ads
ސައުދީއަރަބިއްޔާގެ އަންހެން ޑްރައިވަރެއް
ސައުދީ އަރަބިޔާ: 30 ޑްރައިވަރުން ހޯދަން އިއުލާން ކުރުމުން 28000 އަންހެނުން ކުރިމަތި ލައިފި
ސައުދިއަރަބިޔާގައި ރޭލް ކުންފުންޏަކަށް 30 އަންހެން ޑްރައިވަރުން ހޯދުމަށް އިއުލާން ކުރުމުން 28،000 އަންހެނުން އެ ވަޒީފާތަކަށް ކުރިމަތި ލައިފިއެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ހޮވާލެވޭ 30 މީހުން އެއްއަހަރު ދުވަހުގެ ތަމްރީނުތަކަށްފަހު މައްކާގެ މާތް ސިޓީތަކާއި މަދީނާއާ ދެމެދު ހައި-ސްޕީޑް ރޭލްތައް ދުއްވާނެއެވެ.

މިއީ ސައުދީ އެރެބިޔާގައި އަންހެނުންނަށް މިފަދަ ފުރުސަތު ހުޅުވާލައި އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ.

ސައުދިއަރަބިޔާއަކީ ދުނިޔޭގެ ނިސްބަތުން ވެސް އަންހެން މަސައްކަތު މީހުންގެ ބައިވެރިވުން އެންމެ ދަށް އެއްގައުމެވެ.

އެކަމަކު ތެލަށް ބަރޯސާވާ ސައުދީ އަރަބިޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ޕްލޭންގެ ދަށުން، ފާއިތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ ވަޒީފާ ތަކުގައި އުޅޭ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އަދި އަންހެނުންނަށް މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންހެނުން ވެހިކަލް ދުއްވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ފިރިހެނުންގެ ބެލެނިވެރިކަމުގެ ގާނޫނުތަކަށް ލުއި ދިނުން ފަދަ އިޖުތިމާއީ ގިނަ އިސްލާހުތަކެއް ގެނައުމުގައި ވެސް ވަނީ ބާރު އަޅާފައެވެ.

މިފަދަ ބަދަލުތަކުގެ ސަބަބުން، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، މަސައްކަތުގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ގާތްގަނޑަކަށް ދެގުނައަށް އިތުރުވެ، 33އިންސައްތައަށް އަށް އިތުރުވިއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި، ފިރިހެނުންނަށްވުރެ ގިނަ އަންހެނުން މަސައްކަތުގެ މައިދާނަށް ވަނީ ނުކުމެފައެވެ.

ނަމަވެސް، އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ބްރޫކިންސް އިންސްޓިޓިއުޓުން މިދިޔަ އަހަރު ޝާއިއުކުރި ދިރާސާއެއްބުނާ ގޮތުގައި، އަދިވެސް ޕަބްލިކް ސެކްޓާގައި އެންމެ ގިނަ ވަޒީފާތައް އަދާކުރަނީ ފިރިހެނުންނެވެ.

އެހެންކަމުން ސްޕެއިންގެ ރެއިލް ކުންފުނި ރޭންފޭގެ ރެކްރޫޓްމަންޓް ޑްރައިވްގެ ސަބަބުން ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރަން ބޭނުންވާ އަންހެނުންގެ ތެރެއިން ވަރަށް މަދު ބައަކަށް ނޫނީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

އިޖުތިމާޢީ ބޮޑެތި އިސްލާޙުތަކެއް ގެނެވުނު ނަމަވެސް، ސަޢޫދީ އަންހެނުން ކައިވެނިކުރުމަށް، ޖަލުން ނުކުތުމަށް، ނުވަތަ ބައެއް ކަހަލަ ސިއްހީ ފަރުވާ ހޯދުމަށް އަދިވެސް ފިރިހެން ބެލެނިވެރިއެއްގެ ރުހުން ހޯދަންޖެހެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި ކައިވެނި ކުރުމާއި އާއިލާ އާއި ވަރި ކުރުމާއި ކުޑަކުދިންނާ ގުޅުން ހުރި ނިންމުންތަކާ ގުޅިގެން ސައުދީގެ އަންހެނުންނަށް އަދިވެސް ތަފާތުކުރުންތައް ދަނީ ކުރިމަތިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް