ads
ބައްޔަސް އަރީޝާގެ އަތުން ދޫކޮށްލާކަށް ފިރިމީހާ ބޭނުމެއްނުވޭ!
ދުނިޔޭން މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ (ޕަލްމޮނަރީ އާޓަރީ ހައިޕާޓެންޝަން ސޯގްރެން ސިންޑްރޯމް) ބަލި، އުމުރުން 23 އަހަރުގެ އަރީޝާ ތަހަންމަލު ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިއީ ހިތާއި ފުއްޕާ މެއާއި އެތެރެ ހައްޓަށް އަސަރު ކުރުވާ ބައްޔެކެވެ.

މި ބައްޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ، އަދި އެއްކޮށް ރަނގަޅުކުރެވޭނެ ބައްޔެއްވެސް ނޫނެވެ. މި ދަތި އުނދަގޫ ވޭނުގައި އަރީޝާގެ އަތުގައި ހިފައިގެން ހުރީ އޭނާގެ ފިރިމީހާ އަލީ ޝިފްރާޒް އެވެ. ފަހަރެއްގައިވެސް އެއަތުން ދޫކޮށްލާކަން ޝިފްރާޒް ބޭނުމެއް ނުވެއެވެ.  

"ސީއެންއެމް" އަށް އެދެމަފިރިން ކިޔައިދިން ގޮތުގައި، އަރީޝާއާއި، ޝިފްރާޒް އަކީ، ފުރަތަމަ ދެ އެކުވެރިންނެވެ. އެ އެކުވެރިކަން ލޯތްބަށް ބަދަލުވެ، އެކީގައި އުފާވެެރި ހަތަރު އަހަރު ގުނުނު ފަހުން، 2017ވަނަ އަހަރު އަރީޝާ ވަރަށް ބޮޑަށް ބަލިވިއެވެ. އައިޖީއެމްއެޗަށް ދެއްކުމަށްފަހު، ޑޮކޮޓަރުގެ ލަފާގެ މަތިން، ރާއްޖޭން ނުހެދޭ ޓެސްޓުތަކެއް ހެދުމަށް އޭގެ ހަފްތާ އެއް ފަހުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދިޔައެވެ. އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރު ވިދާޅުވީ، އަރީޝާ އެއްކޮށް ރަނގަޅު ނުވާނެ ކަމަށެވެ. 

ނަމަވެސް އަރީޝާގެ އަތުން ޝިފްރާޒް ދުލެއް ނުކޮށްލިއެވެ. ކައިވެންޏަށް ކުރަމުން އައި އުއްމީދުތައްވެސް ފަޑުވިޔަކަ ނުދިނެވެ. އަރީޝާގެ ބަލި ހާލަތާއި ގުރުބާން ކުރަންޖެހޭ އެތައް ކަމެއް ދެނެގެން 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު، ދެމީހުން ކައިވެނީގެ ގޮށްޖެހިއެވެ. 

ބައްޔަށް ޑައިގްނޯސްވި ހިސާބުން ފެށިގެން މަންމައަކަށްވުމުގެ އުފާވެރިކަން އަރީޝާއަށް ނުލިބޭނެކަން އަދި ބައްޕައަކަށް ވުމުގެ އުފާވެރިކަން ޝިފްރާޒަށް ނުލިބޭނެކަން އޮތީ އެނގިފައެވެ. ދަރިމައިވުމަކީ، އަރީޝާގެ ބަލި އިތުރަށް ބޮޑުވެ، އަރީޝާއަށް އޮތް ނުރައްކަލެއްކަމަށް ޑޮކްޓަރު އޮތީ ބުނެފައެވެ. ނަމަވެސް ޝިފްރާޒް އަރީޝާ ގަބޫލުކުރީ ހިނިތުންވުމާއިއެކު އެކީގައި އުފާވެރި ދުވަސްތަކަކަށް އުންމީދުކުރަމުންނެވެ. އެވަރު ފުދެއެވެ.

"ދެމީހުން އެންމެ ބޭނުން ވަނީ ހަމަ ހެޕީލީ މެރީޑްގަ އެހެން ނޯމަލް ކަޕްލްސް އުޅޭ ގޮތަށް ހިންހަމަޖެހިގެން އުޅެވޭނެ ދުވަހެއް"ޝިފްރާޒް ބުންޏެެވެ.

ޑޮކްޓަރު ލަފާ ދެއްވަނީ ވީހާވެސް އަވަހަށް ހިތާއި، ފުއްޕާމޭ ބަދަލުކުރަން!

އަރީޝާ މިވަގުތު އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަރީޝާގެ ބަލީގެ ސަބަބުން މީހެއްގެ އެހީތެރިކަން އަބަދުވެސް ބޭނުންވާތީ، ސިފްރާޒް ވަނީ އޭނާގެ ވަޒީފާއިންވެސް ނޯޕޭ ލީވެއް ނަނގާފައެވެ. އެއީ އަނބިމީހާ އަށް އެހީތެރި ވުމަށް ކައިރީގައި ހުރުމަށެވެ. މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި އެގޮތަށް އަރީޝާ އޮންނަތާ 38 ދުވަސް ވެއްޖެއެވެ. 

ޝިފްރާޒް މިއަދު ތައްޔާރު ވަމުން އެދަނީ އަނބިމިހާ ގޮވައިގެން އިންޑިއާ އަށް ދިއުމަށެވެ. އެއްކޮށް ރަނގަޅުވުމުގެ އުންމީދު ނެތްނަމަވެސް ޑޮކްޓަރު ލަފާދެއްވަނީ ވީހާވެސް އަވަހަކަށް އަރީޝާގެ ހިތާއި ފުއްމޭ، ބަދަލުކުރުމަށެވެ.

ރާއްޖެއިން ނުކުރެވޭ މި އޮޕަރޭޝަނަށް އެކަނިވެސް 1.5 މިލިއަން ދިވެހި ރުފިޔާ ހަރަދުވާ ކަމަަށް ޝިފްރާޒް ބުންޏެވެ.

“އެކަން ކުރެވެން އޮތީވެސް އިންޑިއާގައި ގިނަ މުއްދަތަކަށް މަޑުކޮށްގެން. ވެއިޓިން ލިސްޓުގައި ނަން ނޯޓު ކޮށްގެން އޯގަން ލިބެންދެން ހުންނައިރު ހަދާ ޓެސްޓުތަކާއި ތެރަޕީތަކަކީވެސް އާސަންތު ކަވާ ކުރާ އެއްޗެއް ނޫން.” އޭނާ ބުންޏެވެ.

އާސަންދަ ހޯދަމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި، އާސަންދަ ލިބުނު ކަމުގައި ވިޔަސް އިންޑިއާގައި ތިބުމަށް ބޮޑު ހަރަދެއް ހޭދަ ވަނެތީ ޝިފްރާޒް ބޭނުންވަނީ އަނބިމީހާގެ ފަރުވާއަށް ދީލަތި އެހީއަކަަށެވެ. 

އަރީޝާގެ ފިރިމީހާ ޝިފްރާޒް އެދެނީ ފައިސާގެ އެހީވެދެވެން ނެތް ނަމަ ވެސް، އަރީޝާ އަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

  • އަލީ ޝިފްރާޒް (އަރީޝާގެ ފިރިމީހާ): 7614312
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7770000068988 (އަރީޝާ އަބްދުއްﷲ)
  • ބީއެމްއެލް (ޑޮލަރު) އެކައުންޓް ނަމްބަރު: 7730000443122 (އަރީޝާ އަބްދުއްﷲ)

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

63%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް