު އެދެނީ ފައިސާގެ ގޮތުން އެހީ އަކަށެވެ. ފައިސާގެ އެހީ ދެވެން ނެތް ފަރާތްތަކުން ވެސް، މަންމަ ފަޟީލާއަށް ހެޔޮ ދުއާ ކޮށް ދިނުމަށް އޭނާގެ ދަރިން އެދެއެވެ. 

އިތުރު މައުލޫމާތު ހޯދުމަށް:

  • އިތުރު މައުލޫމާތު: ފަޒީލާގެ ދަރިފުޅު 7229922 (ފާތުމަތު ލަހުފާ ފައިސަލް)
  •  އިތުރު މައުލޫމާތު: ފަޒީލާގެ ދަރިފުޅު 7984848(އިބްރާހިމް ޝަހުދު ފައިސަލް) 
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7730000249822 (ފަޒިލާގެ ދަރުފުޅު އިބްރާހިމް ޝަހުދު ފައިސަލް)

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ. 

19%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް