މިއީ ކޮން ވައިރަހެއް؟
މި ވައިރަހަށް ނޮވެލް ކޮރޯނާ ވައިރަސް ކިޔަނީ މިއީ ކޮރޯނާ ވައިރަސް އާއިލާގެ ތެރެއިން މުޅިން އަލަށް ފެނުނު ވައިރަހަކަށް ވާތީ އެވެ.
އެހެން ހުރިހާ ކޮރޯނާ ވައިރަހެއް ފަދައިން މި ވައިރަސް ވެސް އައިސްފައި ވަނީ ޖަނަވާރުންނެވެ. ވޫހާން ސިޓީގެ ސީފުޑް މާކެޓަކުން ފެތުރުނު މި ވައިރަސް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރަ އެވެ.
މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެ، 10،000 އާ ގާތް ކުރާ އަދަދެއްގެ މީހުންނަށް މި ވައިރަހުގެ އަސަރު ވަނީ ކޮށްފަ އެވެ.
މި ވައިރަހުން ޖެހެނީ ނިއުމޯނިއާ އެވެ. ކެއްސާ، ހުން އައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް މި ވައިރަހުގެ ސަބަބުން ކުރިމަތިވެ އެވެ.
ފުރާނައަށް ނުރައްކާވާ ހާލަތްތަކުގެ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ އެވެ. މި ބަލީގައި ގިނައިން މަރުވަމުން ދަނީ ސިއްހީ މައްސަލަތައް ކުރިން ވެސް ދިމާވެފައި ހުރި މީހުންނެވެ.
ހޮސްޕިޓަލުގައި ދެނީ ކޮން ފަރުވާއެއް؟
ހޮސްޕިޓަލުގައި އެޑްމިޓު ކުރާ މީހުންނަށް ފަރުވާ ދެނީ ފެންނަ އަލާމާތްތަކަށެވެ. އެގޮތަށް ހެދުމުން ހަށިގަނޑުގެ އަމިއްލަ ބާރުގައި ވައިރަސް ނައްތާލުމަށް އެހީވެދެ އެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގައި ބަލި މީހުން އެކަހެރި ކުރުމުން، މި ވައިރަސް އެހެން މީހުންނަށް ފެތުރުން ކޮންޓްރޯލް ކުރެވެ އެވެ.
ނިއުމޯނިއާ ޖެހި ފުއްޕާމެއަށް ގެއްލުންވާ ހާލަތަށް ބަލި މީހަކު ގޮސްފި ނަމަ، ބަލި މީހާއަށް އޮކްސިޖެން ދިނުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ކުރެ އެވެ.
މި ވައިރަސް ޖެހޭ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހާލު ދެރަ ނުވާ މީހުންގެ ލޭގެ ޕްރެޝަރަށް ބަދަލު އަންނަ ނަމަ އައިވީ ގުޅުމާއި، ބޭރަށް ހިންގުން ދިމާވާ ނަމަ ދިޔާ ތަކެތި ދިނުން ފަދަ ފަރުވާތައް ވެސް ހޮސްޕިޓަލުގައި ކުރެ އެވެ.
އެޗްއައިވީ ބޭހުން އެއްވެސް އަސަރެއް ކުރާނެތަ؟
މި ވައިރަހާ ދެކޮޅަށް އަދި ވެކްސިނެއް ނެތެވެ. ނަމަވެސް އެވްއައިވީއާ ދެކޮޅަށް ބޭނުން ކުރާ ދެ ބޭހެއް މި ވައިރަހާ ދެކޮޅަށް ބޭނުން ކުރުމުން ވާ ގޮތް ބެލުމަށް ޗައިނާގައި ދަނީ ޓެސްޓުތައް ހަދަމުންނެވެ.
ލޮޕިނަވިރް އަދި ރިޓޮނަވިރް، މި ދެ ބޭސް ވަނީ 2003 ވަނަ އަހަރު ފެތުރުނު ސާސް ވައިރަހާ ދެކޮޅަށް ކާމިޔާބު ކަމާއެކު ބޭނުންކޮށްފަ އެވެ.
އެ ދެ ބޭހުން ކޮރޯނާ ވައިރަހާ ދެކޮޅަށް ރަނގަޅު އަސަރެއް ކުރާ ނަމަ، ބައެއް ހާލަތްތަކުގައި ވެކްސިނެއް އުފެއްދެން ދެން، އެ ބޭސްތައް ބޭނުން ކުރުން އެކަށީގެންވެ އެވެ.
ކޮރޯނާ ވައިރަހާ ދެކޮޅަށް ވެކްސިން އުފެއްދުމަށް އަވަސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް އެކަމަށް އަހަރުތަކެއް ނެގުން އެކަށީގެންވެ އެވެ.
ސާސް ވައިރަހާއި 2012 ގައި ފެތުރުނު މާސް ވައިރަހާ ދެކޮޅަށް ވެސް އަދިވެސް ވެކްސިނެއް އުފެއްދިފައެއް ނުވެ އެވެ. ނަމަވެސް ވެކްސިނެއް ޓެސްޓުކޮށް ކާމިޔާބުވެއްޖެ ނަމަ، ޑަބްލިއުއެޗްއޯގެ ހުއްދައާއެކު ބޭނުން ކުރަން ފަށާނެ އެވެ.