ads
މުހައްމަދު މިރާހު
ހަލާކުވެފައިވާ 2 ކިޑްނީއާއިއެކު 14 އަހަރުގެ މިރާހުގެ ފެނުންވެސް ދަނީ ގެއްލެމުން!
ކިޑްނީގެ މައްސަލަ ތަކަކީ ރާއްޖޭގެ މިހާރު އާންމުވަމުން އަންނަ ސިއްހީ ބޮޑު، މައްސަލައެކެވެ. ޅަ އުމުރުގައި ބަލީގެ ވޭނުގައި އުޅެން ޖެހިފައިވާ އެތައް ބައެއް އެބަތިއްބެވެ. އެފަދަ އާއިލާއިން އާންމުންގެ އެހީ އަށް އެދެނީ އެފަދަ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމަކަށް އެދެތީއެވެ.

ނ. ހެބަދޫ މުރިނގު އުމުރުން އެންމެ 14 އަހަރުގެ މުހައްމަދު މިރާހު އަކީވެސް އުމުރުން ދެ އަހަރާއި ބައިން ފެށިގެން ކިޑްނީ ބަލީގެ ވޭން ތަހައްމަލް ކުރަމުންދާ ކުއްޖެކެވެ. 

"ސީއެންއެމް" އަށް އާއިލާގެ ފަރާތުން ކިޔާދިން ގޮތުން ދޮޅު އަހަރުގައި ކިޑްނީ ބައްޔަށް ހުށައެޅި އާއިލާއިން އެންމެ ފުރަތަަމަ ކުއްޖާ ގޮވައިގެން ދިޔައީ އައިޖީއެމްއެޗަށެވެ. އެ ހޮސްޕިޓްލުން ބެލުމަށް ފަހު، މިރާހުގެ ކިޑްނީގެ މައްސަލައެއް އުޅޭ ކަމަށް ބުންޏެވެ. ނަމަވެސް ބޭސް ދިނުމަށްފަހު އެފަހަރު އައިޖީއެމްއެޗުން ބުނީ އެހާ ބޮޑު ކަމެއް ނޫން ކަމަށެވެ. ބުނީ ބޭސް ބޭނުން ކުރުމުން ރަނގަޅުވެދާނެ ކަމަށެވެ. 

ކިޑްނީ ބަލި ހުރި ކަމަށް ފުރަތަމަ ވެސް އައިޖިއެމްއެޗް އިން ބުނުމާއެކު، އިންޑިއާ އަށް ދާން އާއިލާއިން ވަރަށް މަސައްކަތް ކުރިއެވެ. އެފަހަރު އިންޑިއާއަށް ނުދެވުނީ މިރާހް އަށް ދިމާވި މައްސަލައަކީ މާބޮޑު މައްސަލައެއް ނޫން ކަމަށްބުނެ އައިޖީއެމްއެޗްއިން އޭރު މިރާހު ދޫނުކޮށް ހިފަހެއްޓުމުން ކަމަށް މިރާހު ބަލަމުންދާ އޭނާގެ ދައްތަ އާމިނަތު އިސްމާއިލް ބުންޏެވެ.

އެގޮތަށް ހަތަރު މަސްވަންދެން ކުއްޖާއަށް އައިޖީއެމްއެޗުގެ އިރާޝާދުގެ މަތިން އާއިލާއިން ދިޔައީ ބޭސްދެމުންނެވެ. އެހެންނަމަވެސް އެ ދޭ ބޭހަކުން ކުޑަކުޑަ މިރާހުއަށް ލުއެއް ނުލިބެއެވެ. އެހެންކަމުން އެ ހަތަރުމަސްތެރޭވެސް އެތައް ފަހަރަކު އާއިލާއިން މިރާހު އައިޖީއެމްއެޗަށް ދައްކާފައިވެއެވެ.

" ކޮންމެ ފަހަރަކުވެސް ބުނަނީ އެހާ ބޮޑުކަމެއް ނޫނޭ. ދޭ ބޭސްތައް ބޭނުންކުރަމުންދާށޭ. އޭރަށް ރަނގަޅުވާނެއޭ. އިންޑިއާއަށް ދާންވެސް ވިސްނިން އެތައް ފަހަރަކު އެކަމަކު އައިޖީއެމްއެޗުން ބުނަމުންދިޔައީ ބޭރަށްދާހާ ކުއްޖާގެ ހާލަތު ސީރިއަސް ނޫންކަމަށް" އައިމިނަތު ބުންޏެވެ.

އެގޮތަށް ހަތަރު މަސްވަންދެން އައިޖީއެމްއެޗަށް ދައްކަމުން ދިއުމަށްފަހު އެންމެ ފަހު ފަހަރު ދެއްކިއިރު، ކުޑަކުޑަ މިރާހުގެ ދެކިޑުނީގެ ފިލްޓަރިން ފަކްޝަން އިނީ ހަލާކުވެފައެވެ. ކިޑްނީގެ ފިލްޓަ ހަލާކުވުމުގެ ސަބަބުން ކިޑްނީން ބޭރުވާ ނުސާފު ފެން ހަށިގަނޑުގެ އެތައް މިތަނަށް އެޅި ކުއްޖާގެ ހާލަތު ވަަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. 

އެގުން މުހިންމު: 
މިބައްޔަށް ކިޔަނީ ނެފްރޮޓިކް ސިންޑްރޮމް އެވެ. މިހެން ދިމާވަނީ ލޭގައި ހުންނަ ބޭކާރު އަދި ހަށިގަނޑުން ބޭރުވާ ނުސާފު ފެން ފިލްޓަކޮށްދޭ ކިޑްނީގެ ކުދިކުދި ލޭ ނާރުތަކެއް ހަލާކުވުމުންނެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަންޖެހޭ ގިނަ އަދަދެއްގެ ޕްރޮޓީން ޔޫރިންގެ ތެރެއަށް ލީކުވެގެންދާން ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން ލޯކައިރިއާއި، ތަބިކަށި އަދި ފައިފަދަ ތަންތަން ވަރަށް ބޮޑަށް ދުޅަވެގެންދެއެވެ.

އެހަބަރާއިއެކު އާއިލާއަށް ހިތާމާއި މޮޅިވެރިކަން ވެރިވިނަމަވެސް އެހާ ހިސާބުން ދެން އެންމެ ވަގުތެއްވެސް ބޭކާރުކޮށްނުލާ އާއިލާއިން ފަރުވާ ހޯދަން މިސްރާބު ޖެހީ އިންޑިއާއަށެވެ. 

ތަނަވަސްކަންވެސް ނެތުމާއިއެކު އެކި ފަރާތްތަކުގެ އެހީތެރިކަމާއިއެކު އިންޑިއާއަށް 30 ފަހަރަށްވުރެވެސް ގިނަ ފަހަރު ކުއްޖާ ގެންދެވުނެއެވެ. ނަމަވެސް އޭރު އޮތީ މާބޮޑަށްވެސް ލަސްވެފައެވެ. ދެކިޑުނީ "ޑެމޭޖް" ވެ، ކުއްޖާއަށް ރަނގަޅު ފަރުވާއެއް ފެށުނީންސުރެ ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދު ގައި އުފެދި ފައިވާ ހޮޅިތައް އެއްކޮށް ހަލާކުވެ ކިޑްނީއެއް ލެއްވޭނެ ގޮތެއް ދެން ނެތެވެ. ކިޑްނީއެއް ލިބުނަސް އެކަން ދެން ކުރެވޭކަށް ވެސް ނެތެވެ. އެވޭނުގައި ކުއްޖާގެ މުޅި އުމުރު ގުނަން ވަނީ ޖެހިފައެވެ.

"އެކިފަރާތް ތަކުގެ އެހީ ތެރި ކަމާ އެކު މިހާރު އިންޑިއާ އަށް 30 ފަހަރު ކުއްޖާ ގެންދެވިއްޖެ. އަދި 15 ފަހަރު ސްރީލަންކާ އަށް ދެވިއްޖެ. ކުރިން އިންޑިއާއަށް ދެއްކި ނަމަވެސް މިހާރު ޑޮކްޓްރަށް ދައްކަނީ ލަންކާއަށް. ހާލަތު ބަދަލުވެ ބޮޑު ވަރު ވިޔަސް މިރާން އަށް ކުޑަކޮށް ވެސް ރަނގަޅުވާހެން ހީވީ ލަންކާ ޑޮކްޓަރަށް ދެކި ފަހުން." އައިމިނަތު ބުންޏެވެ. 

މިރާހު ދުނިޔޭގައި ހުންނަ ކޮންމެ ދުވަހަކު ތަހަންމަލު ކުރާ ވޭނަށް ލުއެއް ހޯދުމަށް ބޭނުންކުރަންޖެހޭ ބާރުގަދަ ބޭހުގެ ސަބަބުން ލޭ މަތިވުމާއި، ކޮލޮސްޓްރޯލް އާއި، ހަކުރު މަތިވެ، ހަށިގަނޑުގެ އެކިތަންތަން ފާރުވެ، ލޯ އެއްކޮށް ހަލާކުވަމުންދާ ކަމަށް އާމިނަތު ބުންޏެވެ. 

މިރާހުގެ އާއިލާ އިން ދަނީ އެ ކުއްޖާ އަށް ބަލީގެ ވޭން ކުޑަކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއްް ކުރަމުންނެވެ. ދީލަތި ފަރާތް ތަކުގެ އެހީއާއި އެކު އެކު ޑޮކްޓްރުންނަށް ދައްކައިގެން ފަރުވާ ހޯދަމުންނެވެ.

މިރާހުގެ މަންމަޔާއި ބައްޕައަކީ އުމުރުގެ ފަހުކޮޅު ގުނަމުންދާ ދެމެފިރިންނެވެ. މިރާހުގެ ބައްޕަ، އުމުރުން 63 އަހަރުގެ އިސްމާއިލް އަބުދުﷲ އަކީ ސްޓްރޯކެއް ޖެހިފައިވާ ހިތުގެ ބަލިމީހެކެވެ. މިރާހު ބަލަމުން ދަނީ އޭނާގެ ދައްތަ އާމިނަތުއެވެ.

މިހާރު އުމުރުން 14 އަހަރުގެ މިރާހު އޭނާގެ އުމުރުން ދެއަރާއި ބައިން ފެށިގެން ތަހައްމަލް ކުރަން ޖެހިފައިވާ ކިޑްނީ ބަލީގެ ސަބަބުން އެތައް ކަމަކުން އެ ކުއްޖާ ވަނީ މަހުރޫމް ވެފައެވެ.

ބަލީގެ ސަބަބުން ކީސްޓޭޖްގެ އެއްވެސް ގްރޭޑެއްގައި ކިޔެވުމުގެ ފުރުސަތުވެސް އެކުއްޖާއަށް ނުލިބެއެވެ. ތައުލީމީ އެންމެ މުހިންމު ހަރުފަތްތަކުން މިރާހު ބާކީވި އިރު، އެހެން ކުދިން އުޅޭގޮތަށް އުފާވެރި މިނިވަން ދިރިއުޅުމެއް އުޅެން ބޭނުން ވެއެވެ. އެހެން ކުދިން ކާ އެއްޗެއްސާއި ކުޅޭ ކުޅިވަރުގައިވެސް ވަރަށް ބައިވެރިވާ ހިތްވެއެވެ.

"އެހެން ކުދިން ކާތަން ފެނުނީމަ. ރިހާކުރު ޗިޕްސް ފަދަ އެއްޗެހި ވަރަށް ކާހިތުން އުޅޭ. އެކަމަކު ހުއްދައެއް ނޯވޭ ކޮންމެ ކޮންމެ އެއްޗެއް ކާކަށެއް" މިރާހުގެ ދައްތަ އާމިނަތު ބުންޏެވެ.

އެހެން ކުދިން ދުވެ ސަކަރާތް ޖަހާ އެގޮތަށް ކުޅެ ސަކަރާތް ޖަހާ އުޅެން ބޭނުން ވެއެވެ. 

ކުޑައިރުން ފެށިގެން މިރާހު ކާން ޖެހިފައިވާ ބާރުގަދަ ބޭހުގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑުގެ އެކި ސަރަހައްދުތަކަށް އެކިއެކި ބަލި ފެތުރި އޭވޭން އޭނާ އުފުލަމުން ދާއިރު، ލޮލުގެ ފެނުން ދަނީ ދަށްވަމުންނެވެ. ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ހުއްޓުވޭ ކަށްވެސް ނެތެވެ.  

ދެކިޑުނީ ހަލާކުވެ، އުންމީދެއް ނެތްކަމަށްވިޔަސް މިރާހު ހަށިގަނޑުގައި ނޭވާ ހުރިހާ ހިދަކު ކުއްޖާގެ ސިއްހަތާއި ދިރިހުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ހުއްޓާލާކަށް އައިމިނަތުވެސް ބޭނުމެއް ނޫނެވެ. ހަލާކުވި ދެކިޑުނީއާއިއެކު އުޅެންޖެހިފައިވާ މިރާހުގެ ލޮލުގެ ފެނުން ވެސް ގެއްލިގެން ދިއުމަކީވެސް އައިމިނަތު އެދޭގޮތެއް ނޫންވެ. 

އެހެންކަމުން މި ވަގުތު އާއިލާއިން ބޭނުންވަނީ މިރާހުގެ ލޮލުގެ އޮޕަރޭޝަން ކުރުމަށް ރާއްޖޭން ބޭރަށް ދާށެވެ. ނަމަވެސް އާއިލާގައި އެވަރުގެ ފުދުން ތެރި ކަމެއް ނެތެވެ. މެދުނުކެޑި 10 އަހަރު ވަންދެން ބޭސް ކާން ޖެހުމުގެ ސަބަބުން ދުވަހެއް ދުވަހަކަށް އަންނީ ހަލަތުގޯސްވެ ދެލޯ ފުސްވަމުން ކަމަށާއި، ޑޮކްޓަރު ލަފާ ދެނީ ވީހާވެސް އަވަހަކަށް ލޮލުގެ އޮޕަރޭޝަން ކުރުމަށް ކަމަށް ކަމަށް އާމިނަތު ބުންޏެވެ.

your imageމިރާހުގެ ލޯ ދުޅަވެ، ހަންގަނޑު ހަލާކު ވަމުންދަނީ: ފޮޓޯ/އާއިލާ

ފުރަތަމަ ރާއްޖޭން ބޭރަށް ދިއުމުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުވެރި ވަމުން ކުއްޖާގެ ދައްތަ އެދެނީ ކުރަން ހަމަޖެހިފައިވާ ބޮޑު އޮޕަރޭޝަނަށް ދީލަތި ފަރާތްތަކުގެ ކޮންމެވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދިނުމަށެވެ. އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނަމަ ހެޔޮ ދުއާކޮށްދިނުމަށްވެސް އާއިލާއިން އެދެއެވެ. 

އިތުރު މައުލޫމާތު ހޯދުމަށް:

ކުއްޖާގެ ދައްތަ: 9945467

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7704262071101 ( އިސްމާއިލް އަބުދުﷲ )

ބީއެމްއެލް ( ޑޮލަރު ) އެކައުންޓް ނަނަބަރު: 7701467548001  (އަބްދުއްﷲ ރަޝީދު)

މިރާހުގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުން އެހީވެދެވެން ނެތް ނަމަވެސް، ހެޔޮ ދުއާ ކޮށްދިނުމެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

47%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް