ads
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ދަތުރުވެރިންނަށް ހުޅުވާލަނީ
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް އުފެއްދުމަށް ތިން އަހަރު ހޭދަވެގެން ގޮސްފައިވާއިރު، މިހާރު އެންމެ ފަހުން މި ޝިޕް މިއޮތީ ފަސިންޖަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށެވެ.

1188 ފޫޓުގެ ބޮޑު މިން ހުރި ރޯޔަލް ކެރީބިއަންގެ "ވޮންޑާ އޮފް ދަ ސީސް" ނަމަކަށް ކިޔާ މި ބޯޓު މިދިޔަ މަހު މޫދަށް ބާލާފައިވާއިރު، ފްލޮރިޑާގެ ފޯޓް ލައުޑާޑޭލް އިން ކެރީބިއަން އަށް ކުރާ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

18 ޑެކްގެ މި ކްރޫޒް ޝިޕް ހަދާފައިވަނީ ފްރާންސްގެ ސެއިންޓް ނަޒާއީރީގައި ހުންނަ ޗަންޓިއާސް ޑި އެލް އެޓްލާންޓިކް ޝިޕްޔާޑްގައި ކަމަށްވާއިރު، މި ޝިޕްގައި 6988 ގެސްޓުންނާއި 2300 ފަޅުވެރިންގެ ޖާގަ ހުރެއެވެ.

ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލްގެ ހޮޓެލް އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މާކް ޓަމިސް ސީއެންއެން ޓްރެވަލް އަށް ވިދާޅުވި ގޮތުގައި ހަ އަހަރުގެ ދިގު ޕްރޮސެސްއަކަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގެސްޓުންނަށް "ވޮންޑަ އޮފް ދަ ސީސް" އާއި އޭގެ ދުނިޔޭގެ ފެންވަރުގެ ފީޗާސްތައް ތައާރަފު ކުރެވިގެން ދިޔުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޕްލޭނިން އިން ފެށިގެން ބޯޓު ބޭލުމާ ހަމައަށް ވެސް އަޅުގަނޑުމެން ވަނީ ރޯޔަލް ކެރީބިއަންގެ އެކި ހިސާބުތަކުގައި ހުރި އަޅުގަނޑުމެންގެ އެކްސްޕަޓީޒްގެ ބޭނުން ހިފައި، ގެސްޓުންގެ ހުށަހެޅުންތަކާއި ޓްރެވަލް ޕާޓްނަރު ފީޑްބެކް ހިމަނައިގެން ހަގީގީ އިންސްޕަޔަރިން އެއްޗެއް އުފެއްދުމަށް މަސައްކަތް ކޮށްފަ"  

މި ބޯޓު އަންނަ މެއި މަހު ބާސެލޯނާ އާއި ރޯމް އިން ހުޅަނގު މެޑިޓެރޭނިއަން ދަތުރުތައް ފެށުމުގެ ކުރިން ފްލޮރިޑާގެ ފޯޓް ލައުޑާޑޭލް އިން ކެރީބިއަން އަށް ފަސް ރެއާއި ހަތް ރޭ އާ ދެމެދު ގެދަތުރުތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

"ވޮންޑާ އޮފް ދަ ސީސް" ގައި އަށް "އަވަށެށް" ހިމެނޭއިރު، އޭގެ ތެރެއިން އެއް "އަވަށު"ގައި 20،000 އަށްވުރެ ގިނަ އަސްލު ގަސް ހިމެނެއެވެ. އަދި އޭގެ އޮން-ބޯޑް ފީޗާތަކުގެ ތެރޭގައި "ކަނޑުގައި ވާ އެންމެ އުސް ސްލައިޑް" ގެ ގޮތުގައި ސިފަކުރެވޭ އެއްޗެއްގެ އިތުރުން 10 ޑެކް ހައި ޒިޕް ލައިނާއި ބޮޑު ޕޫލްސައިޑް ފިލްމް ސްކްރީނެއް ހިމެނެއެވެ.

"ގެސްޓުންނަށް ހަގީގީ އާދަޔާހިލާފު ތަޖުރިބާއެއް ދިނުމަށް އެންމެ ފުރިހަމަ އަދި އެންމެ އީޖާދީ އުޅަނދުތައް  ހޯދައިދިނުމަކީ އަހަރެމެން އަބަދުވެސް ފަޚުރުވެރިވާ ކަމެއް. ވޮންޑާގައި އެ ހުރިހާ ކަމެއް ވެސް ޝާމިލުވޭ،" ތަމީސް އިތުރަށް ވިދާޅުވިއެވެ.

މި ބޯޓު ކަނޑަށް ބޭލުމަށް ކުރިން ހަމަޖެހިފައި އޮތީ 2021 ވަނަ އަހަރު ނަމަވެސް، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މި ބޯޓު ބޭލުމުގެ ކަންކަން ވަނީ ފަސްކޮށްފައެވެ.

ކޮވިޑުގެ ސަބަބުން ކްރޫޒްލައިނާ އިންޑަސްޓްރީއަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ މެދުކެނޑުމެއް ނެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކްރޫޒް ޓްރެވަލްގެ ލެވެލް އެންމެ މަތީ ދަރަޖައަށް އިތުރުކޮށްފައި ވާއިރު، ކްރޫޒް ފަސިންޖަރުންނާއި ފަޅުވެރިންގެ މެދުގައި ބަލިތައް އިތުރުވުމަށް މެދުވެރިވުމުގެ ސަބަބުން، ކޮވިޑް-19ގެ ނުރައްކާ "ވަރަށް ބޮޑު" ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ފާއިތުވި ޖަނަވަރީ މަހު، ގިނަ އަދަދެއްގެ ކްރޫޒް ޝިޕްތަކަށް ހެލްތު އޭޖެންސީގެ ކޮވިޑު ގައިޑެންސް ކޮންމެހެނ ްމަޖުބޫރެއް ނޫނެވެ. މި މަހު ސީޑީސީން ވަނީ ލެވެލް 4 އިން ލެވެލް 3 އަށް ރިސްކް ލެވެލް ދަށްކޮށްފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ނިމުނު ސީޑީސީގެ ޝަރުތުހަމަވާ ސެއިލިން އޯޑަރުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުގައި، ގިނަ ޙާލަތްތަކުގައި ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައި ހުންނަން ޖެހޭއިރު، ބައެއް ކްރޫޒްލައިނާތަކުން ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވެކްސިން ހަމަކުރަން ޖެހެއެވެ.

ރޯޔަލް ކެރީބިއަންއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އާ ގުޅުން ހުރި ހާލަތްތަކެއް ހުރުމުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހު "ސިމްފަނީ އޮފް ދަ ސީސް" އާއި "ސެރެނާޑް އޮފް ދަ ސީސް" ހިމެނޭ ގޮތަށް އެ ކުންފުނީގެ ބައެއް ބޯޓުތަކުގެ އޮޕަރޭޝަންތައް މަޑުޖައްސާލާފައެވެ.

މި ކްރޫޒްލައިނާގައި މިހާރު އުމުރުން 12 އަހަރާއި އެއަށްވުރެ މަތީ ހުރިހާ ގެސްޓުންނަށް ފުރިހަމަ އަށް ވެކްސިން ހަމަކުރަން ޖެހޭއިރު، ދެ އަހަރުން މަތީގެ އުމުރުގެ ކުދިން ދަތުރު ކުރުމުގެ ކުރިން ކޮވިޑް-19 އަށް ނެގެޓިވް ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. ދެ އަހަރާއި އެއަށްވުރެ މަތީގެ ހުރިހާ ގެސްޓުން ވެސް އާންމު ސަރަހައްދު ތަކުގައި މާސްކު އަޅަން ޖެހެއެވެ.

ރޯޔަލް ކެރީބިއަންގެ އޮއޭސިސް ކްލާސްގެ ފަސްވަނަ އަދި އެންމެ އާ ބޯޓު ކަމަށްވާ "ވޮންޑާ އޮފް ދަ ސީސް" އަކީ ކުރިއަށް އޮތް މަސްދުވަހެއްގެ ތެރޭގައި ކަނޑުގައި ދަތުރުކުރުމަށް ތައްޔާރުވަމުން އަންނަ ތަފާތު ބްރޭންޑްތަކުގެ އާ ކްރޫޒް ޝިޕްތަކުގެ ތެރެއިން އެއް ޝިޕެވެ. 

ޕްރިންސެސް ކްރޫޒް ފްލީޓަށް އަލަށް އިތުރުވި "ޑިސްކަވަރީ ޕްރިންސެސް"، އިޓަލީގެ މޮންފަލްކަންގައި ހުންނަ ފިންކަންޓަރައި ޝިޕްޔާޑަށް ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ދިހަ އަހަރު ފަހުން ޑިޒްނީއިން އުފެއްދި ފުރަތަމަ އާ ކްރޫޒް ޝިޕް "ޑިޒްނީ ވިޝް" މި މޫސުމުގައި ކަނޑަށް ބޭލުމަށް ހަމަޖެހިފައިވާއިރު، ސިލްވާސީ ކްރޫޒްގެ އާ ލަގްޒަރީ ކްރޫޒް ޝިޕް "ސިލްވާ ޑޯން" ގެ ފުރަތަމަ ދަތުރު ސްޕްރިންގް ގައި ކުރުމަށް ހަމަޖެހިފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް