ads
ކެންސަރު ދުވަހާ ގުޅިގެން މީގެ ކުރިން ބޭއްވި އިވެންޓެއް---ފޮޓޯ:ބީއެމްއެލް
ކެންސަރު ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް!
ކޮންމެ އަހަރެއްގެވެސް ހަތަރެއް ފެބްރުއަރީ އަކީ ކެންސަރާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމާގައި، އެއް ޝިއާރެއްގެ ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ.

ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެސޮސަައިޓީން ވަނީ ބުނެފައެވެ.


ދުނިޔޭގެ ކެންސަރު ދުވަސް 2020 ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް 20 ޖަނަވަރީން 10 ފެބްރުވަރީ 2020 ގެ ނިޔަލަށް "އަހަރެންނަކީ....އަދި އަހަރެން...." ސޯޝަލް މީޑިޔާ ކެމްޕެއިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކެމްޕެއިންގައި ބޭނުންކުރާ "އަހަރެންނަކީ... އަދި އަހަރެން...." (.I am and I will) ޝިއާރަކީ 2019 ން 2021 ވަނަ އަހަރުގެ ނިޔަލަށް ކެންސަރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔޫނިއަން އޮފް އިންޓަނޭޝަނަލް ކެންސަރު ކޮންޓްރޯލު (UICC)ން ކަނޑައަޅާފައިވާ ޝިޔާރެވެ.

މިޝިއާރު ބިނާވެފައި ވަނީ ފަރުދީގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ކޮންމެ ފަރާތަކަށް ކުޅަދާނަ މިންވަރަކުން ކެންސަރާ ދެކޮޅަށް ހަރަކާތްތެރިވުމާއި، މުޅި ދުނިޔެއިން އުފުލަމުންދާ ކެންސަރު ބަލީގެ ބުރަ ކުޑަކުރުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ. 

މިދުވަހާއި ގުޅުވައިގެން ކެންސަރު ބައްޔާ ދެކޮޅަށް ކުރާނެ ކަމެއްގެ އަޒުމު ކަނޑައެޅުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝިއާރު ބޯޑުތައް ހިއްސާކުރުމަށް
އެސޮސައިޓީން ވަނީ ރާވާފައެވެ.


އޭގެ އިތުރުން ކެންސަރު ބައްޔާއި ގުޅޭގޮތުން އެސޮސައިޓީން ތައްޔާރުކޮށްފައިވާ ޓޫލްކިޓް 19 ފެބްރުއަރީން 23 ފެބްރުއަރީ 2020 އަށް ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި ސްކޫލްތަކާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މިޓޫލްކިޓްތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ކެންސަރަށް މަގުފަހިވާފަދަ ކަންތައްތައް ދެނެގަތުމާއި، ކެންސަރުގެ އަލާމާތްތައް ދެނެގަންނާނޭ ގޮތްތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާފަދަގޮތަކަށް ކަންތައްތައް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި، ކެންސަރުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ހިމަނާފައިވާނެއެވެ.

އޭގެ އިތުރުން އެސޮސައިޓީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން އެކޯޕަރޭޝަންގެ "މަންސާ" ޕްރޮގްރާމުގެ ދަށުން ކެންސަރު ބައްޔާއި ގުޅޭ ލައިވް ސްޓްރީމް ޕެނަލް ޑިސްކަންޝަނެއް 04 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ހަމައެހެންމެ ސްކޫލް އެސެމްބްލީ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖހިފައެވެ. ކެންސަރު ބައްޔާއި ގުޅޭ މައުލޫމާތާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ދިރިއުޅުން ބައްޓަންކުރަންވީގޮތުގެ މައުލޫމާތު ހިމެނޭ ޓޫލް ކިޓު ސްކޫލުތަކަށް ހިއްސާކުރާނެއެވެ. އެ ޓޫލްކިޓް ބޭނުންކޮށްގެން ދަރިވަރުންނަށް ސެމްބްލީގައި މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. 

އޭގެއިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކެންސަރު ސަޕޯޓް ގްރޫޕުން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު ކެންސަރު ސަޕޯޓް ގްރޫޕުގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ސަޕޯޓް ގްރޫޕް ސެޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް ގިނަ ހަރަތަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކެންސަރު ދުވަހުގެ އަމާޒަކީ ކެންސަރާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގެ އެހީގައި ކޮންމެ އަހަރަކު މިބަލިން ސަލާމަތްކުރެވޭ މީހުންގެ އަދަދު އިތުރުކުރުމާއި، މިބައްޔާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުކުރުމަށް ދައުލަތްތަކަކަށް ބާރު އެޅުމެވެ.

ކެންސަރުގެ އަސަރު ކޮންމެ މީހަކަށްވެސް ތަފާތުކޮށް ކުރާ ފަދައިން، ކޮންމެ މީހަކީވެސް ކެންސަރުގެ ސަބަބުން ކުރާ އަސަރު އެކިގޮތްގޮތަށް ކުޑަކުރުމަށް ބާރުވެރިވެފައިވާ މީހެކެވެ. ކެންސަރު ބަލީގެ އަސަރު ކުޑަކުރުމަށް ކޮންމެ މީހަކުވެސް އެމީހަކަށް ވީ މިންވަރަކުން އެހީތެރިވެދިނުމަށް ވަކިވަކި ފަރުދުންނާއި ސަރުކާރާއި، ކުންފުނިތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކަށް އެސޮސައިޓީން އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް