ads
ރައީސް ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރާއްޖެ ރަޝިއާ އާއި ދެކޮޅު، އިންޑިއާއޮތީ ހަނު!
ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު މިހާރު ކުރެވެމުން އަންނަ ހަނގުރާމައިގެ އަސަރު ނުކުރާނެ ގައުމެއް މި ދުނިޔޭގައި މިހާރު ނެތް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެންމެ ކުޑަ ގައުމު ތަކުން ފެށިގެން ގޮސް އެންމެ މަތީ ފަންތީގެ ގައުމުތަކަށްވެސް މި ހަނގުރާމައިގެ އަސަރު ކޮންމެސް ގޮތަކުން ވަނީ ކޮށްފައެވެ.

ރަޝިއާއިން ޔޫކްރެއިންއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ރަޝިއާއިން މިހާރުން މިހާރަށް ޔޫކްރެއިން އިން ފޭބުމަށް އދ، ގެ އާއްމު މަޖިލީހުގައި ރޭ ވަނީ ވޯޓެއް ނެގިގެން ގޮސްފައެވެ. ރަޝިއާއާއި ދެކޮޅަށް ދުނިޔޭގެ 141 ގައުމަކުން ވޯޓު ދިން އިރު ރަޝިއާ އާއި އެއްކޮޅަށް ވޯޓު ދިނީ، އެންމެ ފަސް ގައުމެވެ. ވޯޓުގައި ބައިވެރިވުމަށް ތަޅުމަށް ހާޒިރުނުވާ، ނުވަތަ ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވެގެން ހާޒިރުނުވެތިބި، 35 ގައުމެއްވެސް އޮތެވެ. 

މި 35 ގައުމުގެ ތެރޭގައި ދިވެހިންނާއި އެންމެ ގާތް ގުޅުމެއް އޮންނަ އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުން ނަމަ، ރާއްޖޭގެ ކަންކަން ކޮންޓްރޯލް ކުރާ އިންޑިއާވެސް ހިމެނެއެވެ. އެހެން ކަމުން ރާއްޖެއިން ރަޝިއާއާއި ދެކޮޅަށް ވޯޓު ދިނުމުން މިއަދު ރައްޔިތުންގެ ހިތުގައި މީގެ ކުރިން އުފެދިފައިވާ ގިނަ ސުވާލުތަކަކަށް މިވަނީ ފުރިހަމަ ޖަވާބެއް ދެވިގެން ގޮސްފައިކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. 

އަދުގެ ސަރުކާރާއި، އިންޑިއާ ސަރުކާރާއި އޮންނަ ގުޅުމުގެ ސަބަބުން "މޭ ބޮޑުވެ" އެ ގުޅުން ކަނޑާލުމަށް ނުވަތަ ގުޅުމުގެ މިންވަރު ދަށް ކުރުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ހުއްޓުމެއްނެތި ގޮވާލަމުންނެވެ. އަދި ރާއްޖެ އަކީ މިހާރު މިނިވަން ކަމާއި އެކީ އެއްކަމެއްވެސް ކުރުމުގެ ގާބިލުކަން އޮތް ގައުމެއް ނޫން ކަމަށާއި، އިންޑިއާ ޖެހިހާ ބެރަކަށް ދިވެހި ސަރުކާރުން މިއަދު ނަށަމުންދާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް ރޭ އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހިން ރަޝިއާ ކުށްވެރިކުރި އިރު، އިންޑިއާއިން ތިބީ ހާޒިރު ނުވެއެވެ. ނުވަތަ އިންޑިއާއިން ރަޝިއާ ކުށްވެރިކުރަން ބޭނުން ނުވީއެވެ.

އިދިކޮޅު ފަރާތްތަކުން އެބުނާގޮތަށް އިންޑިއާ ސަރުކާރުގެ "ކުޑަ ސަރުކާރެއް"ގެ ގޮތުގައި ދިވެހި ރާއްޖެ އޮތްނަމަ އިންޑިއާއިން ބޭނުންވާގޮތަށް ރާއްޖެ ވޯޓު ނުދޭންޖެހޭ ސަބަބެއް ނެތެވެ. އިންޑިއާއިން ރަޝިއާ ކުށްވެރި ނުކޮށް ތިބި ތިބުމަށް "އިންޑިއާގެ ކުޑަ ސަރުކާރުގެ" ގޮތުން ރާއްޖެވެސް ވޯޓު ދީގެން ނުވާނެއެވެ. 

އެހެން ނަމަވެސް ފެނިގެން މިދިޔައީ، ދިވެހިންނަކީ އަދިވެސް ދިވެހިން ބޭނުންވާ ގޮތަށް ދިވެހިންގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި، އާރާއި ބާރު އޮތް ގައުމެއްގެ ގޮތުގައެވެ. ދިވެހިންގެ ކަންކަން އަދިވެސް ނިންމާނީ ދިވެހިންކަން ރޭ އދ. ގައި ނެގިގެން ދިޔަ ވޯޓުން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ. 

އަދި ދިވެހިން ގަބޫލު ކުރާ ސިޔާސަތުތައް މަތީ ރައީސް ސޯލިހުގެ ސަރުކާރުން ދެމިހުރިކަން ރޭގެ ވޯޓުން މިވަނީ އިދިކޮޅު ފަރާތްތަކަށް ދައްކާދީފައެވެ. 

މި ވޯޓުގެ ސަބަބުން ރާއްޖެއަށް ގޯސް އަސަރެއް ކޮށްފާނެ!

ޓޫރިޒަމް މިނިސްޓްރީން މި ހުސްވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ ރަޝިއާއެވެ. ރަޝިއާއިން އަހަރުގެ މިހާތަނަށް 39،660 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. 

މިކަމާއި ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ނެގި ވޯޓުގެ ސަބަބުން ދިވެހި ޓޫރިޒަމަށް އޭގެ ނުރަނގަޅު އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށެވެ. ސަބަބަކީ ރަޝިއާ އާއި ދެކޮޅަށް ނެގި ވޯޓުގެ ސަބަބުން ރަޝިއާގެ ސަރުކާރުން ދިވެހި ރާއްޖެއަށް ދެން ޓޫރިސްޓުން ފޮނުވުމަށް ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ޔަގީން ކުރެވޭތީ ކަމަށެވެ. 

ކޮންމެ ގޮތެއްވިޔަސް ދިވެހި ސަރުކާރުން މިވަނީ ސަރުކާރުގެ ސާބިތުކަން ދައްކުވައިދީފައެވެ. ވަކި ގައުމެއް ބެލުމެއްނެތި ދިވެހިންގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ދިވެހިންނަށް އޮތްކަން ދައްކުވާދީފައެވެ. ދިވެހިންގެ ނިންމުން ތަކަކީ ދިވެހިން ނިންމާ ނިންމުން ތަކެއް ކަމަށް ދައްކުވައިދީފައެވެ. 

އެހެން ކަމުން މިއަދު ހަމަ ޔަގީނުންވެސް ގިނަ ރައްޔިތުންގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ، އިދިކޮޅު ފަރާތްތަކުން އެބުނާ ވަރަށް ރާއްޖޭގެ ސަރުކާރުގެ ކޮންޓްރޯލް އިންޑިއާއިން ނަގާފައި ވޭތޯއެވެ. އެބުނާގޮތަށް ދިވެހި ސަރުކާރަކީ، އިންޑިއާގެ "ކުޑަ ސަރުކާރެއް" ތޯއެވެ؟

މި ސުވާލުގެ ޖަވާބު ދެއްވަން ރައްޔިތުންނަށް ދޫކޮށްލާނަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް